ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
5 އޯގަސްޓު 2026 | ބުދަ 04:12ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ނުވަ ޑިސްޓްރިކްޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 11،000 އަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރު ވަނީ ކޮށްފައި. މި ހާދިސާތަކުގައި 290 އަށްވުރެ ގިނަ ގެދޮރަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކުރޭ

ކޮލަމްބޯއަށް ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއްގައި، އެ ސިޓީގެ މަގެއްގެ މަތިން ސައިކަލެއް ދުއްވާފައިދާ މީހެއް | ގެޓީ އިމޭޖަސް
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުން އަށް މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ހާމަކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ޑީއެމްސީން ނެރުނު އެންމެ ފަހުގެ ސިޗުއޭޝަން ރިޕޯޓުގައިވާ ގޮތުން، މޫސުން ގޯސްވުމުގެ ސަބަބުން ނުވަ ޑިސްޓްރިކްޓެއްގެ 56 ޑިވިޜަނަލް ސެކްރެޓޭރިއަޓް ދާއިރާއަކަށް ވަނީ އެކިވަރުގެ އަސަރުތައް ކޮށްފަ އެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާއި މޫސުމީ ހާދިސާތަކުގެ ސަބަބުން 3،014 އާއިލާއަކަށް ނިސްބަތްވާ ޖުމްލަ 11،832 މީހުންނަށް ވަނީ އެކިވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި މި ހާދިސާތަކުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެ އެވެ.
މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބުނު ގެއްލުންތަކަށް ބަލާއިރު، އެއް ގެއެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި، 290 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ޑީއެމްސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.










