ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:41ޔަމަނުގެ ހޫޘީން ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ކަނޑުގެ މުހިންމު ދަތުރުފަތުރުގެ މަގުތަކަށް ވަނީ ނުރައްކާވެފައި. މި ހަމަލާތަކުން ރައްކާތެރިވުމަށް ސައުދީން އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެދިފައިވާއިރު، ޔަމަނުގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ އިންސާނީ ކާރިސާއާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން


ސައުދީ އަރައްބިޔާގެ ވެރިރަށް ރިޔާޟުގެ މަގުތަކާއި އިމާރާތްތައް | ގެޓީ އިމޭޖަސް
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުވި ވައިގެ ހަމަލާތަކުގެ އިންޒާރުތަކަށާއި އެ ރަށުން އިވުނު ބާރުގަދަ ގޮވުންތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންގުމަށް ފަހު، މިހާރު އެ ނުރައްކާ ފިލާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އިއުލާންކޮށްފި އެވެ. މިއީ، ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ކަނޑުގެ މަގުން އެ ގައުމު ހިސާރުކުރާނެ ކަމަށް މިދިޔަ ޖުލައި މަހު އިއުލާންކުރި ފަހުން، ރިޔާޟުގައި މި ފަދަ ސަލާމަތީ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރު އެވެ.
އީރާނުގެ މަދަދު ލިބޭ ކަމަށް ބުނާ ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ސައުދީ ސިވިލް ޑިފެންސުން ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރާއި ހޮނިހިރު ދުވަހުގެ ހެނދުނު ރިޔާޟުގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކަށް ރައްކާތެރިކަމުގެ އިންޒާރު ފޮނުވާފަ އެވެ. ރިޔާޟުން ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް ރޮއިޓާސް އަދި އޭއެފްޕީގެ ނޫސްވެރިން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، މިހާރު ނުރައްކާ ފިލާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފަހުން ބުނެފައިވާއިރު، އާންމު ރައްޔިތުން އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އެ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކަނޑުގެ މަގުތައް ހިސާރުކުރުމާއި ހަކަތައިގެ ބާޒާރަށް އައި ލޮޅުން
އިސްތިރާޖީ ގޮތުން މުހިންމު ޔަމަނުގެ ބަނދަރެއް ކަމަށްވާ އަލް-މުޚާއާއި މައްޔޫން ޖަޒީރާގެ ކޮންޓްރޯލް ހޫޘީން ދާދިފަހުން ވަނީ ނަގާފަ އެވެ. މިއީ، ގަލްފުގެ ގައުމުތަކުން އޭޝިއާ އަދި ވިލާތުގެ ގައުމުތަކަށް މުދަލާއި ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މައިގަނޑު ކަނޑުގެ މަގުގެ މުހިންމު ދޮރާއްޓެކެވެ. ހޫޘީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ބުނީ، ކަނޑުގެ މަގުން ސައުދީ އަރަބިއްޔާ ބަންދުކުރަން ނިންމީ، އެ ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ޔަމަނުގެ ހުޅަނގު އުތުރުގެ ބަނދަރުތަކާއި އެއާޕޯޓްތައް ސައުދީ އަރަބިއްޔާން ހިސާރުކޮށްފައި ވާތީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
އީރާނާއި އެމެރިކާ އަދި އިސްރާއީލް ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުން، ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެ ގައުމުން ބޮޑަށް ބަރޯސާވަނީ ރަތް ކަނޑުގެ މި ސަރަހައްދެވެ. ނިމިދިޔަ ހަފުތާގައި ހޫޘީން ވަނީ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ބައެއް މަރުކަޒުތަކަށް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގެ ސަބަބުން އެ ތަންތަނުގައި އަލިފާން ރޯވެ، ތެޔޮ އުފެއްދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު އެވެ.
ސައުދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަށް އަމާޒުވި މި ހަމަލާތަކުގެ ސީދާ އަސަރު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ކޮށްފަ އެވެ. އަދި ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ އަގު މައްޗަށް ގޮސްފައި ވަނިކޮށް، މި ހަމަލާތަކާ ގުޅިގެން ފާއިތުވި ހަފުތާތަކުގައި ގިނަ ގައުމުތަކެއްގައި ޕެޓްރޯލާއި ޑީސަލްގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ސައުދީން އެދުން
ހޫޘީންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް، މި ކަމާ ގުޅުންހުރި ދެ މަސްދަރަކުން ސީބީއެސް ނޫހަށް މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާ މި ކަމުގެ ތެރެއަށް ސީދާ ގޮތުން ވެއްދުމަށް ރައީސް ޓްރަމްޕް މިހާތަނަށް ވަނީ އިންކާރު ކުރައްވާފަ އެވެ. އޭގެ ބަދަލުގައި އޭނާ ހުށަހެޅުއްވީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ހަމަލާ ދޭނެ އަމާޒުތައް ދެނެގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ މަސްދަރުތަކުން ބުނެ އެވެ.
ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އަދި ޔަމަނުގެ ސަރުކާރާއެކު މެދުކެނޑުމެއް ނެތި މަޝްވަރާ ކުރަމުންދާ ކަމަށް، ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ބީބީސީއަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، ފާއިތުވި ހަފުތާގައި ސައުދީ އަރަބިއްޔާއިން ޔަމަނަށް ދިން 450 އަށް ވުރެ ގިނަ ވައިގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރޯއު މި ހަފުތާގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.
ބައިނަލްއަގުވާމީ ކަންބޮޑުވުމާއި ޔަމަނުގެ އިންސާނީ ކާރިސާ
އދ. ގެ ސަލާމަތީ މަޖިލީހުން އަންގާރަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ޔަމަނުގެ ސަރުކާރާއި ސައުދީ އަރަބިއްޔާއިން ވަނީ ހޫޘީންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ. އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް ޓަކައި ހޫޘީން ބާބު އަލް-މަންދަބު ކަނޑުއޮޅި ބަންދުކުރަމުންދާ ކަމަށް، އެ ގައުމުތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި، ދުނިޔޭގެ މުދާ އުފުލުމުގެ ނިޒާމަށް ބުރޫއެރުން ހުއްޓުވުމަށް ޓަކައި، ރަތް ކަނޑުގައި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް، ސަލާމަތީ މަޖިލީހުގެ މެންބަރުން ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު، ހޫޘީ ޖަމާއަތުން އެ ގައުމުގެ ވެރިރަށް ސަންޢާއަށް އަތްގަދަކުރުމާ ގުޅިގެންނެވެ. މި ހަމަނުޖެހުންތައް އިތުރަށް ފުޅާވެގެން ދިޔައީ 2015 ވަނަ އަހަރު، ޔަމަނުގެ ސަރުކާރުގެ ބާރު އަލުން އިއާދަކުރުމަށް ޓަކައި ސައުދީ އަރަބިއްޔާއިން އިސްވެ އޮތް އަރަބި އިއްތިހާދަކުން އެ ގައުމަށް ސިފައިން ފޮނުވައި، ހަނގުރާމައިގެ ތެރެއަށް ވަނުމުންނެވެ.
އދ. އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަނގުރާމައިގައި މިހާތަނަށް 150،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ އެވެ. އަދި، ޔަމަނުގެ 22 މިލިއަނަށް ވުރެ ގިނަ މީހުން އެކި ބާވަތުގެ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށް ވެސް އދ. އިން ބުނެ އެވެ.
މަސްދަރު: ބީބީސީ











