މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:22ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ތެޔޮ ހޮޅިލައިންތަކަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. މި ހަމަލާތަކުގެ ސަބަބުން ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ހޫޘީން ބުނަނީ ސައުދީން އެ ގައުމުގެ ބަނދަރުތައް ހިސާރުކުރުން ހުއްޓާނުލަނީސް ހަމަލާތައް މެދުކަނޑާނުލާނެ ކަމަށް

ޔަމަނުގެ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ރަށަކަށް މިސައިލް ހަމަލާއެއްދޭ ކަމަށް ބުނާ މަންޒަރު | އެކްސް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅިގެން، އަންނަ އޮކްޓޫބަރު މަހު ސާފުނުކުރާ ތެޔޮ ފޯރުކޮށްނުދޭނެކަން ސައުދީ އަރަބިއްޔާއިން ވިލާތުގެ ދެ ކަސްޓަމަރަކަށް އަންގައިފި އެވެ. ވިލާތުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ސައުދީ އަރަބިއްޔާގެ ސާފުނުކުރާ ތެޔޮ ގަންނަނީ ކޮންމެ މަހަކު ވެސް ވަކި މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުންނެވެ. ނަމަވެސް، ކޮންޓްރޯލުން ބޭރުގައިވާ ކަންކަމާ ގުޅިގެން ދިމާވާ ކުއްލި ހާލަތްތަކުގައި، ނުވަތަ 'ފޯސް މަޜޫރު" ގެ ދަށުން އެ ޝިޕްމަންޓްތައް ކެންސަލް ކުރުމުގެ އިޚުތިޔާރު ތެޔޮ ފޯރުކޮށްދޭ ކުންފުނިތަކަށް ލިބިގެންވެ އެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ގަތަރުން ބޭރުކުރާ ސާފުކުރި ގޭސް (އެލްއެންޖީ) ފޯރުކޮށްދިނުމުގައި ދިމާވެފައިވާ "ފޯސް މަޜޫރު" ގެ ހާލަތު، ނޮވެންބަރު މަހުގެ ކުރީކޮޅާ ހަމައަށް އެ ގައުމުން ވެސް ވަނީ މި މަހު އިތުރުކޮށްފަ އެވެ.
ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް އަޅާފައިވާ 'އީސްޓް-ވެސްޓް' ހޮޅިލައިންގެ ސަބަބުން، އެ ގައުމަށް ހަނގުރާމައިގެ އަސަރު ކުރާ މިންވަރު ކުޑަވާނެ ކަމަށް ކުރިން ބެލެވުނެވެ. ގަލްފުން ފެށިގެން ރަތް ކަނޑުގެ ބަނދަރެއް ކަމަށްވާ ޔަންބުޢާ ހަމައަށް ގުޅާލެވިފައިވާ މި ހޮޅިލައިންގެ ސަބަބުން، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނާއި އެމެރިކާއާ ދެމެދު ހިނގާ ކުރިމަތިލުންތަކަށް ނުފޫޒު ފޯރުވުމެއް ނެތި ތެޔޮ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއަށް ލިބިގެންދެ އެވެ. މި ހޮޅިލައިން މެދުވެރިކޮށް، ހަނގުރާމައިގެ ކުރިން އެ ގައުމުން އެކްސްޕޯޓް ކުރި ތެލުގެ ތިންބައިކުޅަ ދެބައި، ނުވަތަ ދުވާލަކު ގާތްގަނޑަކަށް ހަތަރު މިލިއަން ފީފާ ތެޔޮ ބޭރުކުރުމުގެ ގާބިލުކަން ސައުދީއަށް ލިބިފައިވެ އެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ޔަމަނުގެ ހޫޘީން އަޑީގައި ތިބެ ދިން ޑްރޯން ހަމަލާއެއްގައި މި ހޮޅިލައިން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. ސައުދީ އަރަބިއްޔާއިން ބުނީ، އެ ހަމަލާތަކުގެ ފަހަތުގައި ވަނީ އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއް ކަމަށެވެ. މީގެ އިތުރުން، ޔަންބުޢު ބަނދަރަށާއި އަރަމްކޯގެ ތެޔޮ އުފައްދާ އެހެން ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް ހޫޘީން ވެސް ވަނީ ބުނެފަ އެވެ.
ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ފެށި ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ އުފުލިފަ އެވެ. ހޫޘީން ސައުދީ އަރަބިއްޔާއަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންދާއިރު، ސައުދީ އަރަބިއްޔާން ވެސް ދަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. ހުކުރު ދުވަހު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 103 ޑޮލަރުގަ އެވެ. ނަމަވެސް، ހަކަތައާ ބެހޭ މާހިރުން ބުނީ މި އަގަކީ ތެޔޮ ފީފާއެއް ގަތުމަށް ހިނގާ އަސްލު ޚަރަދު ނޫން ކަމަށެވެ. އަދި، ޑީސަލާއި ޖެޓް ފިއުލް ފަދަ ސާފުކޮށްފައިވާ ތެލުގެ ބާވަތްތަކުގެ އަގު މިއަށްވުރެ މާ މަތިވާނެ ކަމަށް ވެސް މާހިރުން ފާހަގަކުރެ އެވެ. އަމިއްލައަށް ހަކަތަ އުފައްދާ މިންވަރު އިތުރުވުމުގެ ސަބަބުން ހަނގުރާމައިގެ އަސަރު ނިސްބަތުން ކުޑަކޮށް ކުރާ އެމެރިކާގައި ވެސް، ވޭތުވެދިޔަ ހަފުތާގައި ޑީސަލްގެ އަގު ވަނީ 7.7 އިންސައްތަ މައްޗަށް ގޮސްފަ އެވެ.
ސައުދީ އަރަބިއްޔާގެ އުޅަނދުތަކާ ދެކޮޅަށް ހޫޘީން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން، ސައުދީ އަރަބިއްޔާއިން މިހާރު ވަނީ 'ސުވައިސް-މެޑިޓެރޭނިއަން' ހޮޅިލައިން މެދުވެރިކޮށް ތެޔޮ އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މީގެ ދިހަ އަހަރު ކުރިން ޔަމަނުގެ ހުޅަނގު އުތުރުގެ ބޮޑު ސަރަހައްދެއް ހޫޘީންގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެން، އެ ޖަމާއަތް ވެރިކަމުން ދުރުކުރުމަށް އަރަބި ގައުމުތަކުގެ ކޯލިޝަނެއް އިސްވެ އޮވެ ސައުދީ އަރަބިއްޔާއިން ވަނީ މަސައްކަތް ކޮށްފަ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުން ހޫޘީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި 2022 ވަނަ އަހަރު ސޮއިކުރުމުން، ސައުދީ އަރަބިއްޔާއިން ވަނީ މި ހަނގުރާމައިން ވަކިވުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ހޫޘީންގެ ބާރުގެ ދަށުގައިވާ ބަނދަރުތަކާއި އެއާޕޯޓްތައް ކަނޑާއި ވައިގެ މަގުން ސައުދީ އަރަބިއްޔާއިން އަދިވެސް އޮތީ ހިސާރުކޮށްފަ އެވެ. ސައުދީ އަރަބިއްޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނީ، ހޫޘީން ބުނީ، އެ މީހުންގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ހިސާރު އުވާލުމުން ކަމަށެވެ.
މަސްދަރު: މިޑްލްއީސްޓް އައި











