ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު
21 ސެޕްޓެމްބަރު 2026 | ހޯމަ 05:26މެދުއިރުމަތީގެ ހަމަޖެހުމަށް ޓަކައި އީރާނާއި ގަލްފުގެ ގައުމުތައް ހިމެނޭ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް ގަތަރުގެ ބޮޑުވަޒީރު ގޮވާލައްވައިފި. މީގެ އިތުރުން، ގަތަރުގެ އިގްތިސާދު ފުޅާކުރުމަށް ޓަކައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 60 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު އިންވެސްޓްމަންޓް މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަން ވެސް އޭނާ ވަނީ ހާމަކުރައްވާފައި


ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް-ޘާނީ | އަނަދޮލު އޭޖެންސީ
ގަލްފުގެ ގައުމުތަކާއި އީރާން އެކުގައި ހިމެނޭ ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީ އާދީއްތަ ދުވަހު ގޮވާލައްވައިފި އެވެ. އެމެރިކާއިން އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަކީ "ވޭކް-އަޕް ކޯލެއް" ނުވަތަ ނިދިން ހޭލުމުގެ އިންޒާރެއްގެ ގޮތުގައި ބަލަންޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ.
"މިއީ މިކަން ވާންވީ ވަގުތުކަން އެންމެންނަށްވެސް އަންގައިދިން 'ވޭކް-އަޕް' ކޯލަކަށް މި ހަނގުރާމަ ވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ނިއު ޔޯކުގައި ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ގަތަރު އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އަލް-ޘާނީ ވިދާޅުވި އެވެ.
ފަހަކަށް އައިސް މެދުއިރުމަތީގައި ފެށިގެންދިޔަ ކާރިސާއަކީ ސަލާމަތާއި ހަމަޖެހުމާ މެދު ކުރެވިފައިވާ ވިސްނުންތައް އިމްތިހާނުކޮށްލި ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި, މި ކާރިސާގެ އަސަރު މުޅި ސަރަހައްދުން ބޭރަށް ފޯރާފައިވާ ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
"އީރާނަކީ އަޅުގަނޑުމެންގެ އަވައްޓެރިއެއް،" އަލްޘާނީ ވިދާޅުވި އެވެ. "ގަލްފުގެ ގައުމުތަކާއި އީރާން އެކުގައި ހިމެނޭހެން، އަދި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު އަނެއް ބަޔަކަށް ނުރައްކަލެއް ކުރިމަތިނުކުރާނެކަން ކަށަވަރުކޮށްދޭ ސަލާމަތީ އޮނިގަނޑެއް ނެތި، ކުރިން އޮތް ގޮތަށް މި ސަރަހައްދު ދެމިއޮވެގެން ކުރިއަކަށް ނުދާނެކަން އަޅުގަނޑުމެން ދެނެގަންނަންޖެހޭ."
މީގެ އިތުރުން، "ސަރަހައްދެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން އެކުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރަންޖެހޭ. އަދި, އީރާނާއެކު އަޅުގަނޑުމެންގެ ރަނގަޅު ގުޅުމެއް އޮތުމަށާއި، އީރާނުން ގަލްފުގެ ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ބާއްވާކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ،" ކަމަށް ވެސް އަލް-ޘާނީ ވިދާޅުވި އެވެ.
ގަތަރާއި އެ ގައުމުގެ ސަރަހައްދީ ބައިވެރިން އެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަލް-ޘާނީ ވިދާޅުވި އެވެ. މިއާއެކު، މި ހަމަނުޖެހުމުގެ ސަބަބުން އިތުރު އެއްބާރުލުމަކަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ބަޔާންކުރެއްވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ އަމާޒަށް. އަޅުގަނޑުމެންގެ ސަރަހަދީ ބައިވެރިން ވެސް މި ކަން ގަބޫލުކުރޭ. އަދި, މިއީ މި ކަން ވާންވީ ވަގުތުކަން އެންމެންނަށް ވެސް އަންގައިދިން ހޭލައްވާލުމުގެ ކޯލަކަށް މި ހަނގުރާމަ ވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އަލް-ޘާނީ ވިދާޅުވި އެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި, މުއާމަލާތާއި މަޝްވަރާގެ މަގުތައް ދަމަހައްޓައި، ނުތަނަވަސްކަން ކުޑަކުރުމަށާއި ޑިޕްލޮމެޓިކް ފަހުމުތަކަށް އެއްބާރުލުން ދިނުމަށް ޓަކައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި އޭނާ ހާމަކުރެއްވި އެވެ.
އިގްތިސާދީ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީގެ އެތެރޭގެ ޕޯޓްފޯލިއޯ މެނޭޖްކޮށް ފުޅާކުރުމަށާއި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށް 'ދޯހާ އިންވެސްޓްމަންޓް' ޕްލެޓްފޯމް އިފްތިތާހުކުރެއްވިކަން އަލް-ޘާނީ އިޢުލާނު ކުރެއްވި އެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 38.5 ބިލިއަން ޑޮލަރުގެ ޓެންޑަރު ހުޅުވާލުމަށް ގަތަރުން އުންމީދު ކުރެ އެވެ. ހަމަމިއާއެކު، ރިއަލް އެސްޓޭޓާއި ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް އަމިއްލަ އިންވެސްޓްމަންޓްގެ ގޮތުގައި 22.5 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭއިރު، މިއާއެކު ޖުމްލަ އިންވެސްޓްމަންޓްގެ އަގު 60 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ގަތަރުން ލަފާކުރެ އެވެ.
ގަތަރުގެ ބޮޑުވަޒީރުގެ މި ވާހަކަފުޅުތައް އައިސްފައިވަނީ އދ. ގެ އާންމު މަޖިލީހުގެ މަތީ ފަންތީގެ ހަފުތާއަށް ދުނިޔޭގެ ލީޑަރުން ނިއު ޔޯކަށް އެއްވެވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގަ އެވެ. މި ދަނޑިވަޅުގައި އެމެރިކާއާއި އިސްރާއީލް އަދި އީރާން ހިމެނޭ ހަނގުރާމައާއި، އޭގެ ސަބަބުން ނުކުންނަ ސަރަހައްދީ ނަތީޖާތަކަކީ ގަލްފުގެ ގައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











