އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި
27 ޖުލައި 2026 | ހޯމަ 04:26ހޮނިހިރު ދުވަހު އެމްޕަރޭސް ކަޕްގައި ފުކުޝިމާ ޔުނައިޓެޑުން އިވާކީ ފުރުކާވާ ބަލިކޮށް، މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި މެޗުގައި އޭނާ ލަނޑު ޖެހި. ފުކުޝިމާ ޔުނައިޓެޑުން 7-0 އިން މޮޅުވި އެ މެޗުގެ 52 ވަނަ މިނެޓުގައި މިއުރާ ވަނީ ލަނޑު ޖަހާފައި


ޖަަޕާންގެ ލެޖެންޑް ކަޒުޔޮޝީ މިއުރާ | ގެޓީ އިމޭޖަސް
އުމުރުން 59 އަހަރުގައި ވެސް ލަނޑު ޖަހައި، އުމުރަކީ އަދަދެއް އެކަނިކަން ޖަަޕާންގެ ލެޖެންޑް ކަޒުޔޮޝީ މިއުރާ ސާބިތުކޮށްދީފި އެވެ.
ހަތަރު އަހަރަށް ފަހު މިއުރާ ވަނީ ވާދަވެރި މެޗެއްގައި ލަނޑު ޖަހައިފަ އެވެ. ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ މިއުރާ މަޝްހޫރުވެފައި ވަނީ ކިންގް ކަޒޫގެ ނަމުންނެވެ.
ހޮނިހިރު ދުވަހު އެމްޕަރޭސް ކަޕްގައި ފުކުޝިމާ ޔުނައިޓެޑުން އިވާކީ ފުރުކާވާ ބަލިކޮށް، މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި މެޗުގައި އޭނާ ލަނޑު ޖެހި އެވެ. ފުކުޝިމާ ޔުނައިޓެޑުން 7-0 އިން މޮޅުވި އެ މެޗުގެ 52 ވަނަ މިނެޓުގައި މިއުރާ ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗުގައި މިއުރާ ލަނޑު ޖެހުމާ އެކު، ދަނޑު މަތީގައި ތިބި ކުޅުންތެރިންނާއި، ބެންޗުގައި ތިބި ކުޅުންތެރިން ވެސް ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައި އެވެ. އެ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން، އޭނާ ވަނީ ބަދަލުކޮށްފައި އެވެ.
އެންމެ ފަހުން ވާދަވެރި މެޗެއްގައި މިއުރާ ލަނޑު ޖަހާފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. އެހެންކަމުން މިއީ، އޭގެ ފަހުން ވާދަވެރި މެޗެއްގައި މިއުރާާ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އޭރު މިއުރާ ކުޅެމުން އައީ ސުޒުކާ ޕީޖީ އަށެވެ. އެ މެޗުގައި އެފްސީ އޮސާކާއާ ދެކޮޅަށް ޖަޕާން ފުޓުބޯޅަ ލީގުގައި އޭނާ ލަނޑު ޖެހި އެވެ.
ކުރިން ޖަޕާންގެ ގައުމީ ޓީމަށް ކުޅުނު މިއުރާ މިހާރު ތައްޔާރުވަމުން ދަނީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި 42 ވަނަ ސީޒަނަށެވެ. ޔޮކޮހާމާ އެފްސީ އިން ފުކުޝިމާ ޔުނައިޓެޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވި މިއުރާގެ ލޯނު މުއްދަތު މިހާރު ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އިތުރުކޮށްފައި އެވެ. މިއުރާ ފުކުޝިމާ އަށް ބަދަލުވީ ޑިސެމްބަރު މަހު އެވެ.
މީގެ ކުރިން މިއުރާ ބުނެފައި ވަނީ އުމުރުން 60 އަހަރަށް ދިޔުމުގެ ކުރިން ފުޓުބޯޅަ ކުޅުން ހުއްޓައި ނުލާނެ ކަމަށެވެ.










