މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ސައުދީން ފަތުރާ ޚަބަރުތައް ދޮގުކޮށް ޔަމަނުގައި މިލިއަނަށްވުރެ ގިނަ މީހުން މުޒާހަރާކޮށްފި
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:56މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ސައުދީން ކުރާ ތުހުމަތުތައް ހޫޘީން ދޮގުކުރަނީ، އެއީ ހޫޘީންނާ ދެކޮޅަށް ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް ފަތުރާ ދޮގު އިލްޒާމުތަކެއް ކަމަށް ބުނެ. ހޫޘީން ހާމަކުރި ގޮތުގައި އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި ސައުދީގެ އަސްކަރީ އަދި ތެޔޮ އުފައްދާ މަރުކަޒުތަކަށް. މި ތުހުމަތުތަކަކީ ހަނގުރާމައިގެ މައިދާނުގައި ސައުދީއަށް ލިބޭ ނާކާމިޔާބީތައް ފޮރުވުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އެ ޖަމާއަތުން ބުނޭ

ޔަމަނަށް ސައުދީ އަރަބިއްޔާއިން ދެމުންދާ ހަމަލާތަކާ ދެކޮޅަށާއި، މުސްލިމުންގެ މުގައްދަސް ސިޓީ ކަމަށްވާ މައްކާއަށް ހޫޘީން ހަމަލާދީފައިވާ ކަމަށް ބުނެ ސައުދީން ކުރާ ތުހުމަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް 2026 ސެޕްޓެމްބަރު 18 ވީ ދުވަހު ސަންޢާގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން | ގެޓީ އިމޭޖަސް
ޔަމަނުގެ ހޫޘީންގެ ހަތިޔާރު އެޅި ފައުޖުތަކުން މައްކާގެ މުގައްދަސް ބިމަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ކުރި ތުހުމަތުތަކާ ދެކޮޅަށް، އެ ގައުމުގެ 14 އަށް ވުރެ ގިނަ ޕްރޮވިންސްތަކުގައި މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.
މުޒާހަރާގެ ބައިވެރިން ފާޅުކުރި ޝުއޫރުގެ ތެރޭގައި އެމީހުންނަކީ މާތްވެގެންވާ ކައުބަތުﷲ ގެފުޅު ހިމާޔަތްކުރަން ޖާނުން ގުރުބާންވާން ތައްޔާރަށް ތިބި ބައެއް ކަމުގަ އެވެ. ހޫޘީ ޖަމާއަތަށް ތާއީދުކުރާ މީހުން ހަތިޔާރާއެކު ކުރި މި މުޒާހަރާގެ ބައިވެރިން އަތްމަތީގައި ގެންގުޅުނު ބޯޑުތަކުގައި ކައުބަތުﷲ ގެފުޅުގެ ކުރެހުމާއެކު "ގެފުޅަށްޓަކައި އަހަރެމެންގެ ފުރާނަ ގުރުބާންކުރުމަށް ތިބީ ތައްޔާރަށް" ކަމަށް ލިޔެފައިވެ އެވެ.
މުޒާހަރާގެ ބައިވެރިންނާއި ޔަމަނުގެ ހޫޘީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ސައުދީން މިފަދަ ދޮގު ވާހަކަތަކެއް ފަތުރަނީ ޔަމަނުގެ ދިފާއީ ބާރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ތާއީދު ހޯދުމުގެ ބޭނުމުގަ އެވެ.
ޔަމަނުގެ ހޫޘީންގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ ސައުދީގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ފައުޖުތަކުން ބުނި ގޮތުގައި އެމީހުންގެ އަސްކަރީ އޮޕަރޭޝަންތަކަކީ މުގައްދަސް ބިނާތަކަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށެވެ.
ޔަމަނުގެ ހޫޘީންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުގައްދަސް މައްކާއަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ ސައުދީގެ "އާލް ސައުދު" ރަސްކަމުން ފަތުރަމުންދާ ދޮގު އިލްޒާމުތަކަކީ އެއްވެސް މީހަކު ގަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ހޫޘީންގެ ނަމުން ވެސް މުޚާތަބު ކުރާ އަންސާރުﷲ ޖަމާއަތުގެ ސިޔާސީ އޮފީހުގެ މެންބަރެއް ކަމަށްވާ ހަޒާމް އަލް-އަސަދު ވިދާޅުވީ، މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ސައުދީން ދައްކަނީ ތަކުރާރުވަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަލް-އަސަދު ވިދާޅުވި ގޮތުގައި، އަންސާރުﷲ އިން ޑްރޯން ބޭނުންކޮށްގެން މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ ސައުދީން ކުރާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް، ބާވެފައިވާ ދޮގު އިލްޒާމެކެވެ.
ސައުދީ އަރަބިއްޔާއިން މީގެ ކުރިން ބުނެފައިވަނީ، މައްކާގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުނު ޑްރޯންއެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ.
ޔަމަނުން ބުނާ ގޮތުގައި، ސައުދީގެ މި ތުހުމަތަކީ ޔަމަނަކީ މުގައްދަސް ސިޓީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދައްކައިގެން، މުސްލިމުންގެ މެދުގައި، ނަފުރަތު އުފެއްދުމަށް ކުރާ މަސައްކަތެކެވެ.
ހޫޘީންގެ ފަރާތުން އިތުރަށް ބުނެފައިވަނީ، ސައުދީން މިފަދަ އިލްޒާމުތައް ފަތުރަނީ ޔަމަނުގެ ހަނގުރާމައިގެ މައިދާނުގައި ސައުދީ ސިފައިންނަށް ލިބެމުންދާ ނާކާމިޔާބީތަކާއި، ސައުދީން ވާގިވެރިވާ ކުލީ ސިފައިން ބަލިވަމުންދާތީ އެކަން ފޮރުވުމުގެ ގޮތުން ކަމަށެވެ.











