ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
18 ސެޕްޓެމްބަރު 2026 | ހުކުރު 04:45އެމެރިކާގެ އަސްކަރިއްޔާއިން ހިތްވަރުދީގެން ގަވާއިދާ ހިލާފަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ޓޯގޯގެ 'ޓްރެންޑް' ޓޭންކަރަށް ހަމަލާދީ ހުއްޓުވާފައިވާ ކަމަށް އީރާނުގެ އައިއާރުޖީސީން ވަނީ ބުނެފި. މި ހަމަލާއާ ގުޅިގެން އުޅަނދުގައި ރޯވެފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، މިކަން މިނިވަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވޭ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް މަސައްކަތްކުރި އާގުބޯޓަކަށް އީރާނުގެ އަސްކަރިއްޔާއިން ދީފައިވާ ހަމަލާތައް ކަމަށް ބުނާ ވީޑިއޯއެއް | އެކްސް
ޓޯގޯގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއް ހުރްމުޒް ކަނޑުއޮޅިން "ގަވާއިދާ ހިލާފަށް" ދަތުރުކުރަން އުޅުމުން، އެ އުޅަނދަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހިތްވަރުދީ އޮޅުވާލުމާ ގުޅިގެން ރޭގަނޑުގެ ވަގުތެއްގައި އެ ކަނޑުއޮޅި ހުރަސްކުރަން އެ އުޅަނދު މަސައްކަތް ކޮށްފައިވާ ކަމަށް، އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭ މެދުވެރިކޮށް އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރުޖީސީ) ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"ކުޑަކުދިން މަރަމުންދާ އެމެރިކާގެ އަސްކަރިއްޔާއިން ހިތްވަރުދީ އޮޅުވާލުމުން، ޓޯގޯގެ ދިދަ ޖަހާފައިވާ 'ޓްރެންޑް' ނަމަކަށް ކިޔާ ޓޭންކަރު ރޭގެ ވަގުތެއްގައި ގަވާއިދާ ހިލާފަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު،" އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި، އެ އުޅަނދަށް ހަމަލާދިނުމުން އޭގައި އަލިފާން ރޯވެ، ހުއްޓިފައިވާ ކަމަށް ވެސް އައިއާރްޖީސީން ބުނެ އެވެ.
އައިއާރްޖީސީގެ ކަނޑުގެ ސިފައިން ބުނީ، އެ ފައުޖުގެ ސިފައިން އަދިވެސް އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތައް ބަލަހައްޓަމުންދާ ކަމަށެވެ. އަދި، އީރާނުން އިސްވެ ހަމަލާދޭ ފަރާތްތަކެއްގެ ގޮތުގައި ސިފަކުރާ އެއްވެސް ބާރަކަށް އެ ސަރަހައްދުން ފުރުސަތު ނުދީ ހުރަސްއަޅާނެ ކަމަށް ވެސް އެ ފައުޖުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، އުޅަނދުފަހަރުގެ ވެރިންނަށާއި ފަޅުވެރިންނަށް އީރާނުން އަނެއްކާވެސް ވަނީ އިންޒާރު ދީފަ އެވެ. އައިއާރްޖީސީން ބުނީ، ހުރްމުޒް ކަނޑުއޮޅިން ގަވާއިދާ ހިލާފަށް ދަތުރުކުރުމުން ލިބޭނެ ހަމައެކަނި ނަތީޖާއަކީ އެ އުޅަނދެއް ހަލާކުވެ ދިއުން ކަމަށެވެ.
އީރާނުން ބުނާ މި ހަމަލާއާ ގުޅޭގޮތުންނާއި، އުޅަނދުގައި ރޯވި އަލިފާނާއި އެ އުޅަނދަށް މިހާރު ވެފައިވާ ގޮތާ ގުޅޭގޮތުން މިނިވަން އެއްވެސް ފަރާތަކުން މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. އަދި، އެ އުޅަނދުގައި ހުރި މުދަލާއި، ފަޅުވެރިންނާއި، އެއްވެސް މީހަކަށް އަނިޔާއެއް ވިކަމެއް ނުވަތަ އުޅަނދު އަދިވެސް ކަނޑުމަތީގައި އޮތްކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ އޮފިޝަލުން ވެސް އީރާނުގެ މި ތުހުމަތުތަކާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











