އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026 | އާދީއްތަ 06:51ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހަށް ޕަލަސްޓީނިއަން އޮތޯރިޓީގެ އޮފިޝަލުން ވަޑައިގަތުމަށް އެދިވަޑައިގެންނެވި ވިސާ ދިނުމަށް ޖެހިޖެހިގެން ދެވަނަ އަހަރަށް އެމެރިކާއިން އިންކާރުކުރުމާ ގުޅިގެން، ވިލާތުގެ އިއްތިހާދާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެކަމާމެދު ހިތާމަފާޅުކުރައްވައި އެ ނިންމުން އަލުން މުރާޖައާކުރުމަށް ގޮވާލައްވާފައި


ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހުޅަނގު އައްސޭރީގެ ރާމަاللهގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ | އޭއެފްޕީ
އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕަލަސްޓީނިއަން އޮތޯރިޓީގެ (ޕީއޭ) އޮފިޝަލުން އެދިވަޑައިގެންނެވި ވިސާ، ވިދިވިދިގެން ދެވަނަ އަހަރަށް ދިނުމަށް އެމެރިކާއިން އިންކާރުކޮށްފައިވާތީ އެކަމާމެދު ހިތާމަކުރާ ކަމަށް ވިލާތުގެ އިއްތިހާދުން (އީޔޫ) ބުނެ، އެ ނިންމުން އަލުން މުރާޖާ ކުރުމަށް އެމެރިކާއަށް ގޮވާލައިފި އެވެ. ކުރިއަށް އޮތް އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި، ކުރިން ރެކޯޑުކޮށްފައިވާ ބަޔާނެއް މެދުވެރިކޮށް ތަގުރީރު ކުރެއްވުމުގެ ހުއްދަ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ދިނުމަށް އާންމު މަޖިލީހުން ވޯޓު ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އީޔޫއިން މި ބަޔާން ނެރެފައިވަނީ ހޮނިހިރު ދުވަހު އެވެ.
"އދ. އާއެކު ވެވިފައިވާ ހެޑްކުއާޓާޒް އެއްބަސްވުންތަކަށާއި، ބައްދަލުވުން ބާއްވާ ގައުމުގެ ހައިސިއްޔަތުން އެމެރިކާއަށް ލާޒިމުވާ ކަންކަމަށް ރިއާޔަތްކޮށް، މި ނިންމުން އަލުން މުރާޖާކުރުމަށް އަޅުގަނޑުމެން އެމެރިކާއަށް ގޮވާލަން،" އީޔޫގެ ޑިޕްލޮމެޓިކް ސާވިސްގެ ތަރުޖަމާނު އަންވަރު އަލް-އަނޫނީ ވިދާޅުވި އެވެ.
ހުކުރު ދުވަހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވެސް ވަނީ ވޮޝިންގޓަންގެ މި ނިންމުމާމެދު ހިތާމަފާޅުކުރައްވާފަ އެވެ. އަދި، މި ނިންމުމުގެ ސަބަބުން "އދ. ގެ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވުމަށް ފަލަސްތީނު ދައުލަތަށް ލިބިގެންވާ ގާބިލުކަމަށް" އަސަރުކޮށްފާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވި އެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުން
ޕީއޭގެ އޮފިޝަލުންނާއި ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަންގެ (ޕީއެލްއޯ) މެންބަރުންނަށް ވިސާ ދިނުން މަނާކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ދަމަހައްޓާނެކަން، އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއުލާނުކުރީ ބުދަ ދުވަހު އެވެ.
"އިސްލާހީ ބަދަލުތައް ގެނައުމުގައި އެ ފަރާތްތައް ފޭލުވުމާއި، އެމެރިކާއަށް ވެފައިވާ ވައުދުތަކާ ހިލާފުވުމާއި، ސުލްހައިގެ ފުރުސަތުތަކަށް ހުރަސްއެޅޭ ގޮތަށް އެ ފަރާތްތަކުން ހިންގަމުންދާ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޕީއެލްއޯގެ މެންބަރުންނާއި ޕީއޭގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އިތުރަށް ދަމަހައްޓާނެ،" އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ސީދާ މަޝްވަރާތައް ދޫކޮށްލުމަށްފަހު، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަތުމަށް މަސައްކަތް ކުރުމަކީ އެމެރިކާގެ ގާނޫނާ ޕީއޭއިން ހިލާފުވުން ކަމަށް ބުނެ އެ ވުޒާރާއިން ވަނީ ތުހުމަތުކޮށްފަ އެވެ. ހަމަމިއާއެކު، އިސްރާއީލާއެކު އުފެދިފައިވާ މައްސަލަތައް ބައިނަލްއަގުވާމީ ކޯޓުތަކަށް ހުށަހެޅުމަށް ޕީއޭއިން ނިންމި ނިންމުމާއި، އިސްރާއީލާ ދެކޮޅަށް ހަމަލާދޭ މުޖާހިދުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އަމުރެއް ނެރެފައިވީ ނަމަވެސް، އިސްރާއީލްގެ އެއްވެސް އޮފިޝަލަކަށް އެމެރިކާއިން މި ފަދަ ދަތުރުފަތުރުގެ ހުރަސްތަކެއް ކުރިމަތިކޮށްފައެއް ނުވެ އެވެ.
ރައީސް އައްބާސްގެ ތަގުރީރާއި ފަލަސްތީނުގެ އުންމީދު
މިދިޔަ އަހަރު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާގެ އިތުރުން ހުޅަނގުގެ އެހެން ގައުމުތަކުން ރަސްމީކޮށް ފަލަސްތީނު ދައުލަތް ބަލައިގަތުމާ ގުޅިގެން އުފެދުނު ބާރަށް ބިނާކޮށް، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމަށް ބާރުއެޅުމަށާއި ދެ ދައުލަތުގެ ހައްލަށް އޮތް ފުރުސަތު އާކުރުމަށް މި އަހަރުގެ ތަގުރީރުގައި އައްބާސް ވަކާލާތު ކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރިކުރުވާ އިސްރާއީލްގެ އާބާދީތައް ހަލުވިކަމާއެކު އިތުރުވުމާއި، ވަޒަންވެރިން ހިންގާ ގަތުލުއާންމުތަކުގެ އިތުރުން، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ބޮޑު ކާރިސާއަށް ވެސް އޭނާގެ ތަގުރީރުގައި އަލިއަޅުއްވާލައްވާނެ އެވެ.
ކުރިއަށްއޮތް ހަފުތާގައި އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު އައްބާސްއަށް ދިނުމަށް ބުރާސްފަތި ދުވަހު އދ. އިން ފާސްކުރި ގަރާރަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި، މިއީ އދ. ގެ އާންމު މަޖިލީހުގެ އަހަރީ ސެޝަނުގައި "ފަލަސްތީނުގެ ބައިވެރިވުން ހުއްޓުވުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލުން" ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











