ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ
7 އޯގަސްޓު 2026 | ހުކުރު 11:52މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނު އަދި ތުރުކީވިލާތުން ގުޅިގެން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި. މި އެއްބަސްވުމުގެ ދަށުން ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ މުޅި އިއްތިހާދަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އަސްކަރީ އަދި ފަންނީ އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމާފައި
ޕާކިސްތާނާއި ތުރުކީވިލާތް އަދި ސައުދީ އަރަބިއްޔާއިން ގުޅިގެން "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގައި ވަނީ ސޮއިކޮށްފައި | ސްކްރީން އިމޭޖް
މެދުއިރުމަތީގައި އަސްކަރީ ނުތަނަވަސްކަމާއި ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނު އަދި ތުރުކީވިލާތުން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށް، ސަލާމަތީ ގޮތުން އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކޮށްފި ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ މި ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދެވޭ ހަތިޔާރު އެޅި ހަމަލާއަކީ، އެ ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ގައުމުގެ ނުފޫޒުގަދަ އަސްކަރީ ވެރިޔާ އާސިމް މުނީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެން މައްކާގައި އުމްރާގެ އަޅުކަން އަދާކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވެސް ހުކުރު ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގެން، އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާފައިވެ އެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން، އީރާނުގެ އިތުރުން ޔަމަނުގައި ތިބި އީރާނަށް ތާއީދުކުރާ ހޫޘީންނާއި އިރާގުގައި ހަރަކާތްތެރިވާ ޝިއައީ ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ ތަކުރާރުކޮށް ސައުދީ އަރަބިއްޔާއަށް ހަމަލާދެމުންނެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓް ކުރުމަށާއި އެ ގައުމުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ނުރައްކާވެފައިވާއިރު، އެމެރިކާގެ ސަލާމަތީ ރައްކާތެރިކަމަށް ބަރޯސާވެވޭ މިންވަރާ މެދު ވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.
ތުރުކީވިލާތާއި ޕާކިސްތާނަށް މިހާތަނަށް ސީދާ ބޮޑެތި ހަމަލާތަކެއް އަމާޒުވެފައި ނުވި ނަމަވެސް، އެ ދެ ގައުމުގެ ސަލާމަތާއި އިގްތިސާދަށް ނުރައްކާވާ ފަދަ ސަރަހައްދީ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް އެ ދެ ގައުމުން ވެސް ދަނީ ބޮޑު އިސްކަމެއް ދެމުންނެވެ.
މި ތިން ގައުމުގެ ދެމެދުގައި ސޮއިކުރެވުނު މި އެއްބަސްވުމަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު އެކުލަވާލެވުނު އެއްބަސްވުމެކެވެ. އިސްލާމްދީނުގެ އެންމެ މުގައްދަސް ބިނާ ހުރި މައްކާގައި މި އެއްބަސްވުން ގާއިމުކުރުމަކީ، މި ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ އަސްކަރީ ގުޅުން އިތުރަށް ރަމްޒީގޮތުން ވަރުގަދަކޮށްދޭ ކަމެކެވެ.
ޕާކިސްތާނުން ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ސައުދީ ސިފައިންނަށް ތަމްރީނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ތުރުކީވިލާތާއި ޕާކިސްތާނުން ވެސް ދަނީ ހަނގުރާމަމަތީ މަނަވަރުތަކާއި ތަމްރީނު ދޭ މަތިންދާބޯޓުތައް ބަދަލުކުރަމުންނެވެ. އަދި 2023 ވަނަ އަހަރު ރިޔާޟުން ވަނީ ތުރުކީގެ ޑްރޯން ގަތުމަށް އެއްބަސްވެފަ އެވެ. މިއީ ތުރުކީގެ ދިފާއީ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މިހާތަނަށް ސޮއިކުރި އެންމެ ބޮޑު އެއްބަސްވުން ކަމަށް އަންކާރާއިން ބުނެ އެވެ.










