Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި

28 ޖުލައި 2026 | އަންގާރަ 19:19

ޖަޕާނުގެ ކުމަމޯޓޯއަށް އައި 7.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ޝޮޕިންގ މޯލެއްގައި ގޮވުމެއް ހިނގައި ގިނަ ބަޔަކު ގެއްލިފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި. މި ހާދިސާއާ ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލައި 300،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާފައިވާއިރު، އިތުރު ލޮޅުންތަކެއް އަތުވެދާނެތީ ސަރުކާރުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައި

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 19:19

ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގައި ހުންނަ އީއޯން މޯލް ކޮމާޝަލް ސެންޓަރުގެ ބައެއް ބިމާ ހަމަވެފައިވާއިރު، އެ އިމާރާތުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ 20 އާއި 30 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރެސްކިއު ޓީމުތަކުން މަސައްކަތްކުރަނީ | ސްކްރީން އިމޭޖް

ޖަޕާނުގެ ދެކުނުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އެ ސަރަހައްދުގެ ޝޮޕިންގ މޯލެއްގައި ގޮވުމެއް ހިނގައި، އެތައް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ. މި ބިންހެލުމުގެ ސަބަބުން އެތައް ހާސް ގެއަކުން ކަރަންޓު ކެނޑި، މަގުތައް ފަޅައިގެން ގޮސްފައިވާއިރު، މޯލްގެ ތެރޭގައި ބައެއް މީހުން ތާށިވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން، ބާރުގަދަ ލޮޅުންތަކެއް (އެފްޓަރޝޮކްސް) އަތުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފަ އެވެ.

ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ މެންދުރުފަހު އައި މި ބިންހެލުމަށްފަހު ކުމަމޯޓޯ ޕްރިފެކްޗަރގެ އެންމެ ބޮޑު ޝޮޕިންގ މޯލްގައި ހިނގި ގޮވުމާ ގުޅިގެން، އެތަނުގައި މަސައްކަތްކުރާ 20 އާއި 30 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުންނަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

މި ބިންހެލުމާ ގުޅިގެން އެއް ހޮސްޕިޓަލަކަށް 50 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާއިރު، އެހެން ހޮސްޕިޓަލަކަށް 40 މީހަކު ގެންގޮސްފައިވާ ކަމަށް އެން.އެޗް.ކޭ އިން ބުނެ އެވެ. މީގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން، ބިންހެލުމުގެ ލޮޅުންތަކާއެކު ބާރު ދުވެލީގައި ދަތުރުކުރާ ރޭލެއް ދަގަނޑުމަތިން ކަސާލައިގެން ދިޔުމުގެ ސަބަބުންވެސް ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ބިންހެލުމާ ގުޅިގެން އެންމެ ފުރަތަމަ ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން އެ އިންޒާރު ވަނީ ކެންސަލްކޮށްފަ އެވެ. ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީން ބުނި ގޮތުގައި، ބިންހެލުން އައި ސަރަހައްދާ ކައިރީގައި ހުރި ތިން ނިއުކްލިއަރ ޕަވަރ ޕްލާންޓަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ބިންހެލުމާ ގުޅިގެން ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވީ، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމަށާއި، މަގުތަކާއި ފާލަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިމާރާތްތައް ވެއްޓިފައިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމާއެކު، އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ޖަޕާނުގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނި ގޮތުގައި، ގާތްގަނޑަކަށް 300,000 މީހުންނަށް ރައްކާތެރި ހިޔާވަހިކަން ހޯދުމަށް ވަނީ އަންގާފަ އެވެ. އަދި ބިންހެލުމަށްފަހު އަންނަ ލޮޅުންތައް މެދުނުކެނޑި ކުރިއަށްދާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ސަތޭކައެއްހާ ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކިއުޝޫ ސަރަހައްދުގައި ދަތުރުކުރާ ޝިންކަންސެން ބުލެޓް ރޭލުތަކާއި އާންމު ރޭލުތަކުގެ ޚިދުމަތް ވަނީ މެދުކަނޑާލާފަ އެވެ. މީގެ އިތުރުން، އާސޯ ކުމަމޯޓޯ އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފައިވާއިރު، އެއާޕޯޓުގެ ވެބްސައިޓުގައި ބުނެފައިވަނީ ޚިދުމަތް އަލުން ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ބިންހެލުމުގެ ސަބަބުން މަގުތައް ވަނީ ބޮޑެތި ގެއްލުންތައް ވެފައި

މި ބިންހެލުމުގައި އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ ކުމަމޯޓޯގައި ހުންނަ އިއޯން މޯލްގަ އެވެ.

މޯލާ 300 މީޓަރު ދުރުގައި ހުރި ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ކަޒުޔާ ސުރުނާގާ، ޓީ.ބީ.އެސް ބްރޯޑްކާސްޓަރަށް މައުލޫމާތު ދެމުން ބުނީ، ބިންހެލުމުގައި ތަޅައިގެންދިޔަ ތަށިތައް ސާފުކުރަން ހުއްޓާ ވަރަށް ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. އަދި އެ ސަރަހައްދުން ބޮޑު ދުންގަނޑެއް އެރި ކަމަށާއި، ވައި ހުރި ގޮތުން މުޅި ސަރަހައްދަށް އަޅި ފައިބަމުންދާ ފަދަ މަންޒަރެއް ފެނުނު ކަމަށްވެސް އޭނާ ކިޔައިދިނެވެ.

އިއޯން މޯލްގެ ތަރުޖަމާނަކު ބުނީ، ބިންހެލުން އައި ވަގުތުން ފެށިގެން ކަސްޓަމަރުންނާއި މުވައްޒަފުން ބޭރަށް ނެރެފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ހިނގި ގޮވުމުގެ އަސްލު ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ.

ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އެއް ގައުމެވެ. އެގައުމުގައި ކޮންމެ ފަސް މިނެޓަކުން ބިންހެލުމެއް އާދެއެވެ. ޕެސިފިކް ކަނޑުގެ ވަށައިގެންވާ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ޖަޕާނަށް، ދުނިޔޭގައި އަންނަ ރިކްޓަރ މިންގަނޑުން 6 އަށްވުރެ މަތީގެ ބިންހެލުންތަކުގެ 20 އިންސައްތަ ހިއްސާކުރެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ޓަކައިޗީ ވަނީ، ބިންހެލުން އައި ސަރަހައްދުތަކުގެ ރައްޔިތުން މިފަދަ އިތުރު ބާރުގަދަ ބިންހެލުމަކަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ލިބުނު ގެއްލުންތައް ވީހާވެސް އަވަހަކަށް ބަލައި ވަޒަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ޖަޕާން ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުމަމޯޓޯގެ އިތުރުން އަވަށްޓެރި ނަގަސާކީ، ކަގޯޝިމާ، ފުކުއޯކާ، ސާގާ އަދި މިޔަޒާކީ ޕްރިފެކްޗަރަށްވެސް ބިންހެލުމުގެ ބާރުގަދަ ލޮޅުންތައް ވަނީ އިހުސާސްކުރެވިފަ އެވެ.

މި ބިންހެލުން އައިސްފައިވަނީ ކުމަމޯޓޯ ސިޓީގެ ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮންނަ އުކީ ސިޓީގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުން އައި ސަރަހައްދުގައި ސޮނީ އަދި ދުނިޔޭގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނި ޓީ.އެސް.އެމް.ސީގެ ފެކްޓްރީތައް ހުރެ އެވެ. ޓީ.އެސް.އެމް.ސީ އިން ބުނީ ކުމަމޯޓޯގައި ތިބި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށާއި، އިމާރާތްތަކަށް ލިބުނު ގެއްލުންތައް ބަލައި ނިމިފައިވާ ކަމަށެވެ. ނިކޭ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޮނީ އަދި ފޫޖީފިލްމް ކުންފުނިންވެސް ވަނީ އެ ސަރަހައްދުގައި ތިބި މުވައްޒަފުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފަ އެވެ.

ކިއުޝޫ އިލެކްޓްރިކް ޕަވަރ އިން ބުނި ގޮތުގައި ބިންހެލުމުގެ ސަބަބުން 48,000 އެއްހާ ގެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި ޖޭ.އާރް ކިއުޝޫ ރޭލްވޭ ކުންފުނިން ވަނީ ބުލެޓް ރޭލުތަކާއެކު ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފަ އެވެ.

މީގެ 10 އަހަރު ކުރިން ކުމަމޯޓޯއަށް އައި ދެ ބާރުގަދަ ބިންހެލުމެއްގައި 275 މީހުން މަރުވެ، 2,739 މީހުންނަށް އަނިޔާވިއެވެ. މިހާރުވެސް މަރާމާތު ކުރަމުންދާ ކުމަމޯޓޯ ކާސަލްގެ ބައެއް ފާރުތައް އަންގާރަ ދުވަހުގެ ބިންހެލުމުގައި ވެއްޓިފައިވާ ކަމަށް އެތަނުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: އޭޕީ

ޖަޕާންބިން ހެލުން

އިތުރަށް ކިޔާލަން

28 ޖުލައި 2026

ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

28 ޖުލައި 2026
ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
27 ޖުލައި 2026

އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި

27 ޖުލައި 2026
އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި
22 ޖުލައި 2026

ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި

22 ޖުލައި 2026
ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
16 ޖުލައި 2026

ނިއުޒީލެންޑަށް 5.9 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

16 ޖުލައި 2026
ނިއުޒީލެންޑަށް 5.9 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
15 ޖުލައި 2026

ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި

15 ޖުލައި 2026
ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި
11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
08 ޖުލައި 2026

ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

08 ޖުލައި 2026
ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
06 ޖުލައި 2026

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

06 ޖުލައި 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި
05 ޖުލައި 2026

ކުރިއާލައި ބިންހެލުން ދެނެގަނެވޭނެ ގޮތެއް ނޯވޭ: މެޓް

05 ޖުލައި 2026
ކުރިއާލައި ބިންހެލުން ދެނެގަނެވޭނެ ގޮތެއް ނޯވޭ: މެޓް
03 ޖުލައި 2026

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް

03 ޖުލައި 2026
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް