މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް
30 އޯގަސްޓު 2026 | އާދީއްތަ 04:10މޮޅާ އެކު މިއާމީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 42 ޕޮއިންޓާ އެކު


މެޗުގައި ލަނޑު ޖެހުމަށް ފަހު މިއާމީގެ ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ | ގެޓީ އިމޭޖަސް
މޭޖަރ ލީގު ސޮކަރ، އެމެރިކާ ލީގުގައި މޮންޓްރިއާލްއާ ދެކޮޅަށް ކުޅުނު މެޗުން، އިންޓަރ މިއާމީ އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ފަތިހު މޮންޓްރިއާލްއާ ދެކޮޅަށް ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކޮށްފައި ވަނީ 7-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީ އިން ދެ ލަނޑު ޖެހިއިރު، އަނެއް ފަސް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާާފުގައި އެވެ.
މެޗު ފަށައިގެން 20 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ ކަސެމީރޯ އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ފަބިއާން ހާބާސް ވަނީ މޮންޓްރިއާލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިއޮނަލް މެސީ ވަނީ މިއާމީ އަށް އަލުން ލީޑު ނަގައިދީފައި އެވެ.
ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި މެސީ ވަނީ މިއާމީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައި އެވެ. މިއާމީގެ ހަތަރު ވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ ލުއިސް ސުއަރޭޒް އެވެ. އެއީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން މެސީ ވަނީ މިއާމީގެ ފަސް ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފައި އެވެ.
މެޗުގެ 90 ވަނަ މިނެޓުގައި އެލެގްޒެންޑާ ޝޯ ވަނީ މިއާމީގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މެސީ ވަނީ މެޗުގެ ފަހު ލަނޑު ޖަހައިފަ އެވެ.
މޮޅާ އެކު މިއާމީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 42 ޕޮއިންޓާ އެކު އެވެ.










