ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:44ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ވައިޓް ހައުސްގައި ބާއްވާ ރަސްމީ ޖާފަތުގައި ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ސީއީއޯއިން ބައިވެރިވެވަޑައިގަންނަވާނެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި އިގްތިސާދީ މުހިންމު މައުދަންތަކާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްދާނެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ކުރެއްޗި ދަތުރުފުޅެއްގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންގއާ އެކު | އޭޕީ
ޗައިނާގެ ރައީސް ޝީ ޖިންޕިންގ މި ފެށޭ ހަފުތާގައި އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ވޮޝިންގޓަން ޑީސީގެ ބޭރުގައި އޮންނަ ޖޮއިންޓް ބޭސް އެންޑްރޫސް އަސްކަރީ ވައިގެ ބަނދަރުން އޭނާ މަރުހަބާ ދެންނެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެ ކަން ހާމަކޮށްފި އެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ނޫސްވެރިންނަށް މި މައުލޫމާތު ދެއްވި އިރު، އެމެރިކާގެ ރައީސަކު، އެ ގައުމަށް ޒިޔާރަތްކުރައްވާ ބޭރު ގައުމެއްގެ ވެރިއަކަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވީ، ޝީއަށް މަރުހަބާ ދެންނެވުމުގެ ރަސްމީ ހަރަކާތްތައް ވައިޓް ހައުސްގެ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން ރޯޒް ގާޑަންގައި ބާއްވާ އަސްކަރީ ރިވިއުއަކާއި، އެ ރޭ ބާއްވާ ރަސްމީ ޖާފަތެއް ވެސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކުރެއްވި އެވެ.
މި ޖާފަތުގައި ބައިވެރިވާ މެހެމާނުންގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ކުންފުނިތަކުގެ ސީއީއޯއިން ހިމެނޭނެ ކަމަށް އޮފިޝަލުން ހާމަކުރެއްވި އެވެ. އޭގެ ތެރޭގައި، އެމެޒަންގެ ޖެފް ބޭޒޯސް، އަލްފަބެޓްގެ ސުންދަރު ޕިޗާއީ، އޯޕަންއޭއައިގެ ސޭމް އޮލްޓްމަން، އެޕަލްގެ ޓިމް ކުކް، ޓެސްލާގެ އީލޮން މަސްކް، އެންވީޑިއާގެ ޖެންސަން ހުއާން އަދި ޑެލް ޓެކްނޮލޮޖީސްގެ މައިކަލް ޑެލް ހިމެނެ އެވެ. ހުކުރު ދުވަހު އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޖާފަތުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ބޭނުންވާ ކަމަށެވެ. "އަޅުގަނޑުގެ ވަރަށް ގާތް ގިނަ ރަހުމަތްތެރިން ގާތު ވެސް ބުނެފިން، ތިޔަބޭފުޅުންނަށް މި ޖާފަތަށް ވަޑައެއް ނުގެންނެވޭނެއޭ،" ޓްރަމްޕް ވިދާޅުވި އެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުގައި ވިޔަފާރީގެ މައްސަލަތަކާއި، ދުނިޔޭގެ އިގްތިސާދަށް ބޭނުންވާ 'ރެއާ އާތު' މައުދަނުގެ ސަޕްލައިއާ ގުޅޭ ކަންކަމާއި، އާޓިފިޝަލް އިންޓެލިޖެންސްއާ (އޭއައި) ގުޅޭ މައުލޫމާތު ހިމެނޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، އެމެރިކާގެ ރައީސްގެ އަނބިކަނބަލުން މެލާނިޔާ ޓްރަމްޕާއި ޗައިނާގެ ރައީސްގެ އަނބިކަނބަލުންޕެންގް ލީޔުއާން ވެސް ވަކި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ރޭ ޓްރަމްޕްގެ ދެމަފިރިން ބާއްވަވާ ރަސްމީ ޖާފަތުގައި، ޝީއާއި ޕެންގގެ އިތުރުން ޗައިނާގެ ވަފުދުގެ އިސް ބޭފުޅުން ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްދަރު: ސީއެންއޭ











