އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026 | ހޯމަ 08:23އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ތެހެރާނުން ދީފި. އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި މަޝްވަރާގެ ފުރުސަތު އޮތް ނަމަވެސް، އީރާނުން ޝަރުތު ކުރަނީ ހަމަލާތައް ހުއްޓާލައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް. މި ނުތަނަވަސްކަމާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ވިޔަފާރި ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި

އަރަބި ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ރަފަޔަލް ޕެރޯލްޓާއިން އެމްއެޗް-60 މަރުކާގެ އަސްކަރީ ހެލިކޮޕްޓަރެއް އުދުއްސައިލާ މަންޒަރު | ސެންޓްކޮމް
އެމެރިކާއިން އަނެއްކާވެސް އެ ޤައުމަށް ވައިގެ ހަމަލާތައް ދޭން ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑުން ހާމަކޮށްފި އެވެ. އީރާނުގެ ހަތިޔާރު އެޅި ފައުޖުތައް ބަލަހައްޓާ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުން އާދީއްތަ ދުވަހު ނެރުނު މި އިންޒާރާ ގުޅިގެން، ސީދާ ހަމަލާތައް މެދުކެނޑިފައި އޮތްތާ މަސްތަކެއް ފަހުން، އަނެއްކާވެސް ހަނގުރާމައިގެ އައު ބުރެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އެމެރިކާއިން އަލުން ދޭ ކޮންމެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެ ގައުމުގެ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރާނެ ކަމަށް ތެހެރާނުން އިންޒާރު ދިނެވެ. އަދި، ވޮޝިންގޓަނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދިނުމަށް އެ ސަރަހައްދުގެ ގައުމުތަކަށް ވެސް ތެހްރާނުން ވަނީ އަންގާފަ އެވެ. އެމެރިކާގެ ހަމަލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ގައުމުތަކުގެ ބިމާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދޭ ދައުލަތްތައް ބެލެވޭނީ "ހަމަލާގައި ބައިވެރިވި ފަރާތްތަކެއް" ގެ ގޮތުގައި ކަމަށް އަސްކަރީ ކޮމާންޑުން ބުންޏެވެ. އަދި، އެ ފަދަ ގައުމުތަކަށް ވެސް އީރާނުގެ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ޓްރަމްޕްގެ ނިންމެވުމާއި އދ. ގެ ޖަލްސާގެ ހަވާސާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ފޮކްސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނާ މެދު އޭނާ ހުންނެވީ "ގޮތެއް ނިންމުމުގެ މަރުހަލާގައި" ކަމަށެވެ. އަދި، އިޚްތިޔާރު ކުރައްވާނެ ކަންކަމުގެ ތެރޭގައި އިތުރު އަސްކަރީ ފިޔަވަޅު އެޅުމާއި، އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވުން ނުވަތަ އެއްބަސްވުމަކަށް އައުން ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިއާއެކު، މި ހަފުތާގައި ނިއު ޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގިޖީ އާދީއްތަ ދުވަހުގެ ހަވީރު ނިއު ޔޯކަށް ފުރާވަޑައިގަންނަވާފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފަ އެވެ. އަދި، އެ ދަތުރުފުޅުގެ ކުރިން ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން އެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އާދީއްތަ ދުވަހު ވިދާޅުވީ، އެއްވެސް ފައިދާއެއް ހޯދުމަށް ޑިޕްލޮމެސީގެ މަގު އިޚްތިޔާރު ކުރުމުގެ ކުރިން، ދެކޮޅުވެރިން ފަހަތަށް ޖެއްސުމަށް ތެހެރާނުން އަސްކަރީ ބާރުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.
މަޝްވަރާގެ ޝަރުތުތަކާއި ހުރްމުޒް ބަންދުކުރުން
މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހަނގުރާމައާއި އެމެރިކާގެ ހަމަލާތައް ހުއްޓާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމުގެ އިތުރުން، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހިސާރު އުވާލުން ހިމެނޭ ކަމަށް ތެހެރާނުން ވަނީ ގަތަރާއި ޕާކިސްތާނުގެ މެދުވެރިންނަށް އަންގާފަ އެވެ. ކުރީގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން ފުރިހަމަކުރަންޖެހޭ ކަމަށް އީރާނުން ބުނާ ކަންކަން ވޮޝިންގޓަނުން އަދާކުރަންދެން، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް ޤާލީބާފް ވިދާޅުވި އެވެ.
އީރާނުގެ އޮފިޝަލުން އަންނަނީ ގަސްދުގައި ދެ ދިމާއަކަށް އަމާޒުކޮށް މެސެޖުތަކެއް ފޮނުވަމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ. މި ގޮތުން، އަލުން ހަނގުރާމައަކަށް ތައްޔާރުވަމުންދާއިރު ވެސް، ޑިޕްލޮމެސީއަށް ފުރުސަތު އޮތް ކަމުގެ އިޝާރާތެއް އެ ޤައުމުން ދެމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ދެ ފަރާތުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަލްފުގެ ގައުމެއް ކަމަށްވާ ގަތަރުން ބުނީ، މަޝްވަރާތައް އަލުން ފެށުމަށް ޓަކައި އެ ޤައުމުގެ އޮފިޝަލުން ތެހްރާނާއި ވޮޝިންގޓަނަށް ދަތުރުކުރައްވައި، ހުށަހެޅުންތައް ބަދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި، އެމެރިކާއިން އެއްބަސްވުމެއް ބޭނުންވާ ކަމުގެ ޔަގީންކަން އެ ޤައުމުގެ އޮފިޝަލުން ދޯހާއަށް ދެއްވާފައިވާ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންޞާރީ ވިދާޅުވި އެވެ.
ހަކަތައިގެ މައި މަގަށް އަސަރުކުރުން
މި ނުތަނަވަސްކަމުގެ ނޭދެވޭ އަސަރު، ގަލްފާއި އަރަބި ކަނޑު ގުޅުވައިދޭ އަދި ދުނިޔޭގެ ހަކަތަ އުފުލާ މައިގަނޑު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް މިހާރު ވެސް ވަނީ ކޮށްފަ އެވެ. ކަނޑު ދަތުރުފަތުރުގެ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާ ބަންދުގައި 35 މުދާ އުފުލާ އުޅަނދު އެ ސަރަހައްދު ހުރަސްކުރި ނަމަވެސް، މި ހަފުތާ ބަންދުގައި އެ އަދަދު ވަނީ 12 އަށް ވެއްޓިފަ އެވެ.
މި ހަނގުރާމަ ފެށިފައިވަނީ އެމެރިކާއާއި އިސްރާއީލް ގުޅިގެން ފެބުރުވަރީ މަހުގެ ފަހުކޮޅު އީރާނަށް ދިން ހަމަލާތަކަށް ފަހު އެވެ. ޖޫން މަހު އެކުލަވާލި 60 ދުވަހުގެ އެއްބަސްވުމުގެ ދަށުން ހަނގުރާމައިގެ ކުރިމަތިލުންތައް މަދުވި ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ މަހު ހަމަވި ފަހުން ހުރްމުޒް ވަށައިގެން ދެވޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. ވައިޓް ހައުސްގެ ކުރީގެ ޤައުމީ ސަލާމަތާ ބެހޭ އޮފިޝަލެއް ކަމަށްވާ މާކް ފައިފަލް ވިދާޅުވީ، ދެ ޤައުމު ވެސް އޮތީ "ގަނޑުވެފައިވާ ހަމަނުޖެހުމުގެ ތެރޭގައި ތާށިވެފައި) ކަމަށެވެ. އަދި، އދ. ގެ އާންމު މަޖިލީހާ ގުޅުވައިގެން ހިނގައިދާނެ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ކުރިން، ދެ ފަރާތުން ވެސް މަސައްކަތް ކުރަމުންދަނީ އެއް ފަރާތުން އަނެއް ފަރާތަށް ފިއްތުންތައް އިތުރުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަސްދަރު: އަލް ޖަޒީރާ











