އިންފަންޓީނޯ އަށް ތާއީދުކުރަން ޖެހޭ، އޭނާ ގޯސްކަމެއް ނުކުރޭ: އެޓޫ
25 އޯގަސްޓު 2026 | އަންގާރަ 07:25ކެމަރޫންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްކަން ވެސް ކުރަމުން އަންނަ އެޓޫ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ، އިންފަންޓީނޯ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަކީ އަންނަ އަހަރު ބާއްވާ ފީފާގެ އިންތިޚާބާ ދިމާކޮށް ހިންގާ ސިޔާސީ ކަމެއް ކަމަށް. ބާސެލޯނާ އާއި އިންޓަރ މިލާން އަދި ޗެލްސީގެ ކުރީގެ ފޯވާޑު ބުނި ގޮތުގައި، އިންފަންޓީނޯއާ ދެކޮޅަށް މިހާރު ދައްކަމުންދާ ވާހަކަތަކުގެ ވަގުތަށް ބަލާއިރު މިއީ އިންތިޚާބާ ގުޅުންހުރި ކަމެއްކަން ސާފުވާ ކަމަށް


ކެމަރޫންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް އެޓޫ އާއި ފީފާގެ ރައީސް އިންފަންޓީނޯ | ރޮއިޓާސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ފިއްތުންތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، އޭނާ އަށް ތާއީދުކުރަން ޖެހޭ ކަމަށް ކެމަރޫންގެ ފުޓުބޯޅަ ލެޖެންޑު ސެމިއުލް އެޓޫ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ވިޔަފާރީގެ މުމަލާތްތަކާ ގުޅިގެން އިންފަންޓީނޯ މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެފައިވީ ނަމަވެސް، އެޓޫ ބުނީ އިންފަންޓީނޯ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ.
ފީފާގެ މުބާރާތްތަކަށް އަމިއްލަ އިންވެސްޓަރުން ހޯދުމަށް އިންފަންޓީނޯ ހުށަހެޅުއްވި ޕްލޭން ނާކާމިޔާބުވުމާ ގުޅިގެން، އޭނާގެ ލީޑަރޝިޕް އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އެވެ. މި މައްސަލައިގައި ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައި އެވެ.
މީގެ އިތުރުން ބައެއް ބައްރުތަކުގެ ފެޑަރޭޝަންތަކާއި ޤައުމީ އެސޯސިއޭޝަންތަކުން ވެސް ވަނީ އިންފަންޓީނޯ އަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފައި އެވެ.
ކެމަރޫންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްކަން ވެސް ކުރަމުން އަންނަ އެޓޫ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ، އިންފަންޓީނޯ އަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަކީ އަންނަ އަހަރު ބާއްވާ ފީފާގެ އިންތިޚާބާ ދިމާކޮށް ހިންގާ ސިޔާސީ ކަމެއް ކަމަށެވެ. ބާސެލޯނާ އާއި އިންޓަރ މިލާން އަދި ޗެލްސީގެ ކުރީގެ ފޯވާޑު ބުނި ގޮތުގައި، އިންފަންޓީނޯއާ ދެކޮޅަށް މިހާރު ދައްކަމުންދާ ވާހަކަތަކުގެ ވަގުތަށް ބަލާއިރު މިއީ އިންތިޚާބާ ގުޅުންހުރި ކަމެއްކަން ސާފުވާ ކަމަށެވެ.
އިންފަންޓީނޯ ހުށަހެޅުއްވި ޕްލޭން އަކީ ފީފާގެ މެންބަރު 211 އެސޯސިއޭޝަން އަށް ބޮޑެތި މާލީ އެހީތަކެއް ފޯރުކޮށްދިނުމަށް އެކުލަވާލި ޕްލޭން އެކެވެ. ނަމަވެސް، ބައެއް ބޮޑެތި ކޮންފެޑަރޭޝަންތަކުން އެކަމާ ދެކޮޅު ހެދުމުން އެ މަޝްރޫއު ވަނީ ހުއްޓާލާފައި އެވެ. މިކަމާ ގުޅިގެން އިންފަންޓީނޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ފުރުސަތު އޮތްއިރު، ޔުއެފާގެ އިތުރުން އޭޝިއާގެ އޭއެފްސީ އަދި އުތުރު އެމެރިކާގެ ކޮންކާކަފް އިން ވެސް ވަނީ ފީފާގެ މިހާރުގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
މި ފާޑު ކިޔުންތަކާ ދެކޮޅަށް އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަން (ކާފް) އިން ވަނީ އިންފަންޓީނޯ އަށް ފުރިހަމަ އަށް ތާއީދު ކުރާކަން މި މަހުގެ ކުރީކޮޅު ހާމަކޮށްފައި އެވެ. އެޓޫ ބުނީ އިންފަންޓީނޯ ވަނީ ފުޓުބޯޅަ ބަދަލުކޮށްލައްވާފައި ކަމަށާއި، ކުރިން ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބޭ ކުދި ޤައުމުތަކަށް އެ ފުރުސަތު އޭނާ ހޯދައިދެއްވާފައިވާ ކަމަށެވެ.
އެފްރިކާގެ ޤައުމުތަކުން އިންފަންޓީނޯ އަށް ތާއީދު ކުރުމަށް ގޮވާލަމުން އެޓޫ އިތުރަށް ބުނީ، އިންފަންޓީނޯގެ ސަބަބުން އެފްރިކާ ބައްރުގެ ފުޓުބޯޅަ ފެޑަރޭޝަންތައް ވަރަށް ބާރަށް ކުރިއަރަމުންދާ ކަމަށެވެ. އަދި އޭނާ ކޮށްދެއްވާފައިވާ މަސައްކަތްތައް ބަލައިގަނެ، މި ދަނޑިވަޅުގައި އޭނާ އާއެކު ސާބިތުވެ ތިބެން ޖެހޭ ކަމަށް ވެސް އެޓޫ ބުނި އެވެ.










