މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ
18 ސެޕްޓެމްބަރު 2026 | ހުކުރު 06:56ސޫރިޔާގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެ، އެ ގައުމުން އދ. ގެ ސަލާމަތީ މަޖިލީހުގައި އިސްރާއީލަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި. މި ބައްދަލުވުމުގައި ތުރުކީވިލާތުން ވެސް ވަނީ އިސްރާއީލުގެ އުދުވާންތައް ކުށްވެރިކޮށް، ސޫރިޔާގެ ބިމުން އިސްރާއީލް ސިފައިން ފޭބުމަށް ގޮވާލާފައި


ސޫރިޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް އުލަބީ އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަނީ | ރޮއިޓާސް
ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމަށްފަހު ސޫރިޔާ އަމާން އޮމާން ދައުލަތަކަށް ބަދަލުކުރުމާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ކޮންމެ މަހަކު ބާއްވާ ބައްދަލުވުމުގައި، އެ ގައުމުގެ ބިމުގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ހައްގު އޮތީ ކޮން ބަޔަކަށްތޯ ބުނެ ސޫރިޔާއާއި އިސްރާއީލް އަދި ތުރުކީވިލާތުން އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.
އދ. އިން އާންމުކޮށްފައިވާ ބައްދަލުވުމުގެ ޚުލާސާ ރިޕޯޓުގައިވާ ގޮތުން، ބުރާސްފަތި ދުވަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސޫރިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އިބްރާހީމް އުލަބީ ވިދާޅުވީ، އޭނާ ބޭނުންފުޅުވީ ސޫރިޔާއަށް އަންނަމުންދާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ކަމަށެވެ. ނަމަވެސް، ސޫރިޔާގެ ސަރަހައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ ޣައިރުޤާނޫނީ އަމަލުތަކާ ގުޅިގެން އެ ވާހަކަތައް ދައްކަވަން މަޖުބޫރުވެވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަނުމަށް ސޫރިޔާއިން މަސައްކަތް ކުރި ނަމަވެސް، އިސްރާއީލުން ވަނީ ސޫރިޔާގެ އަވަށްތަކަށް އަތްގަދަކޮށް، ރައްޔިތުން ގެދޮރުން ބޭރުކޮށް، އެކި ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް އުލަބީ ވިދާޅުވި އެވެ. މީގެއިތުރުން، މައްސަލަ ހައްލުކުރުމަށް ކުރެވޭ މެދުވެރިކަމުގެ މަސައްކަތްތަކަށާއި މަޝްވަރާތަކަށް އިސްރާއީލުން ދޭ ޖަވާބަކީ ވައިގެ މަގުން ހަމަލާދިނުމާއި، ބޯޑަރު ހުރަސްކޮށް ވަދެގަތުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ މި އުދުވާނަކީ ހަމައެކަނި ސޫރިޔާއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މިއީ މުޅި މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް އުލަބީ ވިދާޅުވި އެވެ. ހަމަމިއާއެކު، މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އިސްރާއީލުގެ އިސްވެރިން ސޫރިޔާގެ ސަރަހައްދެއް ކަމަށްވާ ޖަބަލް އަލް-ޝައިޚަށް ކުރި ޒިޔާރަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ޣައިރުގާނޫނީ އަމަލެއް ކަމަށް ބުނެ ސަލާމަތީ މަޖިލީހުން ބޭރުން 44 ގައުމަކުން ނެރުނު ބަޔާނަށް ވެސް އޭނާ ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
ސޫރިޔާގައި ތުރުކީވިލާތުގެ ސިފައިން ތިބީ ދިމިޝްގުގެ ދައުވަތަކަށް ކަމަށް، ތުރުކީވިލާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޔިލްދިޒް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ އަމަލުތައް ދިފާއުކުރުމުގެ ބޭނުމުގައި، ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު އޮތް ގާނޫނީ އެއްބާރުލުން ބަދުނާމުކޮށް، އެއީ ނުރައްކަލެއްގެ ގޮތުގައި ދެއްކުމަށް ކުރާ މަސައްކަތްތަކާ ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށް ޔިލްދިޒް ބަޔާންކުރެއްވި އެވެ. އަދި، ސޫރިޔާގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ "ޒިންމާދާރުކަން ކުޑަ ހަމަލާތަކުގެ" ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ، އެ ހަމަލާތައް ހުއްޓާލައި ސޫރިޔާގެ ބިމުން އިސްރާއީލް ސިފައިން ފޭބުމަށް އޭނާ ގޮވާލެއްވި އެވެ.
މި ބަހުސްތަކާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން ސޫރިޔާގެ ސަފީރު ވިދާޅުވީ، ސޫރިޔާއާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ދެން އިތުރަށް އެހެން ފަރާތްތަކުގެ މަސްލަހަތު ހިމެނޭ 'ޕްރޮކްސީ' މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ. މިއީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު ކަން ހިނގި ގޮތް ކަމަށާއި، މިހާރު މި ގޮތަށް ކަންތައް ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން، މި ފަދަ ވާހަކަތަކަކީ ހަގީގަތުގައި ވެސް ނަފްސާނީ ގޮތުން ބޮޑު ތަކުލީފެއް ލިބޭ ކަމެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
މަސްދަރު: އަލް ޖަޒީރާ











