ތުރުކީވިލާތުގެ ސްކޫލެއް ކައިރީގައި ބަޑީގެ ހަމަލާއެއްދީ 11 މީހުން ޒަޚަމްކޮށްލައިފި
23 ސެޕްޓެމްބަރު 2026 | ބުދަ 02:01ތުރުކީގެ މަނީސާ ޕްރޮވިންސްގެ ސްކޫލެއްގައި ދަރިވަރަކު ދިން ބަޑީގެ ހަމަލާއެއްގައި 11 މީހުން ޒަޚަމްވުމާ ގުޅިގެން، އެ ކުއްޖާގެ އިތުރުން އޭނާގެ މައިންބަފައިންނާއި ކާފަ ހައްޔަރުކޮށްފި. މި ހާދިސާ ހިނގަން މެދުވެރިވީ ގަނާކުރުމުގެ ސަބަބުން ކަމަށް ބެލެވޭއިރު، ކުޑަކުދިންނަށް ހަތިޔާރު ލިބޭ ގޮތްވުމާއި އިހުމާލުވުމުގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ދަނީ ސީރިއަސްކޮށް ތަހުގީގު ކުރަމުން


ތުރުކީވިލާތުގެ ތުރްގުތުލޫގައި ބަޑީގެ ހަމަލާތަކެއްދިން ސްކޫލްގެ ބޭރުގައި އެމްބިޔުލާންސްތަކާއި ފުލުހުންގެ އުޅަނދުތައް ހަރަކާތްތެރި ވަނީ | އޭއެފްޕީ
ތުރުކީވިލާތުގެ ހުޅަނގުގައި ހުންނަ ސާނަވީ ސްކޫލެއް ކައިރީގައި ބަޑީގެ ހަމަލާތަކެއްދީ 11 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން ހާމަކޮށްފި އެވެ.
ހުޅަނގު މަނީސާ ޕްރޮވިންސްގެ ތުރްގުތުލޫ ޑިސްޓްރިކްޓުގައި ހުންނަ ވޮކޭޝަނަލް އެންޑް ޓެކްނިކަލް ހައި ސްކޫލެއް ކައިރީގައި މި ހަމަލާ ދީފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި ހަމަލާގައި ދެ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު ކަމަށް އެ ގައުމުގެ އިންސާފާބެހޭ ވަޒީރު އަކިން ގުރްލެކް ވިދާޅުވި އެވެ. ހަމަލާ ދިން މީހަކީ އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމަށް ތުރުކީވިލާތުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދަރިވަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި، ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރުގެ ވެރިފަރާތް ކަމަށް ބެލެވޭ އޭނާގެ ކާފަގެ އިތުރުން، އެ ދަރިވަރުގެ މައިންބަފައިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ގުރްލެކް ވިދާޅުވި އެވެ.
މި ހަމަލާ ދޭން މެދުވެރިވި ސަބަބު އަދި މުޅިން ސާފެއް ނުވެ އެވެ. ގުރްލެކް ވިދާޅުވީ، ހަމަލާ ދިން ދަރިވަރަކީ ސްކޫލުގައި ގަނާކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި، މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ޓަކައި ދެ ޗީފް ޕްރޮސެކިއުޓަރުން އައްޔަންކޮށްފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ ކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއްގައި، އެއްވެސް އިހުމާލަކަށް ނުވަތަ ޒިންމާދާރުކަން ކުޑަ އަމަލަކަށް ލޯމަރާލުމަކީ ކުރެވޭނެ ކަމެއް ނޫން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގުރްލެކް ލިޔުއްވި އެވެ.
"ހަމަލާ ދިނުމަށް އެ މީހާ ބަޑި ހޯދި ގޮތާއި، އެ ހަތިޔާރު ރައްކާކޮށްފައި ބެހެއްޓި ހާލަތާއި، ކުއްޖާ ބެލެހެއްޓުމާއި އަޅާލުމުގައި މައިންބަފައިން އަދާކުރަންޖެހޭ ޒިންމާތަކުގެ އިތުރުން، މި ހާދިސާ ހިނގުމުގެ ކުރިން ގަނާކުރުމުގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ފުރިހަމައަށް އަދި އެކި ދާއިރާތަކުން ދަނީ ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މި ހަމަލާ ދީފައި މި ވަނީ، މި އަހަރުގެ އެޕްރީލް މަހު މުޅި ގައުމަށް ސިހުން ގެނުވި، ބަޑި ޖެހުމުގެ ދެ ހާދިސާއެއް ހިނގިތާ މަސްތަކެއް ފަހުންނެވެ. އޭގެ ތެރެއިން އެއް ހާދިސާގައި، ސަންލިއުރްފާ ޕްރޮވިންސްގެ ހައި ސްކޫލެއްގައި ކުރީގެ ދަރިވަރަކު ބަޑިޖަހައި، 16 މީހަކު ޒަޚަމްކޮށްލި އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އެ ސްކޫލްގެ ދަރިވަރުންނެވެ.
އެއާ ޖެހިގެންއައި ދުވަހު، ކަހްރަމަންމަރާސް ޕްރޮވިންސްގައި އުމުރުން 14 އަހަރުގެ ކުއްޖަކު އޭނާ ކިޔަވާ ސްކޫލުގައި ހަމަލާދީ، ދަރިވަރުންނާއި ޓީޗަރުން ހިމެނޭހެން ނުވަ މީހުން މަރާލައި، އިތުރު 13 މީހަކު ޒަޚަމްކޮށްލި އެވެ. އެ ހާދިސާ ކޮންޓްރޯލްކުރަން ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ކުއްޖާ ވަނީ މަރުވެފަ އެވެ.
މި ދެ ހާދިސާގެ ކުރިން، ތުރުކީވިލާތުގެ ސްކޫލްތަކާއި ދަރިވަރުންނަށް އަމާޒުކޮށް މި ފަދަ ހަމަލާތަކެއް ދީފައެއް ނުވެ އެވެ. މި ހާދިސާތަކާ ގުޅިގެން 2026-2027 ވަނަ އަހަރުގެ ދިރާސީ އަހަރާ ދިމާކޮށް ހަތިޔާރު ގެންގުޅުމުގެ ހުއްދަތައް ހަރުކަށި ކުރި އެވެ. އަދި، މި ފަދަ ހަމަލާތައް ހުއްޓުވުމަށް ސަލާމަތީ އާ ފިޔަވަޅުތަކެއް ތައާރަފުކުރި އެވެ.
މަސްދަރު: އަލް ޖަޒީރާ











