ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި
20 ސެޕްޓެމްބަރު 2026 | އާދީއްތަ 05:09ޣައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ ދަރިފުޅު ހިމެނޭހެން އިސްރާއީލުން ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ޖާސޫސީ ބޯޓުތަކުން ދަނީ ޣައްޒާގެ މަތިން ނުރައްކާތެރި މިންވަރަކަށް ތިރިން އުދުހެމުން. ހަމަލާތައް ވަރުގަދަވުމާ ގުޅިގެން ހަމާސްއިން ސަރަހައްދީ މެދުވެރިންނާ މަޝްވަރާކުރަމުންދާއިރު، 2023 އިން ފެށިގެން މިހާތަނަށް 73,910 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި

އިސްރާއީލު ސިފައިން ޣައްޒާ ސިޓީގައި ދަތުރު ކުރަމުންދިޔަ ކާރަކަށް ދިން ހަމަލާގައި އެ އުޅަނދުގައި ރޯވި އަލިފާންގަނޑު ނިއްވައިލަން ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަނީ | އެކްސް
އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި، ކުޑަކުއްޖަކާއި ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ ދަރިފުޅު ހިމެނޭހެން ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި އެވެ. ހޮނިހިރު ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ތިން މީހަކު ޝަހީދުކޮށްލާފައިވާއިރު، ހުކުރު ދުވަހު ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އިތުރު މީހަކު ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ސިއްހީ ދާއިރާގެ މަސްދަރުތަކުން ބުނެ އެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހު އިސްރާއީލްގެ ޑްރޯނަކުން ޣައްޒާ ސިޓީގެ ޝައިޚް ރަޟްވާން މާރުކޭޓު ސަރަހައްދުގައި އާންމުން ދަތުރުކުރި ކާރަކަށް ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، ދެ ކުޑަކުދިން ހިމެނޭހެން މަދުވެގެން ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. މި ހަމަލާގައި އެ ކާރުގައި ވަގުތުން ރޯވި އެވެ. އަދި، ރެސްކިއު ޓީމުތަކަށް އަލިފާން ނިއްވާލެވުމުގެ ކުރިން ގިނަ އިރުތަކެއް ވަންދެން އެ އުޅަނދު އަނދާފައިވާ ކަމަށާއި، އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްއަށް ގެންދިޔަ ހަށިގަނޑު އޮތީ ކާކުކަން ނޭނގޭ ވަރަށް އަނދާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޣައްޒާ ސިޓީން ރިޕޯޓުކުރާ ނޫސްވެރިން ބުނީ، އެ ކާރަށް އަމާޒުކޮށް ޑްރޯން މިސައިލެއް ފޮނުވާލުމާއެކު މުޅި އުޅަނދުގައި އަލިފާން ހިފި ކަމަށެވެ. އަދި، އެމްބިއުލާންސާއި މަދަނީ ދިފާއީ ޓީމުތަކަށް އެ ސަރަހައްދަށް ދެވުނުއިރު ބައިގަޑިއިރެއްހާއިރު ވަންދެން ކާރު އަނދަމުންދިޔަ ކަމަށާއި، އޭގެ ތެރޭގައި އޮތް މީހާގެ ހަށިގަނޑު އޮތީ އެއްކޮށް އަނދާފައި ކަމަށް ނޫސްވެރިން މައުލޫމާތުދެ އެވެ. މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އިސްރާއީލްގެ ޖާސޫސީ ބޯޓުތަކާއި، ހަމަލާދޭ ޑްރޯންތަކާއި ކުދި ކޮޕްޓަރުތައް ޣައްޒާގެ މަތިން ނުރައްކާތެރި މިންވަރަކަށް ތިރިން އުދުހެމުންދާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ސިއްހީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ ދަރިފުޅު ޝަހީދުކޮށްލުން
ހޮނިހިރު ދުވަހުގެ ހެނދުނު، ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ ހުޅަނގުން އަޒް-ޒަހްރާ ސަރަހައްދުގައި އިސްރާއީލްގެ ޑްރޯނަކުން ދިން ހަމަލާއެއްގައި، ޣައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް-ބުރުޝްގެ ދޮށީ ދަރިފުޅު ބަޞީރު އަލް-ބުރުޝް ވަނީ ޝަހީދުކޮށްލާފަ އެވެ. މި ހަމަލާގައި އިތުރު މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ބަޞީރުގެ ހަށިގަނޑު ހަސްފަތާލަށް ގެންދިޔައިރުވެސް އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވެފައިވާ ކަމަށާއި، ހަސްފަތާލަށް ގެންދެވުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ޝަހީދުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފަ އެވެ.
އަލްޖަޒީރާއަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މުނީރު އޭނާގެ ދަރިފުޅުގެ ހަށިގަނޑު ރަޖައެއްގައި އޮޅާލައިގެން، އެމްބިއުލާންސެއްގައި ހަސްފަތާލަށް ގެންދިޔުމަށް އެހެން މީހުންނާއެކު ދުވަމުންދިޔަ އެވެ. އެ ވީޑިއޯގައި މުނީރު ކިޔައިދިން ގޮތުގައި، ދަރިފުޅާއެކު އެއްތަނެއްގައި ހުއްޓައި "އިސްރާއީލުން އަހަރެމެން ދެ މީހުންނަށް [ހަމަލާ] އަމާޒުކުރަނީ" ކަމަށް ބަޞީރު ބުނުމުން، "ރަނގަޅުވާނެ، އެއިރުން އަހަރެމެން ދެ މީހުންނަށް އެކުގައި ސުވަރުގެ ދެވޭނެ" ކަމަށް އޭނާ ބުނި ކަމަށާއި، ނަމަވެސް ފޭލިގެއިން ބޭރަށް ދަރިފުޅު ނުކުތް ވަގުތު ހަމަލާދީ ޝަހީދުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ހުރި ފީލްޑް ހޮސްޕިޓަލެއްގެ ފަހަތުގައި އަމިއްލަ ޖަމިއްޔާތަކުން ހިންގާ ވަގުތީ ކްލާސްތަކެއްގައި ދަރިވަރުން ކިޔަވަން ތިއްބާ ކަމަށް މަސްދަރުތަކުން ބުނެ އެވެ. ބަޞީރު ފޭލިގެއިން ނުކުތް ވަގުތު ސީދާ އޭނާއަށް އަމާޒުކޮށް ޑްރޯން މިސައިލެއް ފޮނުވާލާފައިވާ ކަމަށް ރިޕޯޓަރުން ބުނެ އެވެ. މި ހަމަލާއާ ގުޅިގެން ޣައްޒާގެ ސިއްހީ ވުޒާރާން ނެރުނު ބަޔާނެއްގައި، އެ ވުޒާރާގެ ވެރިންނާއި މުވައްޒަފުންގެ ނަމުގައި، ޑރ. މުނީރު ޢަބްދުﷲ އަލް-ބުރުޝްގެ ދޮށީ ދަރިފުޅު ބަޞީރު ޝަހީދުވުމާ ގުޅިގެން އާއިލާއަށް ވަރަށް އިޚްލާސްތެރި ތައުޒިޔާއެއް ވަނީ ފޮނުވާފަ އެވެ. މި ހަމަލާއާ ގުޅޭގޮތުން އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. އާންމުގޮތެއްގައި ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް މި ފަދަ ހަމަލާތައް ދިނުމަށްފަހު، އިސްރާއީލުން އެ ކަމަށް އުޒުރުތަކެއް ދައްކަ އެވެ.
އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކާއި ސަރަހައްދީ މަޝްވަރާތައް
ހޮނިހިރު ދުވަހު އިސްރާއީލް ސިފައިން ޣައްޒާ ސިޓީގެ އިރުމަތީގައިވާ ޝުޖާޔާ ސަރަހައްދަށް ދިން ހަމަލާއެއްގައި ވެސް އެކަކު ޝަހީދުވެފައިވާ ކަމަށް، އެމްބިއުލާންސް އަދި އިމަޖެންސީ ސާވިސަސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގައިވާ ނުޞައިރާތު ރެފިއުޖީ ކޭމްޕުގެ އުތުރުގައި އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި ޒަޚަމްވި ފަލަސްތީނުގެ އަންހެން ކުއްޖަކު، ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ޝަހީދުވެފައިވާ ކަމަށް ދައިރު އަލް-ބަލާހްގައި ހުންނަ އަލް-އަޤްޞާ މާޓިއަރސް ހަސްފަތާލުން ވަނީ ހާމަކޮށްފަ އެވެ. ހަމަ އެ ހޮސްޕިޓަލުން ބުނީ، ޣައްޒާގެ މެދުތެރޭގައިވާ މަޣާޒީ ރެފިއުޖީ ކޭމްޕުގެ އިރުމަތީގައި އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި އަންހެނަކާއި އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.
ޣައްޒާގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހޮނިހިރު ދުވަހު ބުނީ، އެ ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކުރުމުންނާއި، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅޭގޮތުން ސަރަހައްދީ މެދުވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި، މިޞްރާއި ތުރުކީވިލާތުން ވަނީ މިދިޔަ މަހު ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ.
'ސުލްހައިގެ އެއްބަސްވުމަށްފަހު' އެތައް ހާސް ބަޔަކު ޝަހީދުކޮށްލައިފި
އެމެރިކާ މެދުވެރިވެގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު 'ސުލްހައިގެ އެއްބަސްވުމެއް' އިއުލާނުކުރި ފަހުން ވެސް، އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 1,390 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73,910 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 174,914 މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ.
އދ. ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފުން މިދިޔަ މަހު ބުނީ، އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން ކޮންމެ ދުވަހަކު އެވްރެޖްކޮށް އެއް ކުޑަކުއްޖަކު ޝަހީދުކޮށްލާ ކަމަށެވެ. އަދި، ފަލަސްތީނުގެ އާއިލާތައް މިހާރު ތިބީ ޣައްޒާގެ އެންމެ ތިންބައިކުޅަ އެއްބައި ސަރަހައްދުގައި ބަންދުކޮށްލާފައި ކަމަށާއި، އެ މީހުން ދިރިއުޅެމުންދަނީ ސުންނާފަތިވެފައިވާ އިމާރާތްތަކާއި ކުނިބުނީގެ ތެރޭގައި ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށް އެ އިދާރާއިން ބަޔާންކުރެ އެވެ.
މަސްދަރު: އަލް ޖަޒީރާ











