ޣައްޒާގައި ކުޑަކުދިން ޝަހީދުކުރަމުންދާއިރު ބަލަން ނުތިބެވޭނެ: އިނގިރޭސިވިލާތް
16 ސެޕްޓެމްބަރު 2026 | ބުދަ 03:59ޣައްޒާގެ ހާލަތާ ގުޅިގެން އިސްރާއީލަށް ކުރާ ފިއްތުންތައް އިތުރުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައި، ޣައިރުގާނޫނީ އާބާދީތަކުން އުފައްދާ ތަކެތި އެތެރެކުރުން މަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އިއުލާނުކޮށްފައި. ފަލަސްތީނުގެ އާއިލާތަކަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް ތެދުވެ، މެދުއިރުމަތީގެ ސުލްހައަށް މަސައްކަތްކުރުމުގައި އެ ގައުމުން މީގެކުރިން އަމަލުކޮށްފައިވަނީ މާ ލަސްކޮށް ކަމަށް ސަރުކާރުގެ އިސްވެރިން މިހާރު ގަބޫލުކުރޭ


ކުޑަކުދިންނާ ދެކޮޅަށް ގަސްދުގައި ހަމަލާދިނުން ކުށްވެރިކޮށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ވެސްޓްމިންސްޓަރ ޕެލެސް ކައިރީގައި ދަމާފައިވާ ބެނާއެއް | އަނަދޮލޫ
ޣައްޒާގައި ފަލަސްތީނުގެ ކުށެއްނެތް ކުޑަކުދިން ޝަހީދުކުރަމުންދާއިރު، އިނގިރޭސިވިލާތުން ދެން އެ މަންޒަރު ބަލަން ނުތިބޭނެ ކަމަށް އެ ގައުމުގެ ފަސްޓް ސެކްރެޓަރީ އޮފް ސްޓޭޓް ލުއީޒް ހެއިގް ވިދާޅުވެއްޖެ އެވެ. އިސްރާއީލް ސަރުކާރަށް ކުރާ ފިއްތުންތައް އިތުރުކުރުމަށް ވައުދުވެވަޑައިގަންނަވަމުން ހެއިގް މިހެން ވިދާޅުވީ، ޓްރޭޑްސް ޔޫނިއަން ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަސްޓް ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަކީ ބޮޑުވަޒީރުގެ ނައިބު ކަމުގެ މަގާމާ އެއްވަރުގެ މަގާމެކެވެ.
ޣައްޒާއާއި އިސްތިއުމާރުކޮށްފައި އޮތް ހުޅަނގު އައްސޭރީގެ ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމުގައި އިނގިރޭސިވިލާތުން މިހާތަނަށް އަމަލުކޮށްފައިވަނީ "މާ ލަސްކޮށް" ކަމަށް ހެއިގް ފާހަގަކުރެއްވި އެވެ. މި ފަދަ މޭރުމަކުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބަރނަމް ވެސް މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވާއިރު، މިއީ، ބަރނަމްގެ ވާހަކަފުޅުތަކަށް ތާއީދުކުރައްވައި ހެއިގް ދެއްކެވި ވާހަކަފުޅެކެވެ.
"ދުނިޔެއަށް އަޅުގަނޑުމެންނަކީ ކޮން ބައެއްކަން ހަނދާންކޮށްދޭން އެންމެ މުހިންމުވި ވަގުތު، އަޅުގަނޑުމެންނަށް މަޑުޖެހިލެވުނީ،" ހެއިގް ވިދާޅުވި އެވެ. "ފަލަސްތީނުގެ ކުށެއްނެތް އާއިލާތައް ބިކަވެ، ޣައްޒާގެ ކުށެއްނެތް ކުޑަކުދިން ޝަހީދުކުރަމުންދާއިރު، އަދި ދެ ދައުލަތުގެ ހައްލަށް އޮތް އުންމީދު އަޅުގަނޑުމެންގެ އަމިއްލަ ލޯތަކުގެ ކުރިމަތީގައި ފަނޑުވަމުންދާއިރު، އިނގިރޭސިވިލާތުން ދެން އެ މަންޒަރު ބަލާކަށް ނޯންނާނެ."
މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް ހުސްވި ހަފުތާގައި އިއުލާނުކުރެއްވި ދަތިކުރުމުގެ ފިޔަވަޅުތަކަކީ، މި މައްސަލައިގައި އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމުގެ މަގްސަދުގައި އެޅި ފިޔަވަޅުތަކެއް ކަމަށް ހެއިގް ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެން އަމާޒު މި ހިފަނީ ގަވާއިދާ ހިލާފަށް ހަދާފައިވާ [ޣައިރުގާނޫނީ ވަޒަންވެރިން ދިރިއުޅޭ] އާބާދީތަކަށް. އިސްރާއީލް ސަރުކާރަށް ކުރާ ފިއްތުންތައް އިތުރުކޮށް، މެދުއިރުމަތީގެ ސުލްހައިގެ އުންމީދު ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަޅުގަނޑުމެން ބޭއިންސާފާ ދެކޮޅަށް ތެދުވާނަން، އަދި ސުލްހައިގެ ހައްގުގައި ވަކާލާތު ކުރާނަން،" ހެއިގް ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު މިލިބެންޑް ހުސްވި ހަފުތާގައި އިއުލާނުކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި، އިސްރާއީލުން ގަވާއިދާ ހިލާފަށް އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ހަދާފައިވާ އާބާދީތަކުން އުފައްދާ ތަކެތި އެތެރެކުރުން މަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން، އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ޣައިރުގާނޫނީ ވަޒަންވެރިން އާބާދުކުރުމަށް އެހީތެރިވާ ކުންފުނިތަކާއި ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ހަރުކަށި ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











