ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
28 ޖުލައި 2026 | އަންގާރަ 08:16ޖަޕާނުގެ ކިއުޝޫ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެ، އަތިރިމަތީ ސަރަހައްދުތަކުން މީހުން ދުރުވުމަށް ވަނީ އަންގާފައި. މި ހާދިސާއާ ގުޅިގެން ރޭލު ދަތުރުތައް މެދުކަނޑާލާފައިވީ ނަމަވެސް، ނިއުކްލިއާ ޕަވަރ ސްޓޭޝަންތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވޭ

ޖަޕާނުގެ ދެކުނު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އެއް މީޓަރުގެ އުސްމިނުގެ ސުނާމީ ރާޅެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވާ ޚަބަރުތައް، ޓޯކިޔޯގައި ހުންނަ އޮފީހެއްގައި ތިބި ބަޔަކު ބަލަނީ | އޭއެފްޕީ
ޖަޕާނުގެ ދެކުނުގެ މައި ރަށެއް ކަމަށްވާ ކިއުޝޫގެ ކުމަމޯޓޯ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އެ ގައުމުން ސުނާމީގެ އިންޒާރު ނެރެފި އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، މި ބިންހެލުމަށްފަހު 1 މީޓަރު (3.28 ފޫޓު) އުސްމިނުގެ ރާޅު އަރާފާނެ ކަމަށް ބަލައި ސުނާމީގެ އިންޒާރު ވަނީ ނެރެފަ އެވެ.
ޖަޕާނުގެ ސަރުކާރުން ވަނީ ކިއުޝޫ އައިލެންޑްގެ އެކި ޕްރިފެކްޗަރތައް ކަމަށްވާ ނަގަސާކީ، ކަގޯޝިމާ، ފުކުއޯކާ، ސާގާ، އޮއިޓާ، މިޔަޒާކީ އަދި ކުމަމޯޓޯ ހިމެނޭ ސަރަހައްދުތަކަށް ކުއްލި ނުރައްކަލުގެ ބިންހެލުމުގެ އިންޒާރު ނެރެފަ އެވެ.
އަަރިއާކޭ އަދި ޔަޓްސުޝީރޯ ކަނޑުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އަތިރިމަތީ ސަރަހައްދުތަކުގައި ތިބި މީހުން އެ ތަންތަނުން ދިއުމަށް ވަނީ އަންގާފަ އެވެ. އެ އެޖެންސީން ބުނެފައިވަނީ ކަނޑާއި އަތިރިމަތީ ސަރަހައްދުތަކަކީ ނުރައްކާތެރި ތަންތަން ކަމަށާއި، ވަގުތުން އަތިރިމަތީ ސަރަހައްދުތަކާ ދުރަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސުނާމީގެ އިންޒާރު އަނބުރާ ގެންދަންދެން ކަނޑަށް ނޭރުމަށާއި އަތިރިމައްޗަށް ކައިރިނުވުމަށް ވެސް ވަނީ އަންގާފަ އެވެ.
ރޭލު ދަތުރުފަތުރުގެ ޚިދުމަތްދޭ ޖޭއާރު ކިއުޝޫއިން ބުނި ގޮތުގައި، ބިންހެލުމާ ގުޅިގެން ހައި-ސްޕީޑް ޝިންކަންސެން ބުލެޓް ރޭލުތަކުގެ ޚިދުމަތް ހިމެނޭހެން ރޭލު ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ. ކިއުޝޫ އިލެކްޓްރިކް ޕަވަރއިން ބުނެފައިވަނީ ސެންޑާއީ އަދި ގެންކާއީ ނިއުކްލިއާ ޕަވަރ ސްޓޭޝަންތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.
އެމެރިކާގެ ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ބުނެފައިވަނީ، ޖަޕާނު ފިޔަވައި އެހެން ގައުމުތަކަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.
މި ބިންހެލުން އައިސްފައިވަނީ ޓޯކިޔޯގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 900 ކިލޯމީޓަރު (540 މޭލު) ދުރުގައި އޮންނަ ކުމަމޯޓޯގެ ހުޅަނގު ސަރަހައްދަށެވެ.
މިއަދު ހަވީރު 4:29 ހާއިރު އައި މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
މަސްދަރު: އިންޑިޕެންޑެންޓް










