އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން
21 ސެޕްޓެމްބަރު 2026 | ހޯމަ 05:18އީރާނުގެ އިސްތިގުލާލަށް އަރައިގަނެފި ނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މެދުކެނޑުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ދީފި. އެމެރިކާއިން ހިންގާ އުދުވާނުގައި ބައިވެރިވާ ސަރަހައްދީ ގައުމުތަކަކީ ވެސް ޖަރީމާގެ ބައިވެރިންގެ ގޮތުގައި ބަލާނެ ކަމަށް ބުނި

އީރާނުގެ އިންގިލާބަށް އަހަރު ފުރުން ފާހަގަކުރުމަށް 2026 ފެބްރުއަރީ 11ގައި އެ ގައުމުގެ ވެރިރަށް ތެހެރާންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އީރާނުގެ އަސްކަރިއްޔާއިން އުފައްދާފައިވާ މިސައިލްތަކެއް ދައްކާލަނީ. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް އެއްވެސް ޖެހިލުމެއް، ހުއްޓުމެއް ނެތި ރައްދުދޭނެ ކަމަށް ބުނެ، އެ ގައުމުގެ އަސްކަރީ މަތީ ކޮމާންޑުން އެމެރިކާއަށާއި ސަރަހައްދީ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.
އީރާނުގެ އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ މަރުކަޒީ ކޮމާންޑުން ބުނީ، އެ ގައުމުގެ އިސްތިގުލާލަށް އަރައިގަނެފި ނަމަ، މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަސްލަހަތު އޮތް ތަންތަނަށް މެދުކެނޑުމެއް ނެތި "ތަދު" ހަމަލާތަކެއް ދޭނެ ކަމަށެވެ.
އާދީއްތަ ދުވަހު "ޚާތަމް އަލް-އަންބިޔާ" ސެންޓްރަލް ހެޑްކުއާޓާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް އެއްވެސް "ކުށެއް" ކޮށްފި ނަމަ، އެއްވެސް އުސޫލަކަށް ނުވަތަ ވިސްނުމަކަށް ބެލުމެއް ނެތި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ބޭސްތަކަކަށް ވަރުގަދަ އަދި ނަތީޖާ ނެރެދޭނެ ފަދަ ހަމަލާތަކެއް އަމާޒުކުރާނެ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޒަޔަނިސްޓުންގެ ދޮގުތަކުގެ މައްޗަށް ބިނާކޮށް ފެށި ހަނގުރާމައިގައި ލިބުނު ނާކާމިޔާބީތައް ފޮރުވުމަށްޓަކައި، ޔޫރަޕްގެ ގައުމެއްގައި ބޭއްވި ބައްދަލުވުމެއްގައި ބައެއް ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަމާއެކު އީރާނާ ދެކޮޅަށް އަލުން ހަރަކާތްތައް ފެށުމަށް "މުޖްރިމު" އެމެރިކާއިން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އުދުވާނުގައި ބައިވެރިވާ ސަރަހައްދީ ގައުމުތަކަކީ އެ ޖަރީމާގެ ބައިވެރިންގެ ގޮތުގައި ބަލާނެ ކަމަށާއި، އެފަދަ ހާލަތެއްގައި އީރާނުގެ ވަރުގަދަ އަސްކަރިއްޔާއިން އެއްވެސް ކެތްތެރިކަމެއް އިސްކުރާނެ ކަމަށް އެ ގައުމުތަކުން އުންމީދުކޮށްގެން ނުވާނެ ކަމަށްވެސް އެ ބަޔާނުގައި އިންޒާރު ދީފައިވެ އެވެ.
މީގެ ކުރިން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވިދާޅުވީ، އަސްކަރީ ވަޒަންކުރުންތަކަށް ބަލާއިރު އެމެރިކާއިން އީރާނަށް އަލުން ހަމަލާދިނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ތެހެރާން އޮތީ "ނިންމުންތަކެއް ނިންމާނެ ހަނގުރާމައަކަށް" ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި ފުރަތަމަ އުދުވާނީ ހަނގުރާމަ 2025 ވަނަ އަހަރުގެ ޖޫން މަހު 12 ދުވަހަށް ދެމިގެންދިޔައިރު، ދެވަނަ އުދުވާން ފެށީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައެވެ. އެ ހަނގުރާމަ ހުއްޓުމަކަށް އައީ 40 ދުވަހަށްފަހު އޭޕްރީލް މަހުގެ ކުރީކޮޅުގަ އެވެ.
މި ދެ ހަނގުރާމައިގައިވެސް އީރާނުން ދެއްކި ސާބިތުކަމާއި ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުން، ހަމަލާދިން ފަރާތްތަކަށް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން މަޖުބޫރުވެފަ އެވެ.
މީގެ އިތުރުން، ދެވަނަ ހަނގުރާމަ ފެށުނީއްސުރެ އީރާނުން ދަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރަށް ވަރުގަދައަށް ހިފަހައްޓަމުންނެވެ.
ނިމިދިޔަ ޖުލައި މަހު އެމެރިކާއިން ވަނީ އީރާނަށް ނުރައްކާތެރި ވައިގެ ހަމަލާތަކެއް ދީ، އެ ގައުމު ކަނޑުގެ މަގުން ބަންދުކޮށްފަ އެވެ. މިއީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ޖޫން 17 ގައި ސޮއިކުރި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" އާ ޚިލާފަށް އެމެރިކާއިން ހިންގި އަމަލެކެވެ.
އެމެރިކާގެ މި އަމަލަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ އަސްކަރިއްޔާއިން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މުހިންމު އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން މުޅިން މަނާކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.











