އާޖެންޓީނާގެ ވަދާއީ މެޗުގައި މެސީ ބޭނުންކުރާ ޚާއްސަ ޖާޒީ ދައްކާލައިފި
23 ސެޕްޓެމްބަރު 2026 | ބުދަ 03:28އެޑިޑާސް އިން ފަރުމާކޮށްފައިވާ މި ޚާއްސަ ޖާޒީ މެސީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ "ފަހު މެޗު، މުޅި އުމުރަށް ހަނދާން ހުންނާނެ ޖާޒީއެއް" މި އިބާރާތާ އެކުގައި. އާޖެންޓީނާގެ ޤައުމީ ކުލަތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޖާޒީގައި ރަން ކުލައިގެ ކުރެހުންތަކެއް ހިމަނާފައިވާއިރު، ޖާޒީގެ ފަހަތުގައި މެސީގެ ނަމާއި އޭނާގެ މަޝްހޫރު ނަންބަރު 10 ޖަހާފައިވޭ

އާޖެންޓީނާ ޤައުމީ ޓީމަށް ކުޅޭ ވަދާއީ މެޗުގައި މެސީ ބޭނުން ކުރާ ޚާއްސަ ޖާޒީ | ސޯޝަލް މީޑިއާ
ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑު ލިއޮނަލް މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅޭ ފަހު މެޗުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޚާއްސަ ޖާޒީ އާންމުކޮށްފި އެވެ.
އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު ބުއެނޯސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅޭ މި މެޗަކީ އާޖެންޓީނާގެ ޤައުމީ ޓީމުގެ ޖާޒީގައި މެސީ ފެނިގެންދާނެ އެންމެ ފަހު މެޗެވެ.
އެޑިޑާސް އިން ފަރުމާކޮށްފައިވާ މި ޚާއްސަ ޖާޒީ މެސީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ "ފަހު މެޗު، މުޅި އުމުރަށް ހަނދާން ހުންނާނެ ޖާޒީއެއް" މި އިބާރާތާ އެކުގަ އެވެ. އާޖެންޓީނާގެ ޤައުމީ ކުލަތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ޖާޒީގައި ރަން ކުލައިގެ ކުރެހުންތަކެއް ހިމަނާފައިވާއިރު، ޖާޒީގެ ފަހަތުގައި މެސީގެ ނަމާއި އޭނާގެ މަޝްހޫރު ނަންބަރު 10 ޖަހާފައިވެ އެވެ. މީގެ އިތުރުން އާޖެންޓީނާގެ ޤައުމީ ރަމްޒު ކަމަށްވާ "ސަން އޮފް މޭ" ވެސް މި ޖާޒީގައި ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ.
މި ޖާޒީ ފަރުމާކޮށްފައިވަނީ އާޖެންޓީނާގެ އާންމު ޖާޒީ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ޖާޒީގެ މެދުގައި ހުދު ކުލައިގެ އެންމެ ރޮނގެއް ހިމަނާފައިވާއިރު، ބޮޑު ބައެއްގައި ހިމެނެނީ މަޑު ނޫކުލަ އެވެ. ރަން ކުލައިގެ ކުރެހުންތަކުގެ ސަބަބުން މިއީ ޚާއްސަ މުނާސަބަތަކަށް ތައްޔާރުކޮށްފައިވާ ޖާޒީއެއްކަން ދޭހަވެ އެވެ.
އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅޭ ވަދާއީ މެޗުގައި މެސީ ބޭނުން ކުރާ ޖާޒީ
މެސީ އަށް ނިސްބަތްކޮށް ތައްޔާރުކުރި މި ޖާޒީ އިން ރަމްޒުކޮށްދެނީ އޭނާގެ ކާމިޔާބު ފުޓުބޯޅަ ދަތުރުގެ ނިމުމެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކުން ރިޓަޔާކުރުމަށް ފަހު، އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން މެސީ އަށް ދައުވަތު ދިނީ އޭނާގެ ސަޕޯޓަރުންގެ ކުރިމަތީގައި އެންމެ ފަހު މެޗެއް ކުޅުމަށެވެ.
މޮނިއުމެންޓަލް ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅޭ މި މެޗާއެކު، އާޖެންޓީނާގެ ޤައުމީ ޓީމަށް މެސީ ކޮށްދިން 20 އަހަރަށް ވުރެ ދިގު ޚިދުމަތަށް ނިމުން އަންނާނެ އެވެ. މިއީ މުޅި ފުޓުބޯޅަ ދުނިޔެ އަށް ވެސް އަސަރުގަދަ ވަގުތުކޮޅަކަށް ވެގެންދާނެ އެވެ. އާޖެންޓީނާގެ ޤައުމީ ޓީމާ އެކު މެސީ ވަނީ ފުޓުބޯޅައިގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދާފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ.
މެސީ ވަނީ 2022 ގެ ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގައި ވެސް އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދައި، ޖެހިޖެހިގެން ދެ ފަހަރު ފައިނަލަށް ޓީމު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މެސީގެ މި މުއްސަނދި ތާރީޚާއި ކާމިޔާބީތައް މިލިއަނުން ގުނާލެވޭ ސަޕޯޓަރުން އަބަދު ވެސް ފާހަގަކުރެ އެވެ.
ބެނިންއާ ދެކޮޅަށް ކުޅޭ މި ފަހު މެޗަކީ މެސީގެ ކެރިއަރުގައި ކުރިމަތިލާނެ އެންމެ އަސަރުގަދަ އެއް މެޗަށް ވެގެންދާނެ އެވެ. މޮނިއުމެންޓަލް ސްޓޭޑިއަމްގެ ފުރިފައިވާ ސަޕޯޓަރުންގެ ކުރިމަތީގައި، މި ޚާއްސަ ޖާޒީގައި މެސީ ދަނޑަށް އަރާއިރު، އެއީ އާޖެންޓީނާގެ ފުޓުބޯޅައިގެ ރަން ޒަމާނެއްގެ ނިމުން ފާހަގަކުރާނެ ތާރީޚީ ވަގުތުކޮޅެކެވެ.










