ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'
21 ސެޕްޓެމްބަރު 2026 | ހޯމަ 03:12ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ތާއީދުކުރާ ޔުނައިޓެޑް ރަޝިޔާ ޕާޓީން އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު، މި ވޯޓުލުން ކުރިއަށްދިޔައީ ޔޫކްރެއިންގެ ހަނގުރާމަވެރި ސަރަހައްދުތަކުގައި. ނަމަވެސް، އިދިކޮޅު ބައެއް ޕާޓީތަކަށް ފުރުސަތު ނުދިނުމާއި އިންތިޚާބީ އޮޅުވާލުންތަކުގެ ތުހުމަތުތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ވަނީ މި އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައި


ރަޝިޔާގައި ވެރިކަންކުރާ ޔުނައިޓެޑް ރަޝިޔާ ޕާޓީގެ އިސްވެރިންގެ ތެރެއިން ޚާރިޖީ ވަޒީރު ސިރްގިޔޭ ލެވްރޮފާއި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޗެއާމަންގެ ނައިބު ދިމިތުރީ މެޑްވެޑޭފް ވާހަކަފުޅު ދައްކަވަނީ | ރޮއިޓާސް
ރަޝިޔާގައި ހަނގުރާމައިގެ ދަނޑިވަޅެއްގައި ބޭއްވި ގާނޫނުހަދާ މަޖިލީހުގެ ފުރަތަމަ އިންތިޚާބުގެ ކުރީކޮޅުގެ ނަތީޖާތަކުން، އެ ޤައުމުގައި ވެރިކަންކުރާ ޔުނައިޓެޑް ރަޝިޔާ ޕާޓީން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ.
ޔުނައިޓެޑް ރަޝިޔާއަކީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ތާއީދުކުރާ މައި ސިޔާސީ ޕާޓީ އެވެ. ޕުޓިން އަކީ މިހާރު އެ ޕާޓީގެ ރަސްމީ މެންބަރެއް ކަމުގައި ނުވި ނަމަވެސް، އޭނާ ހަރަކާތްތެރިވަނީ އެ ޕާޓީގެ މައި ލީޑަރުގެ ގޮތުގަ އެވެ. އަދި, އެ ޕާޓީގެ ފުރިހަމަ ތާއީދު ވެސް އޭނާއަށް ވަނީ ލިބިފަ އެވެ.
ވޯޓުގެ ގާތްގަނޑަކަށް 58 އިންސައްތަ ގުނާ ނިމުނުއިރު، ފެޑެރަލް ޕާޓީ ލިސްޓުތަކަށް ކަނޑައަޅާފައިވާ 225 ގޮނޑީގެ ވޯޓުގެ ގާތްގަނޑަކަށް 58 އިންސައްތަ ހޯދައިގެން ކުރީގައި އޮތީ ޔުނައިޓެޑް ރަޝިޔާ ޕާޓީ އެވެ. މީގެ އިތުރުން، ވަކިވަކި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ ބާކީ 225 ގޮނޑި ވެސް އެ ޕާޓީން ކާމިޔާބުކުރާނެ ކަމަށް ބެލެވެ އެވެ. އަދި, އާދީއްތަ ދުވަހުގެ ރޭ ދަންވަރު ވޯޓުލުން ބަންދުކުރިއިރު، ވޯޓުލީ މީހުންގެ ނިސްބަތް ހުރީ 57 އިންސައްތައަށް ވުރެ ކުޑަކޮށް ދަށުގަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި، 2022 ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދާއި، 2014 ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ކްރައިމިޔާ ސަރަހައްދުގައި ވެސް ވޯޓުލުން ކުރިއަށްދިޔަ އެވެ. މިއީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ ޔޫކްރެއިނާއި ހުޅަނގުން ވާނީ ފާޑުކިޔާފަ އެވެ.
ބައެއް ޕާޓީތައް ބައިވެރިނުކޮށް ބާކީކުރުމުގެ ތުހުމަތު
ހަނގުރާމައާ ދެކޮޅު އިދިކޮޅު ބައެއް ޕާޓީތައް މި އިންތިޚާބުގެ ކެމްޕޭނުގައި ބައިވެރިނުކޮށް ބާކީކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ގޮތުން، މި ހަނގުރާމައަށް ފާޅުގައި ފާޑުކިޔަމުންދާ ލިބަރަލް ޔަބްލޮކޯ ޕާޓީ، ޕާޓީ-ލިސްޓު ވޯޓުލުމުގައި ބައިވެރިވުން ރަޝިޔާގެ ސުޕްރީމް ކޯޓުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، އިންތިޚާބުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބައެއް ޕާޓީތަކުން ތުހުމަތުކުރެ އެވެ. މީގެ ތެރޭގައި ރައްކާތެރިކަން ކަށަވަރުނުވާ ވޯޓުލާ މަރުކަޒުތައް ހުރުމާއި، ކަރުދާސް ވޯޓު ދިނުމަށް އިންކާރުކުރުމަށް ފަހު އިލެކްޓްރޯނިކް ޓާމިނަލްތައް މެދުވެރިކޮށް ވޯޓުލާން މަޖުބޫރުކުރުވުން ފަދަ ތުހުމަތުތައް ހިމެނެ އެވެ. މިއާއެކު، އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕްގެ (އޯއެސްސީއީ) އޮބްޒާވަރުންނަށް ދައުވަތު ދިނުމަށް ވެސް ރަޝިޔާއިން ވަނީ ދެކޮޅުހަދާފަ އެވެ.
މި އިންތިޚާބުގެ ވޯޓުލުން ނިމިގެން ދިޔައީ އަސްކަރީ ބޮޑެތި ކުރިމަތިލުންތަކާއި ހަމަލާތަކެއްގެ ތެރޭގަ އެވެ. ހަފުތާ ބަންދުގައި ރަޝިޔާއާއި ކްރައިމިއާ އަދި ކަޅު ކަނޑުގެ ސަރަހައްދުން ޔޫކްރެއިންގެ 1،110 ޑްރޯން، އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވައްޓާލާފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ. އަދި, މޮސްކޯ ސަރަހައްދަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކުގައި ދެ މީހަކު މަރުވެ، 20 މީހުން ޒަޚަމްވެފައިވާ އިރު، އެ ޤައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް މަސްތަކެއް ވަންދެން ދެމުންދިޔަ ހަމަލާތަކަށް ފަހު މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
މަސްދަރު: ޓީއާރްޓީ ވަރލްޑް











