އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
20 އޯގަސްޓު 2026 | ބުރާސްފަތި 11:16ސްރީލަންކާގެ ޓްރިންކޮމަލީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 55 އަހަރުގެ ފިރިހެނެއްގެ މަސާނާއިން، ދުނިޔޭގެ ރެކޯޑަކަށް ވެދާނެ ފަދަ 3.1 ކިލޯގެ ބޮޑު ހިލައެއް އޮޕަރޭޝަން ކޮށްގެން ނަގައިފި. ސްޓްރޯކެއް ޖެހިގެން އެޑްމިޓްކުރި މި ބަލިމީހާގެ ހަށިގަނޑުން ނެގި މި ހިލައަކީ، މީގެ ކުރިން ބްރެޒިލްގައި ރެކޯޑްކުރެވުނު 1.9 ކިލޯގެ ހިލައަށްވުރެ ބަރު އަދި އާދަޔާ ހިލާފަށް ބޮޑު ހިލައެއް

ސްރީލަންކާގައި އުމުރުން 55 އަހަރުގެ މީހެއްގެ ހަށިގަނޑުން ބޮޑު މަސާނާ ހިލައެއް (ބްލެޑަރ ސްޓޯން) އޮޕަރޭޝަން ކޮށްގެން ވަނީ ނަގާފައި | ނިއުސް ފަރސްޓް
ސްރީލަންކާގެ ސާޖަނުންގެ ޓީމަކުން، އޮސްޓްރިޗް ބިހެއްގެ ބޮޑުމިން ހުރި ހިލައެއް މީހެއްގެ މަސާނާ (ބްލެޑަރއި) އިން ނަގައިފި އެވެ. ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް ރެކޯޑް ކުރެވުނު މިފަދަ އެންމެ ބޮޑު އެއް ހިލަ އެވެ.
ސްރީލަންކާގެ ޓްރިންކޮމަލީ ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން، ބަރުދަނުގައި 3.1 ކިލޯ ހުރި މި ހިލަ ނަގާފައިވަނީ އުމުރުން 55 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުންނެވެ. މިދިޔަ ހަފުތާގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، ސްޓްރޯކެއް ޖެހިގެން އެމީހާ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް، ފަރުވާ ދެމުންދިޔަ ދުވަސްވަރު ކުޑަކަމުދިއުމަށް އެމީހާއަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ޑޮކްޓަރުންނަށް ފާހަގަކުރެވިގެން އިތުރަށް ބެލިބެލުމުން މި ހިލަ ވަނީ ފެނިފަ އެވެ.
މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ޔޫރޮލޮޖިސްޓް ޕްރަގަލަދަން ބާލަކްރިޝްނަން ވިދާޅުވީ، އެ ހިލައިގެ ބަރުދަން އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަނާ އެއްވަރު ކަމަށާއި، އޭގެ ބޮޑުމިން އޮސްޓްރިޗް ބިހަކާ އެއްވަރު ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު އެ ބަލިމީހާގެ ހާލު "ވަރަށް ރަނގަޅު" ކަމަށާއި، އެހެނިހެން ބަލިތަކަށް އެމީހާ އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކާމިޔާބީއަކީ މުޅި ޓީމުގެ ގުޅިފައިވާ މަސައްކަތުގެ ނަތީޖާ. ފުރަތަމަ ކުރެވުނު ޓެސްޓުތަކުން އެނގުނީ ބަލިމީހާގެ މަސާނާގައި ވަރަށް ބޮޑު ހިލައެއް އިންކަން. އެއާއެކު މި މައްސަލަ އަޅުގަނޑުމެންގެ ސްޕެޝަލިސްޓް ޓީމަށް ހުށަހެޅުނު. ސާޖަރީގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު، ކާމިޔާބުކަމާއެކު ބަލިމީހާގެ މަސާނާއިން އެ ހިލަ ވަނީ ނަގާފައި،" ނިއުސް ފަސްޓް ނޫހަށް ދެއްވި ބަޔާނެއްގައި ޑރ. ބާލަކްރިޝްނަން ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބެން ހުރި ރެކޯޑުތަކަށް ބަލާއިރު، މިއީ އޮޕަރޭޝަން ކޮށްގެން ނެގި އެންމެ ބޮޑު މަސާނާގެ ހިލަ އެވެ.
ހޮސްޕިޓަލުގެ ޑިރެކްޓަރު ސަންދަމާލީ ސަމަރަކޫން ވިދާޅުވި ގޮތުގައި، މިއީ އޮޕަރޭޝަން ކޮށްގެން ނެގި އެންމެ ބޮޑު މަސާނާގެ ހިލައިގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑަށް ހުށަހެޅިދާނެ ކަމެކެވެ. މީގެ ކުރިން ގިނިސް ވޯލްޑް ރެކޯޑްސްގައި ހިމެނޭ އެންމެ ބޮޑު މަސާނާގެ ހިލަ ނަގާފައިވަނީ 2003 ވަނަ އަހަރު ބްރެޒިލްގެ ބަލިމީހެއްގެ ހަށިގަނޑުންނެވެ. އެ ހިލައިގެ ބަރުދަނުގައި ހުރީ 1.9 ކިލޯއެވެ. އަދި އޭގެ ދިގުމިނުގައި ހުރީ 17.9 ސެންޓިމީޓަރެވެ.
މަސާނާގައި ހިލަ އުފެދެނީ ކުޑަކަމުދާ ތަކެތި ބޭރުނުވެ މަސާނާގައި ގިނައިރު ހުރުމުގެ ސަބަބުން، އޭގައި ހުންނަ މިނަރަލްތައް ގަނޑުވެ ހިލައަށް ބަދަލުވުމުންނެވެ. މިކަން މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި ޕްރޮސްޓޭޓް ދުޅަވުން، ކުޑަކަމުދާ ނިޒާމު ބެދުން، ނާރުތަކަށް ދިމާވާ މައްސަލައަކުން މަސާނާގެ މަސައްކަތަށް ބުރޫއެރުން، ތަކުރާރުކޮށް އިންފެކްޝަން ޖެހުން އަދި ގިނަ ދުވަހު ކެތީޓާ ބޭނުންކުރުން ހިމެނެ އެވެ.
ކުދިކޮށް ހުންނަ މަސާނާގެ ހިލަ އަމިއްލައަށް ބޭރުވި ނަމަވެސް، އެއް ސެންޓިމީޓަރަށް ވުރެ ބޮޑު ހިލަ ހުންނަނަމަ ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސްއެޅި ފަރުވާ ބޭނުންވެ އެވެ. އަދި ހަތަރު ސެންޓިމީޓަރަށް ވުރެ ބޮޑު ހިލަ ބެލެވެނީ އާދަޔާ ހިލާފަށް ބޮޑު ހިލައިގެ ގޮތުގަ އެވެ.
މިދިޔަ ހަފުތާގައި ސްރީލަންކާގައި ނެގި ހިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 17 ސެންޓިމީޓަރު ހުއްޓެވެ.










