ސްރީ ލަންކާގެ އީސްޓާ ސަންޑޭ ބޮމުގެ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
23 ސެޕްޓެމްބަރު 2026 | ބުދަ 01:13ސްރީލަންކާގެ ހައިކޯޓުން ކުރި މި ހުކުމުގައި 14 މީހެއްގެ މައްޗަށް މީހުން މެރުމާއި ޓެރަރިޒަމްގެ ހުރިހާ ދައުވާއެއް ސާބިތުވިއިރު، މީގެ ތެރޭގައި ހަމަލާގެ މޭސްތިރިޔާ މުހައްމަދު ނައުފަރު ވެސް ހިމެނޭ. މި މައްސަލައިގައި ދައުވާލިބުނު އިތުރު ނުވަ މީހަކު ކުށުން ބަރީއަވެފައިވާއިރު، ޖާސޫސީ އިންޒާރުތަކަށް އިހުމާލުވި އިސްވެރިންގެ މައްޗަށް ވެސް މީގެ ކުރިން ވަނީ ހުކުމް އިއްވާފައި


ސްރީ ލަންކާގެ ހައި ކޯޓު ހުންނަ އިމާރާތުގެ ކުރިމަތީގައި ފުލުހުންނާއި ހަތިޔާރުއެޅި ކޮމާންޑޯއިން ފޯރިމަރަނީ | އޭއެފްޕީ
2019 ވަނަ އަހަރު ސްރީ ލަންކާގައި ދިން 'އީސްޓާ ސަންޑޭ' ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު 24 މީހުންގެ ތެރެއިން 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ކަނޑައަޅައިފި އެވެ. ބޭރުގެ 45 މީހުން ހިމެނޭހެން ޖުމްލަ 279 މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި މި ހަމަލާތަކާ ގުޅިގެން ކުރިއަށްދިޔަ ޝަރީއަތަށް ފަހު ކޯޓުން މި ނިޔާ އިއްވީ އަންގާރަ ދުވަހު އެވެ.
ފަސް އަހަރު ދުވަހަށް ދެމިގެންދިޔަ ޝަރީއަތަކަށް ފަހު، ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ، ދައުވާ ލިބުނު މީހުންގެ ތެރެއިން 14 މީހެއްގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށެވެ. މި ދައުވާތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށުގެ ދައުވާއާއި، "ޓެރަރިޒަމް" ގެ އަމަލުތައް ހިންގަން ރޭވުމުގެ ދައުވާގެ އިތުރުން، ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަތިޔާރާއި ގޮވާތަކެތި ގެންގުޅުމުގެ ދައުވާ ހިމެނެ އެވެ. ދައުވާ ލިބުނު 15 ވަނަ މީހާގެ މައްޗަށް ސާބިތުވީ އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އެކަންޏެވެ. އަދި, ދައުވާ ލިބުނު އަނެއް ނުވަ މީހުން ވަނީ ކުށުން ބަރީއަވެ، ސަލާމަތްވެފަ އެވެ.
މި މައްސަލައިގައި ފުރަތަމަ 25 މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، އޭގެ ތެރެއިން އެކަކު ވަނީ ބަންދުގައި ހުއްޓާ މަރުވެފަ އެވެ. ހުރިހާ ދައުވާއެއް ސާބިތުވި މީހުންގެ ތެރޭގައި މުހައްމަދު ނައުފަރު ހިމެނެ އެވެ. ޕްރޮސެކިއުޓަރުން އޭނާ ފާހަގަކޮށްފައި ވަނީ މި ހަމަލާތައް ދިން އަށް މެންބަރުންގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިން އިސް މޭސްތިރިޔާގެ ގޮތުގަ އެވެ.
އަދަބު ކަނޑައެޅުން އޮންނާނީ އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމަށް ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ވިދާޅުވި އެވެ. ކޯޓުން މި ހުކުމްތައް އިއްވަމުން ދިޔައިރު، ކޯޓުގެ ބޭރުގައި ފުލުހުންގެ ގިނަ އަދަދެއްގެ ކޮމާންޑޯއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ކޯޓުގެ މި ހުކުމްތަކަށް ސްރީލަންކާގެ ނަސާރާދީނުގެ މައި ފައްޅިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އީސްޓާ ސަންޑޭ ހަމަލާގައި ބޮލަށް ޒަހަމްތަކެއް ލިބި ސަލާމަތްވި ތެރޭސާ ފެނާންޑޯ ބުނީ، އޭނާ ތަހައްމަލުކުރި ފަދަ ހިތްދަތި ކަމެއް އެއްވެސް މީހަކު ތަހައްމަލުކުރަން ޖެހިގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. "އަޅުގަނޑުމެން މިއަދު މި ތަނަށް މި އައީ މި ހަމަލާގެ ޝިކާރައަކަށް ވީ މީހެއްގެ ހައިސިއްޔަތުން އިންސާފު ހޯދުމަށް،" އޭނާ ބުންޏެވެ. "ކޯޓުން ކޮންމެ ގޮތަކަށް ހުކުމްކުރި ނަމަވެސް. އަޅުގަނޑުމެން ބޯލަނބައި އެ ކަން ބަލައިގަންނާނަން."
ހޮޓާތަކަށާއި ފައްޅިތަކަށް ދިން ހަމަލާތައް
2019 އެޕްރީލްގައި އެއްފަހަރާ ރޭވުންތެރިކަމާއެކު ދިން މި ބޮމުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މަތީ ފަންތީގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށެވެ. މި ހަމަލާތަކާ ގުޅޭގޮތުން ތަކުރާރުކޮށް ލިބުނު ޖާސޫސީ އިންޒާރުތަކަށް ފިޔަވަޅު އެޅުމުގައި ފުލުހުންނާއި ޖާސޫސީ އިދާރާތަކުގެ އިސްވެރިން ފަސްޖެހި، އިހުމާލުވެފައިވާ ކަމަށް ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ވަނީ ކަނޑައަޅާފަ އެވެ.
މި ހަމަލާތައް ދިން ކަމުގެ ތުހުމަތު ކޮށްފައި ވަނީ ސްރީ ލަންކާއަށް ނިސްބަތްވާ ހަތިޔާރު އެޅި ދެ ޖަމާއަތެއްގެ މައްޗަށެވެ. ދީފާނެ ކަމަށް ބެލެވޭ ހަމަލާތަކަކާ ގުޅޭގޮތުން ބޭރުގެ ޖާސޫސީ އިދާރާތަކުން ދިން އިންޒާރުތަކަށް އަވަސް ފިޔަވަޅު އަޅާފައި ނުވާތީ، ފުލުހުންގެ ކުރީގެ ވެރިޔަކާއި ދިފާއީ ވުޒާރާގެ ކުރީގެ އިސް ވެރިއެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ވެސް ޖުލައި މަހު ހުކުމްކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










