އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު ރެފްރީއަކަށް
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:47އޭއެފްސީ ޗެލެންޖު ލީގުގެ ގުރޫޕު ސްޓޭޖުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ހަތަރު ރެފްރީންނަކީ، މުހައްމަދު ޖާވިޒް، އަހުމަދު ހަސަން، ހުސެއިން ސިނާން އަދި ނިއުޝާދު އަހުމަދު


އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ސިނާން އާއި އަހުމަދު ހަސަން | އަދަދު ސްޕޯޓްސް
އޭއެފްސީ ޗެލެންޖު ލީގުގެ ގުރޫޕު ސްޓޭޖުގައި އިންސާފުކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހަތަރު ރެފްރީއަކަށް ލިބިއްޖެ އެވެ.
މުބާރާތުގެ ކޮލިފައިން ބުރުގެ މެޗުތައް މިހާރު ނިމިފައިވާއިރު، ގުރޫޕު ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު އެވެ. އެގޮތުން ގުރޫޕު ސީގެ މެޗުތައް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 17 އިން، 23 އަށް ކުވެއިތުގަ އެވެ. އަދި ގުރޫޕު އޭގެ މެޗުތައް ކުރިއަށްދާނީ ބޫޓާންގަ އެވެ.
އޭއެފްސީ ޗެލެންޖު ލީގުގެ ގުރޫޕު ސްޓޭޖުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ހަތަރު ރެފްރީންނަކީ، މުހައްމަދު ޖާވިޒް، އަހުމަދު ހަސަން، ހުސެއިން ސިނާން އަދި ނިއުޝާދު އަހުމަދު އެވެ.
މީގެ ތެރެއިން ޖާވިޒް އާއި އަހުމަދު ހަސަން އިންސާފު ކުރާނީ ކުވެއިތުގައި ކުރިއަށްދާ ގުރޫޕު ސީގެ މެޗުތަކުގަ އެވެ. ބޫޓާންގައި ކުރިއަށްދާ ގުރޫޕު އޭގެ މެޗުތަކުގައި އިންސާފުކުރާނީ ސިނާން އާއި ނިއުޝާދު އެވެ.
ގުރޫޕު ސީގައި ހިމެނޭ ޓީމުތަކަކީ އަލް ގަދްސިއްޔާ، ފޯޓިސް، ގޯއާ އަދި ރެގާރު ޓަޑާޒް އެވެ. ގުރޫޕު އޭގައި ހިމެނޭ ޓީމުތަކަކީ ޕަރޯ އެފްސީ، އަލް އިއްތިހާދު އަހްލީ، އަންސަރު އަދި އަހަލް އެވެ.
އޭއެފްސީ ޗެލެންޖު ލީގުގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ދިވެހި ހަތަރު ރެފްރީންނަކީ ވެސް ފީފާގެ ބެޖު ހާސިލުކޮށްފައިވާ، ތަޖުރިބާކާރު ރެފްރީންނެވެ. މީގެ ކުރިން ވެސް މި ރެފްރީ އިން ވަނީ އެކި އެކި މުބާރާތްތަކުގައި އިންސާފުކޮށްފަ އެވެ.










