ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް
23 އޯގަސްޓު 2026 | އާދީއްތަ 02:30އެމެރިކާ ލީގުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން އިދިކޮޅު ޓީމުގެ ކުޅުންތެރިޔެއްގެ މޫނު އަދި ބޮލުގައި އަތުން ޖަހައިފި ނަމަ، ނުވަތަ އަތްލައިފި ނަމަ އެކަމަށް އަދަބު ލިބޭނެ. އެ ޤަވާއިދުގެ ދަށުން މެސީ އަށް އަބަދު ދީފައިވާއިރު، މީޑިއާތަކުގައި ބުނެފައި ވަނީ މެސީ ޖޫރިމަނާ ކޮށްފައި ވަނީ 5000 އެމެރިކާ ޑޮލަރުން ކަަމަށް. ނަމަވެސް، ޖޫރިމަނާގެ އަދަދެއް ރަސްމީކޮށް ލީގުން ހާމަކޮށްފައި ނުވޭ


މެސީ އާއި ފިލަޑެލްފިއާގެ ކަވަން ސުލިވަން | ރޮއިޓާސް
މޭޖަރ ލީގު ސޮކާ (އެމެރިކާ ލީގު) ގައި އިންޓަރ މިއާމީ އިން ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޓީމުގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި އިންޓަރ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ޖޫރިމަނާ ކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު ޗެސްޓާގައި ފިލަޑެލްފިއާ ޔޫނިއަންއާ ދެކޮޅަށް އިންޓަރ މިއާމީ ކުޅުނު މެޗުގެ 101 ވަނަ މިނެޓުގައި އެވެ. ފޯރިގަދަ ކުޅުމަކަށް ފަހު 2-2 އިން އެއްވަރުވި މި މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިއާމީގެ ޔަނިކް ބްރައިޓް އަދި ފިލަޑެލްފިއާގެ ކަވަން ސުލިވަން އަށް ވަނީ ރަތް ކާޑު ދައްކާފައި އެވެ.
ނަމަވެސް، ފިލަޑެލްފިއާގެ ސުލިވަން އަށް ދެއްކި ރަތް ކާޑާއި އޭގެ ސަބަބުން އައި އެއް މެޗުގެ ސަސްޕެންޝަނާއި ޖޫރިމަނާ ވަނީ މިދިޔަ ހުކުރު ދުވަހު ބާތިލު ކޮށްފައި އެވެ. ޔޫއެސް ސޮކާ އާއި ކެނެޑާ ސޮކާގެ އިތުރުން ޕްރޮފެޝަނަލް ރެފްރީ އޯގަނައިޒޭޝަނުން އައްޔަންކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ މިނިވަން ރިވިއު ޕެނަލުން ނިންމާފައިވަނީ ސުލިވަން އަށް ރަތް ކާޑު ދެއްކީ ރަނގަޅަށް ނޫން ކަމަށެވެ.
އެމެރިކާ ލީގުގެ ޤަވާއިދު ބުނާ ގޮތުން ކޮންމެ ކުލަބަކަށް ވެސް ސީޒަނެއްގެ ތެރޭގައި ނާކާމިޔާބުވާ ދެ އިސްތިއުނާފު ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. ފިލަޑެލްފިއާ އިން ސުލިވަންގެ މައްސަލައިގައި ކުރި އިސްތިއުނާފު ކާމިޔާބުވުމުން، އެ ޓީމަށް އަދިވެސް އިތުރު ދެ ފުރުސަތު އޮންނާނެ އެވެ.
އެމެރިކާ ލީގުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން އިދިކޮޅު ޓީމުގެ ކުޅުންތެރިޔެއްގެ މޫނު އަދި ބޮލުގައި އަތުން ޖަހައިފި ނަމަ، ނުވަތަ އަތްލައިފި ނަމަ އެކަމަށް އަދަބު ލިބޭނެ އެވެ. އެ ޤަވާއިދުގެ ދަށުން މެސީ އަށް އަބަދު ދީފައިވާއިރު، މީޑިއާތަކުގައި ބުނެފައި ވަނީ މެސީ ޖޫރިމަނާ ކޮށްފައި ވަނީ 5000 އެމެރިކާ ޑޮލަރުން ކަަމަށެވެ. ނަމަވެސް، ޖޫރިމަނާގެ އަދަދެއް ރަސްމީކޮށް ލީގުން ހާމަ ކޮށްފައި ނުވެ އެވެ.
މީގެ އިތުރުން، އެމެރިކާ ލީގުން ވަނީ އެހެން ބައެއް ކުޅުންތެރިންނަށް ވެސް ފިޔަވަޅު އަޅާފައި އެވެ. އެގޮތުން ޝާލޮޓް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުން ދަނޑުން ފޭބުމަށް ލަސްކުރި މައްސަލައިގައި ޓޮރޮންޓޯ އެފްސީގެ ޑިފެންޑަރު ވޯކާ ޒިމަމަން ވަނީ ޖޫރިމަނާ ކޮށްފައި އެވެ. އަދި އެޓްލާންޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ފައުލެއް ލިބުނު ކަމަށް ދެއްކުމަށް (ސިމިއުލޭޝަން) މަސައްކަތް ކުރި މައްސަލައިގައި މިނިސޯޓާ ޔުނައިޓެޑުގެ އެންތަނީ މާކަނިޗް ވެސް ވަނީ ޖޫރިމަނާ ކޮށްފައި އެވެ.










