ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް
12 އޯގަސްޓު 2026 | ބުދަ 15:39ތުރުކީގައި އޮތް ނޭޓޯ ސަމިޓަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރާނަފުޅަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމުން، ސިއްރިއްޔާތުގައި އެހެން ބޯޓެއްގައި އެމަނިކުފާނު ގައުމުން ބޭރުކޮށްފިއެވެ. މި ނުރައްކަލާ ގުޅިގެން ކޭޓަރިންގ ޓްރަކެއް ބޭނުންކޮށްގެން ޓްރަމްޕް ކުޑަ ބޯޓަކަށް ބަދަލުކުރިއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ނޫސްވެރިން ދަތުރުކުރީ ކުރިން ހަމަޖެހިފައިވާ ރަސްމީ ބޯޓުގައި

ޖުލައި މަހުގެ 8 ވަނަ ދުވަހު، އޮފިޝަލުންނާއި ނޫސްވެރިންނާއެކު ޑޮނަލްޑް ޓްރަމްޕް އެއަރ ފޯސް ވަން އަށް އަރާވަޑައިގަތުމަށްފަހު، އެމަނިކުފާނު ވަނީ ސިއްރު ގޮތަކަށް އަސްކަރީ މަތިންދާބޯޓަކަށް ބަދަލުވުމަށްޓަކައި ކާބޯތަކެތި އުފުލާ ލޮރީއެއްގެ ތެރޭގައި ފިއްލަވައިގެން ވަޑައިގެންފައި | އޭޕީ
މިދިޔަ މަހު ތުރުކީވިލާތުގައި ބޭއްވި ނޭޓޯ ސަމިޓުގެ ފަހު ދުވަހު، އެމެރިކާގެ ރައީސް ދަތުރުކުރައްވާ "އެއަރ ފޯސް ވަން" މަތިންދާބޯޓަށް ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދީފާނެކަމުގެ ބިރުވެރިކަން އުފެދުނު ކަމަށް މިކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފި އެވެ. މި ނުރައްކަލާ ގުޅިގެން، އެމެރިކާގެ އޮފިޝަލުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރިއްޔާތުގައި އެހެން ބޯޓެއްގައި އެ ގައުމުން ބޭރުކުރުމަށް އަވަސް ރޭވުންތަކެއް ރާވާފަ އެވެ.
މި ނުރައްކަލަކީ ވަކި އަމާޒެއް އޮތް ސީދާ ނުރައްކަލަކަށް ވުމުން، އޭރު ރައީސް ޓްރަމްޕް ބޭނުންކުރެއްވި "އެއަރ ފޯސް ވަން" ނުވަތަ ގަތަރުން ހަދިޔާކުރި ބޯޓުގައި ފުރާވަޑައިގެންފިނަމަ، އެމަނިކުފާނުގެ ފުރާނަފުޅަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އޮފިޝަލުންނަށް ގަބޫލުކުރެވުނު ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ.
މި ނުރައްކަލާ ބެހޭ މަޢުލޫމާތު ލިބުނު ގޮތެއް ހާމަކުރަން އެ ފަރާތުން އިންކާރު ކުރި ނަމަވެސް، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވުނީ ތުރުކީގައި ޓްރަމްޕް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތަފުސީލު އީރާނަށް ވަރަށް ބޮޑަށް އެނގޭކަން ފާހަގަވުމުން ކަމަށް މި ޚަބަރުގައި ބުނެފައިވެ އެވެ. ޓްރަމްޕް ވަނީ ތުރުކީގެ ވެރިރަށް އަންކާރާގެ މެދުތެރޭގައި ހުންނަ ލަގްޒަރީ ހޮޓަލެއްގައި އެއް ރޭ ހޭދަކުރައްވައި، ހޮޓަލާއި ސަމިޓް ބޭއްވި ތަންތަނާ ދެމެދު އެތައް ފަހަރަކު ދަތުރުކުރައްވާފަ އެވެ.
މި ހާލަތާ ގުޅިގެން، އަސްކަރިއްޔާ އާއި ސީކްރެޓް ސާވިސްގެ އޮފިޝަލުން ގުޅިގެން، ކާބޯތަކެތި އުފުލާ ޓްރަކެއް (ކޭޓަރިންގ ޓްރަކް) ބޭނުންކޮށްގެން ޓްރަމްޕް އެހެން ބޯޓަކަށް ބަދަލުކޮށް، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގައުމުން ބޭރުކުރުމުގެ ޕްލޭނެއް އެކުލަވާލި އެވެ. ޓްރަމްޕާއެކު ތުރުކީއަށް ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް، ރައީސް ފުރާވަޑައިގެންނެވި އިރު އެ ހުރިހާ ބޭފުޅުން އެމަނިކުފާނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ސީއެންއެން އިން ވީޑިއޯ އެނަލައިޒް ކުރުމުން އެނގުނު ގޮތުގައި، ރައީސްގެ މޮޓޯކޭޑް އެއާޕޯޓަށް ދިއުމުގެ ކުރިން، އަންކާރާ އެއާޕޯޓުގެ އޮފިޝަލުން ވަނީ "އެއަރ ފޯސް ވަން" ބޯޓުގެ އަރިމަތީގައި ކޭޓަރިންގ ޓްރަކެއް ބާއްވާފަ އެވެ.
ޓްރަމްޕް ބޯޓަށް އަރާވަޑައިގަތުމާއެކު، ކޭޓަރިންގ ޓްރަކްގެ ކޮންޓެއިނަރު ތިރިކޮށް، ބޮޑު ބޯޓާ ދުރަށް ދުއްވާލުމަށްފަހު، ކުޑަ ސީ-32އޭ (C-32A) މަތިންދާބޯޓާ ކައިރިކުރި އެވެ.
ރައީސް ޓްރަމްޕް އާ ނުލައި ބޮޑު ބޯޓު އެ ގައުމުގެ ގަޑިން ރޭގަނޑު 8:44 ހާއިރު އުދުއްސާލިއިރު، އެ ބޯޓު ދިޔައީ ޓްރަމްޕް އިންނެވި ކުޑަ ބޯޓުގެ ކައިރިންނެވެ. އޭގެ އެއް މިނެޓު ފަހުން ޓްރަމްޕް އިންނެވި ކުޑަ ބޯޓުވެސް ވަނީ ފުރުވާލާފަ އެވެ.
އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި، ބޯޓު ބަދަލުކުރި ވަގުތު މާކޯ ރޫބިއޯ އާއި ސްކޮޓް ބެސެންޓް މަޑުކުރެއްވީ ކުރިން ބޭނުންކުރި ނޫ އަދި ހުދު ކުލައިގެ ބޮއިންގ 747 މަރުކާގެ ބޯޓުގަ އެވެ. އެ ބޭފުޅުންނާއެކު ވައިޓް ހައުސްގެ ބައެއް މުވައްޒަފުންނާއި، އަސްކަރީ މީހުން އަދި ނޫސްވެރިންވެސް އެ ބޯޓުގައި ތިއްބެވެ.
އެ ބޯޓުގައި ތިބި ގިނަ ފަސިންޖަރުންނަށް، ޓްރަމްޕް އެ ބޯޓުގައި ނެތް ކަމެއް އޭރު ނޭނގެ އެވެ.
މި އިންތިޒާމުތަކުގެ މަޢުލޫމާތު އެނގޭ ފަރާތަކުން ސީއެންއެން އަށް ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ އަސްކަރީ ބޭހަކަށް ޓްރަމްޕް ދަތުރުކުރެއްވި ކުޑަ ބޯޓުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވީ ވަރަށް އަރިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް އެސިސްޓަންޓް ނަޓާލީ ހާޕް، ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޑޭން ސްކަވީނޯ، އަދި އޯވަލް އޮފީސް އޮޕަރޭޝަންސްގެ ޑިރެކްޓަރު ވޯލްޓް ނައުޓާ ހިމެނެ އެވެ.
އިނގިރޭސިވިލާތުގެ އެއާބޭސްގައި ހުންނަވައި، ކުރީގެ "އެއަރ ފޯސް ވަން" ބޯޓުން ފައިބައިވަޑައިގެން، ވޮޝިންގޓަނަށް ވަޑައިގަތުމަށްޓަކައި ގަތަރުގެ އާ ބޯޓަށް ޓްރަމްޕް އަރާވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯއިން ހެގްސެތް، ނައުޓާ އަދި ހާޕް ފެންނަން ތިއްބެވެ.










