ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!
20 އޯގަސްޓު 2026 | ބުރާސްފަތި 06:59ބުދަ ދުވަހުގެ ރޭ ކުޅުނު ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗަށް ފަހު، އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ސްޓޭޖުގައި ހުރީ ޕީއެންސީ އިން ބޭނުންކުރާ ވިލު ނޫކުލަ. ސްޓޭޖުގެ އިތުރުން މުބާރާތުގެ ޗެމްޕިއަން ޓީމުގެ ބޯޑުގައި ވެސް ހިމަނާފައި ވަނީ ޕީއެންސީގެ ވިލު ނޫކުލަ


ކަޕް ވިނާސް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބޭނުން ކުރި ސްޓޭޖު | ސޯޝަލް މީޑިއާ
ގަލޮޅު ރަސްމީ ދަނޑުގެ ސްޓޭޖަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުލަ ހިމަނާފައި ހުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗަށް ފަހު، އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ސްޓޭޖުގައި ހުރީ ޕީއެންސީ އިން ބޭނުންކުރާ ވިލު ނޫކުލަ އެވެ. ސްޓޭޖުގެ އިތުރުން މުބާރާތުގެ ޗެމްޕިއަން ޓީމުގެ ބޯޑުގައި ވެސް ހިމަނާފައި ވަނީ ޕީއެންސީގެ ވިލު ނޫކުލަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުޓުބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ، އެއީ ހިތާމަ ކުރަން ޖެހޭ، އަދި ސީރިއަސް ކަމެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި އެފްއޭއެމް އިން ބާއްވާ މުބާރާތްތަކުގައި ބޭނުން ކުރާ ސްޓޭޖު އާންމު ގޮތެއްގައި ހުންނަނީ ރަތްކުލަ އިން ކަމަަށް އޭނާ ވިދާޅުވި އެވެ.

ކަޕް ވިނާސް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބޭނުން ކުރި ސްޓޭޖު | ސޯޝަލް މީޑިއާ
އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ފުޓުބޯޅަ އަކީ ޤައުމީ ކުޅިވަރެއް ކަމަށާއި އެއީ ސިޔާސީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެން ދަނީ ފުޓުބޯޅަ އަށް ސިޔާސީ ކަންކަން ވަދެ، ގަލޮޅު ދަނޑުގައި ބޭނުން ކުރާ ސްޓޭޖުގައި ވެސް ސަރުކާރު ޕާޓީގެ ކުލަ ހުރި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ބައްލަވާ، މީގެ ކުރިން އަބަދު ވެސް މުބާރާތްތައް ނިންމުމަށް ބާއްވާ ރަސްމިއްޔާތުގައި ބޭނުން ކުރާ ސްޓޭޖު ހުންނާނީ ރަތް ކުލައިގައި. ނޫނީ އެފްއޭއެމް އަށް ނިސްބަތްވާ ކުލައެއްގައި. ސަބަބަކީ ފުޓުބޯޅަ އަކީ ޤައުމީ ކަމެއް ކަމަށް ވާތީ. އެކަމަކު މިހާރު މި ފެންނަނީ ކޮން މަންޒަރެއް؟ އެ ސްޓޭޖުގައި ވެސް ސަރުކާރު ޕާޓީގެ ކުލަ. މިއީ ހަމަ ކުޅިވަރު ނޫން ނަމަ ފުޓުބޯޅަ ސިޔާސީ ކުރުން ދޯ. ދެން މާދަމާ އަަނެއްކާ އެހެން ބަޔަކު ވެސް މިކަން ކުރަންވީ؟ފުޓުބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު
މީގެ އިތުރުން އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ފުޓުބޯޅަ ސިޔާސީ ކުރަން މަސައްކަތް ކުރި މަންޒަރު ފެނުނު ކަމަށާއި، މިއަދު އަނެއްކާ ވެސް އެ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ. މިއީ ފުޓުބޯޅަ އާއި ކުޅިވަރަށް ލޯބި ކުރާ ކޮންމެ މީހަކު ވެސް ކަންބޮޑު ވާނެ ކަމަށް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީގައި މިވަގުތު ތިއްބެވީ ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ތަކެކެވެ. އެގޮތުން އެފްއޭއެމްގެ ރައީސް އަކީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތާރިޤު (ޓޮމް) އެވެ. ސީނިއާ ނައިބު ރައީސް އަކީ ޕީއެންސީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އެވެ. މީގެ އިތުރުން ނައިބު ރައީސް އަކީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.










