ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:23އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް ދަތުރުކުރަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން، ގިނަ އަދަދެއްގެ ދިވެހި ފަސިންޖަރުންނާއި ބަލިމީހުން އެއާޕޯޓުގައި ގިނައިރުތަކެއް ވަންދެން ތާށިވެއްޖެ. ފްލައިޓު ކެންސަލްވުމުން ފަސިންޖަރުން ހޮޓާތަކަށް ބަދަލުކުރި ނަމަވެސް، އަދިވެސް ފުރޭނެ ވަކި ވަގުތެއް ނޭނގޭތީ ދަތުރުވެރިން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން


ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ | ރާއްޖެއެމްވީ
އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، އެ ފްލައިޓުން ދަތުރުކުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހީން ވާނުވާ ނޭނގި ހާލުގައި ޖެހިއްޖެ އެވެ.
ރާއްޖެއެމްވީއަށް އެ ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައިވާ މީހަކު މައުލޫމާތު ދެމުން ބުނީ، ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އެއާޕޯޓަށް ގޮސް ޗެކް-އިން ވި ކަމަށާއި، ފުރަން އޮތް ގަޑިއަށްވުރެ އެތައް އިރެއް ލަސްވި ފަހުން ބޯޑިންއަށް ވެއްދި ކަމަށެވެ. މިއީ އިންޑިއާ ގަޑިން ބުދަ ދުވަހުގެ މެންދުރުފަހު 2:00ގައި ފުރަން އޮތް ފްލައިޓެއް ކަމަށާއި، ފްލައިޓަށް އެރުވި ނަމަވެސް ސޭފްޓީ މައުލޫމާތު ދިނުމުގެ ބަދަލުގައި އިންޖިނިއަރުންގެ ޓީމެއް ފްލައިޓަށް އަރައި ގިނަ ވަގުތުތަކެއް ހޭދަކުރި ކަމަށް އޭނާ ބުންޏެވެ. އަދި ދޭތެރެއަކުން ފްލައިޓުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވިކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން އެއާޕޯޓުގައި މަޑުކޮށްގެން | ރާއްޖެއެމްވީ
ފަސިންޖަރުން ފްލައިޓު ތެރޭގައި 4 ގަޑިއިރަށްވުރެ ގިނައިރު ވަންދެން ބައިތިއްބާފައި ތިބިކަން ފާހަގަކޮށް އޭނާ ބުނީ، އެ ފްލައިޓުގައި ބޮޑެތި ސާޖަރީތައް ހަދާފައި ތިބި މީހުންނާއި އޮކްސިޖަން ގުޅާފައި ތިބި ބަލިމީހުން ތިބި ކަމަށެވެ. އަދި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލަން ޖެހުމުން ބޮޑެތި ތަކުލީފުތަކެއް ޖެހިފައިވާ ކަމަށް ވެސް ފާހަގަކުރި އެވެ.

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައިޖެހިފައި. ހޮޓެލް ހަމަޖައްސާދިން ނަމަވެސް ފުރޭނެ ގަޑިއެއް ނޭނގި ގިނަ ފަސިންޖަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން. | ރާއްޖެއެމްވީ
މީގެ އިތުރުން އޭނާ ބުނީ، ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ފަސިންޖަރުން ހޮޓަލަކަށް ގެންދިޔުމަށްފަހު، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ހޮޓަލުން ނެރެ، ބައެއް މީހުން އަނެއްކާ ވެސް އެއާޕޯޓަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް ފްލައިޓް ކެންސަލްވެފައިވާތީ، ހޮޓެލްގައި މަޑުކޮށްގެން ތިބި މީހުން އަލުން ހޮޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަދިވެސް މޯލްޑިވިއަންގެ ފްލައިޓް އޮތީ ގްރައުންޑްވެފަ އެވެ. އަދިވެސް ފުރޭނެ ވަކި ވަގުތެއް ފަސިންޖަރުންނަށް އަންގާފައިނުވާ ކަމަށް އޭނާ ބުންޏެވެ.











