Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:21

އދ. ގެ އާންމު މަޖިލީހުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ހުޅަނގުގެ ގައުމުތަކުން އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރާއި ޣައްޒާގެ ގަތުލުއާންމަށް ދޭ އެއްބާރުލުން ކުށްވެރިކުރައްވައި، އެ ގައުމުތަކުގެ ދެފުށްދެގޮތް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. އީރާނަކީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި، ބޭރުގެ ނުފޫޒެއް ނެތި ގައުމުގެ ދިފާއީ ބާރާއި ނިއުކްލިއާ ހަކަތައިގެ ހައްގުތައް ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:21
އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އެ ގައުމުގެ އަވަހާރަކޮށްލާފައިވާ ލީޑަރުންނާއި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ ފޮޓޯތައް ދައްކަވާލައްވާފައި

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އެ ގައުމުގެ އަވަހާރަކޮށްލާފައިވާ ލީޑަރުންނާއި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ ފޮޓޯތައް ދައްކަވާލައްވާފައި | ގެޓީ އިމޭޖަސް

އިސްރާއީލުން ނިއުކްލިއާ ހަތިޔާރު ގެންގުޅެމުންދާއިރު އެއްވެސް ފިޔަވަޅެއް ނާޅައި، އީރާނުގެ ނިއުކްލިއާ މަޝްރޫއުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކާއި ފާސްކުރުންތައް ކުރިމަތިކުރުވާތީ، ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތުތަކަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އީރާނުގެ ރައީސް ވިދާޅުވީ، އިތުބާރު އުފެއްދޭނީ ހަމައެކަނި ދައްކާ ވާހަކައަކުން ނޫން ކަމަށާއި، އެކަމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުގައި ގެންގުޅޭ ތަފާތުކުރުންތަކާއި ދެފުށްގެއްލޭ އުސޫލުތައް މުޅިން ދޫކޮށްލަންޖެހޭ ކަމަށެވެ.

Advertisement - worldAdvertisement

"މި ސަރަހައްދުގައި އެޓޮމިކް ބޮމާއި ފަނާކުރަނިވި އެހެނިހެން ހަތިޔާރުތައް ހުރީ އިސްރާއީލުގެ އަތުގައި. އެކަމަކު އީރާނުގެ ތަންތަން ބަލައި ފާސްކުރުމަށް ތިޔަ ގޮވާލަނީ!" މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ބޭއިންސާފު ގޮތްތަކަށް އިޝާރާތް ކުރައްވައި ޕެޒެޝްކިއަން ވިދާޅުވި އެވެ. "އިސްރާއީލުން ޣައްޒާގައި 70،000 މީހުން ގަތުލުއާންމު ކުރިއިރު، އީރާނުން މަޝްވަރާގެ މޭޒުދޮށުގައި ތިއްބާ އަޅުގަނޑުމެންގެ ގައުމަށް ބޮން އެޅި!"

އިސްރާއީލަކީ ނިއުކްލިއާ ހަތިޔާރު ހުރި ގައުމަކަށް ވީއިރުވެސް، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާ (އެން.ޕީ.ޓީ) ގައި ބައިވެރިވާން އެ ގައުމުން ދެކޮޅު ހަދާފައިވާ ކަމަށާއި، އެ ގައުމުގެ ތާރީޚުގައި ދުވަހަކުވެސް ބައިނަލްއަގުވާމީ އިންސްޕެކްޓަރަކަށް އެ ގައުމުގެ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދީފައިނުވާކަން ޕެޒެޝްކިއަން ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް، އެ ގައުމަށް އިނާމެއްގެ ގޮތުގައި ބިލިއަނުން ޑޮލަރުގެ ހިލޭ ހަތިޔާރު ދީ، ބޭނުން ކޮންމެ ގައުމެއްގެ ވެރިރަށަކަށް ބޮން އެޅުމުގެ ފުރިހަމަ މިނިވަންކަން ވަނީ ދީފައި،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހުރި ބޭއިންސާފު ފަރަގުތައް ހާމަކުރައްވަމުން ޕެޒެޝްކިއަން ތަކުރާރުކޮށް ވިދާޅުވީ: "އަޅުގަނޑު އަދިވެސް މި ބުނަނީ، ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އެކަމަކު އިންސްޕެކްޓަރުން ފޮނުވަނީ އީރާނަށް! މީހުން މަރަނީ އިސްރާއީލުން، އެކަމަކު ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އީރާނާ ދެކޮޅަށް!"

'އަޅުގަނޑުމެންނަކީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ ބައެއް'

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ހާމަކޮށްދޭ ފޮޓޯތަކެއް ޕެޒެޝްކިއަން ވަނީ އާންމު މަޖިލީހުގައި ދައްކަވާފަ އެވެ.

"އަޅުގަނޑުމެންނަކީ ޓެރަރިސްޓުންނެއް ނޫން. އަޅުގަނޑުމެންނަކީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ ބައެއް،" އެމެރިކާގެ ރައީސް އީރާނާ ދެކޮޅަށް ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕެޒެޝްކިއަން ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ހަނދާން އާކުރައްވަމުން އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މި އައީ، އެއްވެސް ގާނޫނީ ހުއްޖަތެއް ނެތި އަދި އެއްވެސް ހެއްކެއް ނެތި އަޅުގަނޑުމެންގެ ލީޑަރު އަވަހާރަކޮށްލި އީރާނުން،" އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި 40 ދުވަހުގެ ހަނގުރާމައިގެ ފުރަތަމަ ދުވަހު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ޕްރައިމަރީ ސްކޫލަށް އެމެރިކާއިން ދިން ބޮމުގެ ހަމަލާގައި ޝަހީދުވި ކުޑަކުދިންގެ ފޮޓޯތައް ދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، "އަޅުގަނޑު މި އައީ ސްކޫލަކަށް ބޮން އެޅި އީރާނުން. މި ކުދިން ބައްލަވާ. އެމެރިކާ އާއި އިސްރާއީލުގެ ހަތިޔާރު ބޭނުންކޮށްގެން މި ކުދިން މަރާލީ. މި ކުދިން ކުރި އެއްވެސް ކުށެއް ނެތް."

މީގެ އިތުރުން، ލާމެރްދު ސިޓީއަށް އެމެރިކާގެ ސިފައިން އެންމެ ޒަމާނީ މިސައިލް ބޭނުންކޮށްގެން ދިން ހަމަލާގެ ތަފްސީލުވެސް އޭނާ ދެއްވި އެވެ. "ލާމެރްދަކީ އީރާނުގެ ކުޑަ ސިޓީއެއް. އެތަނުގެ ކުޅިވަރު ހޯލެއްގައި ކުދިން ކުޅެން ތިއްބާ އެމެރިކާއިން ކްލަސްޓާ ބޮން އެޅީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ސައިންސްވެރިންނާއި، އާންމުންނާއި، އަންހެނުންނާއި، އެއްވެސް ކުށެއް ނެތް ކުޑަކުދިން ޝަހީދުވި."

'އެމީހުން ހަމަލާދިން، އެކަމަކު އަޅުގަނޑުމެން ބޯނުލަނބަން'

އެމެރިކާ އާއި އިސްރާއީލުން އެންމެ ފަހުގެ އަސްކަރީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ވާހަކަ ޕެޒެޝްކިއަން ކިޔައިދެއްވި އެވެ.

"އެމީހުން ހަމަލާދިން، އެކަމަކު އަޅުގަނޑުމެން އެމީހުންގެ ކުރިމަތީގައި ބޯނުލަނބަން. އަޅުގަނޑުމެން ރައްދު ހަމަލާ ދިނީމު، އެކަމަކު އަޅުގަނޑުމެން އާންމުންނަކަށް ހަމަލާއެއް ނުދެން،" އީރާނުގެ ދިފާއީ ހަމަލާތަކާއި އިދިކޮޅު ފަރާތްތަކުން އާންމުންގެ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ ތަފާތު ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"އެމީހުން އަޅުގަނޑުމެންގެ ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ޔުނިވަރސިޓީތަކަށާއި، ފާލަންތަކަށާއި އަދި އުމްރާނީ ވަސީލަތްތަކަށް ހަމަލާދިން. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ޚިލާފު ކަންކަން."

އީރާނުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ތެހެރާންގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި ހާދިސާ ހަނދާންކޮށްދެއްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އިސްރާއީލުން ބޭނުން ކޮންމެ ސަރުކާރަކަށް ނުވަތަ ސަރަހައްދަކަށް ބޮން އަޅައި މީހުން މަރަމުންދަނީ އެއްވެސް ބިރެއް ނެތި ކަމަށެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ހުޅަނގުގެ ބާރުތަކުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތުތައް އޭނާ ކުށްވެރިކުރެއްވި އެވެ. "ޣައްޒާގައި 80،000 އަށްވުރެ ގިނަ މައުސޫމް އިންސާނުން ގަތުލުކޮށް، އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖައްސާފައި. އެމީހުންގެ އަތުގައި ހުރި ވަސީލަތްތަކުން ގަތުލުއާންމު ހިންގުމަށްފަހު، އެހެން މީހުންނަކީ ޓެރަރިސްޓުން ކަމަށާއި ހަމަނުޖެހުން އުފައްދާ ބަޔަކީ އެއީ ކަމަށް ބުނޭ."

"ހަމަނުޖެހުން އުފައްދަނީ އަޅުގަނޑުމެންތޯ؟ މިނިވަންކަމާއެކު ދިރިއުޅެން ބޭނުންވާ އަދި ބޯލަނބަން ދެކޮޅުހަދާ އަޅުގަނޑުމެންތޯ ހަމަނުޖެހުން އުފައްދަނީ؟"

"މީހުން މަރައި، ޖަރީމާތައް ހިންގާ މީހުންނަކީ ސަލާމަތާއި ސުލްހަ ގާއިމުކުރާ މީހުން ކަމަށްވާނަމަ، އަދި ބައިނަލްއަގުވާމީ އެއްވެސް ގާނޫނަކަށް އެމީހުން އިހުތިރާމް ނުކުރާނަމަ، މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ހަގީގަތަކީ."

ގައުމު ދިފާއުކުރަން އެއްވެސް މީހެއްގެ ހުއްދައަކަށް ނޭދޭނަން

އީރާނުން ސަރަހައްދީ ބާރަކަށް ވާން މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތައް ޕެޒެޝްކިއަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ފާއިތުވި 200 އަހަރު ތެރޭގައި އީރާނުން އެއްވެސް ގައުމަކަށް ހަމަލާދީފައި ނުވާނެ ކަމަށާއި، އީރާނުން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.

"އަޅުގަނޑުމެން ބާރު ބޭނުންވަނީ އަމިއްލަ ނަފްސު ދިފާއުކުރަން، އިސްވެ ހަމަލާދޭކަށް ނޫން. އަޅުގަނޑުމެން ހަކަތަ ބޭނުންވަނީ ތަރައްގީއަށް، ބޮން ހަދާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ސުލްހަވެރި ކަންކަމުގައި ބައިވެރިވާން."

ފަހުގެ ހަނގުރާމައިގައި އީރާނުގެ ރައްޔިތުން ދެއްކި ސާބިތުކަން ފާހަގަކުރައްވަމުން ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުން ގައުމު ސަލާމަތްކުރުމަށް ރައްޔިތުން ކޮންމެ ރެޔަކު މަގުތަކަށް ނުކުމެ ތިބި ކަމަށެވެ.

"ހަތް މަސް ދުވަސް ވަންދެން އީރާނުގެ ރައްޔިތުން ތިބީ ރޭދުވާލު މަގުތަކުގައި. ރައްޔިތުންނަކީ އަޅުގަނޑުމެންގެ ބާރު، އަދި އަޅުގަނޑުމެން މި ތިބީ ރައްޔިތުންގެ ބާރާއެކު."

އީރާނުގެ ދިފާއީ ގާބިލުކަމާ ގުޅޭގޮތުން ޕެޒެޝްކިއަން ސާފު މެސެޖެއް ދެއްވި އެވެ. "އަޅުގަނޑުމެންގެ ދިފާއީ ނިޒާމު ބިނާކޮށްފައިވަނީ އީރާނުގެ ސިޓީތަކަށް ބޮން އެޅުމުން ރައްދު ނުދީ ދޫކޮށްލާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެ ފަދަ ގޮތަކަށް. އީރާނުގެ ބާރަކީ ދިފާއީ ބާރެއް. އެކަމަކު އަޅުގަނޑުމެން ސާފުކޮށް މި ބުނަނީ: ގައުމު ދިފާއުކުރަން އެއްވެސް މީހެއްގެ ހުއްދައަކަށް އަޅުގަނޑުމެން ނޭދޭނަން."

އޭނާ އީރާނުގެ އިސްތިރާތީޖީ އުސޫލުތައް ބަޔާންކޮށްދެއްވި އެވެ. "އީރާނަކީ އޭގެ ދެމިއޮތުމާއި ކުރިއެރުމަށް ނުރައްކާ ނުވާނެ ފަދަ ބާރުގަދަ ގައުމަކަށް ވާންޖެހޭ. އަދި އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ޒިންމާދާރު ގައުމަކަށް ވާންޖެހޭ."

ނިއުކްލިއާ އިލްމަކީ ވަކި ބައެއްގެ މިލްކަކަށް ވެގެން ނުވާނެ

އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، ނިއުކްލިއާ އިލްމަކީ ހަމައެކަނި މަދު ގައުމުތަކެއްގެ މިލްކަކަށް ވެގެންނުވާނެ ކަމަށެވެ.

"އަހަރުތަކެއް ވަންދެން އެމީހުން އީރާނުގެ ސުލްހަވެރި ނިއުކްލިއާ މަޝްރޫއާ ބެހޭގޮތުން ވާހަކަދެއްކީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބޮމުގެ ބަހުރުވައިން. އެކަމަކު އަޅުގަނޑުމެންގެ ރައްޔިތުންނަށް ނިއުކްލިއާ ޓެކްނޮލޮޖީއަކީ ތަރައްގީވުމުގެ ހައްގުގެ ބައެއް."

"ނިއުކްލިއާ ހަކަތައަކީ ބަލިމީހުންނަށް ފަރުވާދިނުމާއި، ދަނޑުވެރިކަމުގެ ރައްކާތެރިކަމާއި، ސިނާއީ ކުރިއެރުމާއި އަދި މުސްތަގުބަލަށް ބޭނުންވާ ކަރަންޓު."

"ނިއުކްލިއާ އިލްމަކީ މަދު ގައުމުތަކެއްގެ އިމްތިޔާޒެއް ކަމަށް އީރާނުން ގަބޫލެއް ނުކުރާނެ. އީރާނުން ނިއުކްލިއާ ހަތިޔާރަކީ ސަލާމަތީ ކަމެއް ކަމަށް ނުދެކުނަސް، ސައިންސާއި ސިނާއަތާއި ސުލްހަވެރި ހަކަތަ ހޯދުމުގެ ހައްގު ދޫކޮށެއް ނުލާނެ."

"އަޅުގަނޑުމެން ސާފުކޮށް މި ބުނަނީ: ނިއުކްލިއާ ހަތިޔާރެއްވެސް ބޭނުމެއް ނޫން، އަދި ނިއުކްލިއާ އިލްމުން މަހުރޫމުވުމެއްވެސް ބޭނުމެއް ނޫން."

ޕެޒެޝްކިއަން ވިދާޅުވީ އީރާނުގެ ނިއުކްލިއާ މައްސަލަ ހަނގުރާމައިގެ މައިދާނުން ހައްލެއް ނުކުރެވޭނެ ކަމަށެވެ. "މީގެ ހައްލަކީ އީރާނުގެ މަޝްރޫއަކީ ސުލްހަވެރި މަޝްރޫއެއްކަން ދުނިޔެއަށް ޔަގީންކޮށްދޭ، އަދި އީރާނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ އެއްބަސްވުމެއް."

ހުރްމުޒް ކަނޑުއޮޅި އީރާނަށް ބިރުދައްކާކަށް ބޭނުމެއް ނުކުރެވޭނެ

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވަނީ ހުޅަނގުގެ ގައުމުތަކުގެ ބޭއިންސާފު އަމަލުތައް ހާމަކުރައްވާފަ އެވެ.

"ހުރްމުޒް ކަނޑުއޮޅީގައި، އެންމެންނަށް ފައިދާވާ މި މަގުގެ ބަލަދުވެރިއަކަށް އަޅުގަނޑުމެން ވެފައި، އަޅުގަނޑުމެންގެ އަމިއްލަ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުން މަހުރޫމްވެފައި ނުތިބެވޭނެ."

"އެމީހުން އަޅުގަނޑުމެންނަށް މަގު ބަންދުކޮށްފައި، ހަމަ އެ މަގުން ހަތިޔާރާއި ގޮވާތަކެއްޗާއި މިސައިލް އުފުލައި ގައުމުތައް ސުންނާފަތި ކުރަނީ. މިއީ ވާނެ ކަމެއް ނޫން. އެމީހުންނަށް އެކަމެއް ނުކުރެވޭނެ، އަދި އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން."

"ދުޝްމަނުންގެ މަނަވަރުތައް އަބަދުމެ މި ސަރަހައްދުގައި ބޭތިއްބުމަކުން ސަލާމަތެއް ނުލިބޭނެ. ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރެވޭނީ އައްސޭރިފަށުގެ ގައުމުތަކުގެ ސަލާމަތަށް ނުރައްކާ ނުކޮށް."

ފަލަސްތީނަށް އިންސާފު ނުލިބި ސުލްހައެއް ނެތް

ޕެޒެޝްކިއަންގެ ތަގުރީރުގެ ބޮޑު ބައެއް ޚާއްސަކުރެއްވީ ފަލަސްތީނުގެ މައްސަލައަށެވެ. އޭނާ ވިދާޅުވީ ފަލަސްތީނަށް އިންސާފު ނުލިބި ހުޅަނގު އޭޝިއާގައި ދެމިއޮންނާނެ ސުލްހައެއް ގާއިމު ނުކުރެވޭނެ ކަމަށެވެ.

"ފަލަސްތީނުގެ މައްސަލައަށް ފުރަގަސްދީފައި ސުލްހައިގެ ވާހަކައެއް ނުދެއްކޭނެ. ދުނިޔޭގައި އިސްތިއުމާރާއި، އުދުވާނާއި ބޭއިންސާފު އޮތްހާ ހިނދަކު ދެކޮޅުވެރިކަން (ރެސިސްޓަންސް) ދެމިއޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ޣައްޒާގެ ރައްޔިތުންގެ ހިތްވަރަށް އޭނާ ތައުރީފު ކުރެއްވި އެވެ. "ބޮން އެޅުމާއި ބަންދުކޮށްގެން ތިބެގެން ޣައްޒާގެ ރައްޔިތުން ބޯލަނބުވާނުލެވޭނެކަން އެމީހުން ސާބިތުކޮށްދީފި."

"މިއީ އިންސާނީ ތަބީއަތް. މީހަކު އޭނާގެ ބިމުން ބޭރުކޮށްލުމުން އޭނާ ދެކޮޅުވެރިވާނެ. ގެދޮރަށް ބޮން އެޅުމުން އޭނާ ދެކޮޅުވެރިވާނެ،" ޕެޒެޝްކިއަން ވިދާޅުވި އެވެ.

"ދެކޮޅުވެރި ނުވެ އެމީހުން ކުރާނީ ކީއްތޯ؟ އަނިޔާވެރިކަން ގަބޫލުކުރަންވީތޯ؟ ގެދޮރުން ބޭރުކޮށްލުމުން ހިމޭނުން ތިބެންވީތޯ؟ އަދި އަމިއްލަ ނަފްސު ދިފާއުކުރުމުން އެމީހުންނަކީ ޓެރަރިސްޓުން ކަމަށް ބުނަނީތޯ؟ މިއީ މިއަދު ދުނިޔޭގައި އުފެދިފައިވާ އާ އުސޫލަކީ."

އޭނާ ވިދާޅުވީ ހުޅަނގު އޭޝިއާގެ މައްސަލަތައް ހައްލުކުރަންޖެހޭނީ އެ ސަރަހައްދުގެ ގައުމުތައް ގުޅިގެން ކަމަށާއި، ދުރުގައި ތިބޭ ބާރުތަކުން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށެވެ.

އީރާނު ބޯނުލެންބޭނެ

އީރާނަށް ހަމަލާދިނުމަށް ރޭވި އަދި އެކަން ތަންފީޒުކުރި ފަރާތްތަކަށް ޕެޒެޝްކިއަން ސީދާ ބަހުން މެސެޖެއް ދެއްވި އެވެ.

"އަޅުގަނޑުމެންގެ ގައުމުން ވަނީ އެމީހުންގެ އަސްކަރީ ބާރާއި އެމީހުންގެ ނިންމުންތަކުގެ ހިތި ނަތީޖާ ތަޖުރިބާކޮށްފައި. އެމީހުން ވަނީ އީރާނުގެ ހިތްވަރު ގަދަކަން އިމްތިހާނުކޮށްފައި. ހަނގުރާމަ ކޮށްގެން އީރާނު ބޯލަނބުވާނުލެވޭނެކަން މިހާރު އެމީހުންނަށް ރަނގަޅަށް އެނގޭނެ."

"އީރާނުން ދުވަހަކުވެސް އިސްވެ ހަނގުރާމައެއް ނުފަށާ. އަދި އަބަދުވެސް މަޝްވަރާގެ މޭޒަށް އިހުތިރާމްކުރާކަން ވާނީ ސާބިތުކޮށްދީފައި."

"އަޅުގަނޑުމެންގެ މައްޗަށް ހަނގުރާމަ މަޖުބޫރުކުރުވި. އެކަމަކު އަމިއްލަ ނަފްސު ދިފާއުކުރަން އަޅުގަނޑުމެން ހަނގުރާމައަށް ބިރުނުގަންނަކަން ވާނީ ސާބިތުކޮށްދީފައި."

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކީ މައުސޫމް ރައްޔިތުން

އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ފަގީރުންނާއި މައުސޫމް ރައްޔިތުންނަށް އަމާޒުކޮށްގެން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ޕެޒެޝްކިއަން ސިފަކުރެއްވި އެވެ.

"އިންސާފު ބޭނުންވާނަމަ، އެކުވެރިންނާއި ދުޝްމަނުންނާ މެދުވެސް އަމަލުކުރަންޖެހޭނީ އެއް މިންގަނޑަކުން. އިންސާނީ ހައްގުތަކަކީ ސިޔާސީ ވާދަވެރިކަމުގެ ހަތިޔާރަކަށް ވެގެންނުވާނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސަލާމަތާ ގުޅޭގޮތުން އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، ހަމައެކަނި ބާރުގެ ބަސް ގަބޫލުކުރާ ދުނިޔެއަކަށް ދުވަހަކުވެސް ދެމިއޮންނާނެ ސުލްހައެއް ނުލިބޭނެ ކަމަށެވެ. "ބައިނަލްއަގުވާމީ ގާނޫނުތައް ހަމައެކަނި ބާރުގަދަ ގައުމުތަކުގެ މަސްލަހަތަށް ބޭނުންކުރާނަމަ، އެހެން ގައުމުތަކުންވެސް ނިންމާނީ އަމިއްލަ ބާރުގެ ބޭނުންކުރަން. މިއީ މުޅި ދުނިޔެއަށްވެސް އޮތް ނުރައްކަލެއް."

އަސްކަރީ ބާރުގެ ބަދަލުގައި ގާނޫނީ ހަމަތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލުގައި ޑިޕްލޮމަސީ އިސްކުރުމަށް އޭނާ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލެއްވި އެވެ.

ޖަމާއީ ސަލާމަތާއި އާ ބައިނަލްއަގުވާމީ ނިޒާމެއް

އެމެރިކާ އާއި އިސްރާއީލުގެ އުދުވާންތައް ކުރިމަތިވެފައިވީ ނަމަވެސް، އީރާނުން ދިފާއީ ގާބިލުކަން ދަމަހައްޓަމުން ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރާނެ ކަމަށް ޕެޒެޝްކިއަން ވިދާޅުވި އެވެ.

"އީރާނުން އަމިއްލަ ބާރު ދަމަހައްޓާނެ. އަޅުގަނޑުމެން ދުނިޔެއަށް ގޮވާލަނީ ހަނގުރާމައަކަށް ނޫން، ސުލްހައާއި އިންސާފަށް. އެއީ ބަލިކަށިކަމުންނެއް ނޫން، އެކަމަކު އަޅުގަނޑުމެންގެ އަމިއްލަ ބާރަށް އޮތް އިތުބާރެއްގެ ބޮޑުކަމުން،" އޭނާ ވިދާޅުވި އެވެ. "ނޫނީ އަޅުގަނޑުމެން އެންމެން ގުޅިގެން ސަލާމަތްތެރިކަން ބިނާކުރާނީ، ނޫނީ އެންމެން އެކުގައި ނާމާންކަމުގެ ތެރޭގައި ތިބޭނީ."

ޕެޒެޝްކިއަން އީރާނުގެ ތަސައްވުރު ހާމަކުރައްވަމުން ވިދާޅުވީ، ބައިނަލްއަގުވާމީ ނިޒާމެއް ކަމަށް ބުނެވޭނީ ހުރިހާ ގައުމުތަކެއްގެ ހަމަހަމަކަމާއި، އިންސާފާއި، އިންސާނީ ކަރާމާތުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ކަމަށެވެ. "އެންމެންނަށް ނުލިބޭ ސުލްހައަކީ ސުލްހައެއް ނޫން، އަދި އެންމެންނަށް ނުލިބޭ އިންސާފަކީ އިންސާފެއް ނޫން،" އޭނާގެ ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

މަސްއޫދު ޕެޒެޝްކިއާންޔޫންއެން ޖެނެރަލް އެސެމްބްލީނިއުކްލިއަރ ހަތިޔާރުއީރާން-އެމެރިކާ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެބެން ކާމިޔާބުކަމާއެކު ވަކިކޮށްފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް

24 ސެޕްޓެމްބަރު 2026
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓުވަން ޕާކިސްތާނުން "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ: ޝެހްބާޒް ޝަރީފް
24 ސެޕްޓެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން

24 ސެޕްޓެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަން ތުރުކީވިލާތުން ތައްޔާރު: އުރުދުޣާން
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
23 ސެޕްޓެމްބަރު 2026

އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު

23 ސެޕްޓެމްބަރު 2026
އިސްރާއީލްގެ ޖަރީމާތައް ހައްލުކުރުމުގެ ބަދަލުގައި ބައިނަލްއަގްވާމީ މުޖުތަމައުން އޮތީ ބަލަން: އުރުދުންގެ ރަސްގެފާނު
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
22 ސެޕްޓެމްބަރު 2026

އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

22 ސެޕްޓެމްބަރު 2026
އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް