އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
18 ސެޕްޓެމްބަރު 2026 | ހުކުރު 08:31އީރާނުގެ މިނާބާއި ލަމިރްދުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއް ކަމަށް ބެލެވޭނެ އެކަށީގެންވާ ހެކި އެބަހުރި ކަމަށް އދ. ގެ މާހިރުން ހާމަކޮށްފި. މި ހަމަލާތަކުގައި 177 އާންމުން ޝަހީދުވެފައިވާއިރު، އީރާނުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށްވެސް ރިޕޯޓުގައިވޭ. ނަމަވެސް، އެމެރިކާއިން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައި

އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ މިނާބްގައި ހުންނަ މަދަރުސާއަކަށް ޓޮމަހޯކް މިސައިލެއް ބޭނުންކޮށްގެން ދިން ކަމަށް ބުނާ ހަމަލާގެ ވީޑިއޯއެއް | އެކްސް
އީރާނަށް ދިން ދެ ހަމަލާއެއްގައި މަދުވެގެން 177 އާންމުން ޝަހީދުވި ހާދިސާގައި، އެމެރިކާއިން ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާ ކަމަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް އެބަހުރި ކަމަށް، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވިދާޅުވެއްޖެ އެވެ.
އީރާނާ ބެހޭ މިނިވަން ބައިނަލްއަގުވާމީ ފެކްޓް ފައިންޑިންގ މިޝަނުން ނެރުނު އާ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މިދިޔަ ފެބުރުވަރީ މަހު މިނާބްގެ ޕްރައިމަރީ ސުކޫލަކަށާއި ލަމިރްދުގެ ކުޅިވަރު ކޮމްޕްލެކްސްއަކަށް ދިން މިސައިލް ހަމަލާތަކަކީ، އާންމުންގެ ފުރާނައަށް ނުރައްކާވާނެ ފަދަ ގޮތަކަށް ބެލުމެއް ނެތި ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި، މި ހަމަލާތަކުގެ ސަބަބުން އާންމުން ޝަހީދުވެ، އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ލަމިރްދަށް ހަމަލާދިން ކަމަށް އެމެރިކާއިން މީގެ ކުރިން އިންކާރުކޮށްފައިވާއިރު، މިނާބްގައި ހިނގި ކަންތައްތައް ތަހުގީގު ކުރަމުންދާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. ނަމަވެސް، އދ. ގެ ރިޕޯޓުގައިވާ ހޯދުންތަކަކީ އިތުބާރު ހުރި ހޯދުންތަކެއް ކަމަށް އެމެރިކާއިން ގަބޫލުނުކުރާ ކަމަށް، އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހު އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ވެސް މާހިރުން ވަނީ ކަނޑައަޅުއްވާފަ އެވެ. އީރާނުގެ 31 ޕްރޮވިންސެއްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން އާންމުންނާ ދެކޮޅަށް މީގެ ކުރިން ހިންގާފައިނުވާ ފަދަ އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް އދގެ މާހިރުން ތުހުމަތުކުރެ އެވެ. މި ހޯދުންތަކާ ގުޅޭގޮތުން އީރާނުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އެ ގައުމާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް މީގެ ކުރިން ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
މިނާބްގެ މަދަރުސާއަށް ދިން ނިރުބަވެރި ހަމަލާ
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި އެންމެ ފަހުގެ ރިޕޯޓު ތައްޔާރުކުރުމަށް ޓަކައި، މިޝަންގެ ތިން މާހިރުން ވަނީ ހަނގުރާމައިގެ ތެރޭގައި އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ދެ ހަމަލާ ތަހުގީގުކުރައްވާފަ އެވެ.
މި ގޮތުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު، އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ މިނާބްގައި ހުންނަ 'ޝަޖާރާ ތައްޔިބާ ޕްރައިމަރީ ސުކޫލަށް ޓޮމަހޯކް މިސައިލް ހަމަލާތަކެއް ދީފައިވެ އެވެ. މި ހަމަލާގައި 120 ކުޑަކުދިން ހިމެނޭހެން މަދުވެގެން 156 މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.
އެ މަދަރުސާއަކީ އެ ދުވަހު ހަމަލާދިން އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރުޖީސީ) މަރުކަޒަކާ ޖެހިގެން ހުރި ތަނެއް ނަމަވެސް، އެއީ މަދަރުސާއެއްކަން ވަރަށް ސާފުކޮށް އެނގެން ހުރި ކަމަށް ފެކްޓް ފައިންޑިން މިޝަންގެ މާހިރުން ފާހަގަކުރެއްވި އެވެ. އަދި، އެތަނަކީ އަސްކަރީ ބޭނުމަކަށް ބޭނުންކުރަމުންދިޔަ ތަނެއްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ފުރަތަމަ ތަހުގީގަކުން އެ ހަމަލާގެ ޒިންމާ އެމެރިކާގެ ބާރުތަކުން އުފުލަންޖެހޭ ކަމަށް ބުނާ މީޑިއާ ރިޕޯޓުތަކަށާއި، މި ހަނގުރާމައިގައި ޓޮމަހޯކް މިސައިލް ބޭނުންކުރާ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށްވާތީ، އެ މަދަރުސާއަށް ހަމަލާދިނީ އެމެރިކާއިން ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް އެބަހުރި ކަމަށް މާހިރުން ވިދާޅުވި އެވެ. އަދި، އެ ސުކޫލަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައިވާ ކަމަށް އެ ހާދިސާއިން ސަލާމަތްވި މީހުން ބުނެފައިވާތީ، އެއީ އައިއާރުޖީސީ މަރުކަޒަށް ދިން ހަމަލާއެއް އަމާޒުން ނެއްޓިގެން ލިބުނު ގެއްލުމެއް ނޫން ކަމަށާއި، އެއީ ގަސްދުގައި މަދަރުސާއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވެސް މާހިރުން ވަނީ ނިންމަވާފަ އެވެ.
މިނާބްގެ ހަމަލާއާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ތަހުގީގުގެ ރިޕޯޓު އަދި އާންމުކޮށްފައި ނުވާއިރު، އެމެރިކާއިން ދުވަހަކުވެސް އާންމުންގެ ތަންތަނަށް އަމާޒުކޮށް ހަމަލާ ނުދޭނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވަނީ ވިދާޅުވެފަ އެވެ.
ލަމިރްދުގެ ކުޅިވަރު ކޮމްޕްލެކްސްއަށް ދިން އުދުވާނީ ހަމަލާ
ހަމަ އެ ދުވަހު، ލަމިރްދުގެ ކުޅިވަރު ކޮމްޕްލެކްސްއަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދަކަށް 'ޕްރިސިޝަން ސްޓްރައިކް މިސައިލެއް' (ޕީއާރުއެސްއެމް) ބޭނުންކޮށްގެން ދިން ހަމަލާއެއްގައި، ހަތް ކުޑަކުދިން ހިމެނޭހެން މަދުވެގެން 21 އާންމުން ޝަހީދުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
މި ހާދިސާގައި ވެސް، އެ ކުޅިވަރު ކޮމްޕްލެކްސްއަކީ ކޮން ތަނެއްކަން ސާފުކޮށް އެނގެން ހުރި ކަމަށާއި، އެ ތަނަކީ އަސްކަރީ ބޭނުމަކަށް ބޭނުންކުރި ތަނެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފެކްޓް ފައިންޑިން މިޝަންގެ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އަދި، މި ހަމަލާގައި ބޭނުންކުރި ޕީއާރުއެސްއެމް މިސައިލަކީ ހަމައެކަނި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ހަތިޔާރަކަށް ވާތީ، މި ހަމަލާ ދިނީ ވެސް އެމެރިކާއިން ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް ހުރި ކަމަށް މާހިރުން ވަނީ ނިންމަވާފަ އެވެ.
ނަމަވެސް، އެ ދުވަހު ލަމިރްދަށް އެއްވެސް ހަމަލާއެއް ދީފައި ނުވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި، އެ ހަމަލާގައި ބޭނުންކުރީ ޕީއާރުއެސްއެމް މިސައިލެއް ކަމަށް ބުނާ ރިޕޯޓުތައް ވެސް އެމެރިކާއިން ވަނީ ދޮގުކޮށްފަ އެވެ.
މި ދެ ހާދިސާއާ ގުޅޭގޮތުން ފެކްޓް ފައިންޑިން މިޝަންގެ މާހިރުން ވިދާޅުވީ، އާންމުންގެ ފުރާނައަށް ގެއްލުންވާނެ ފަދަ ގޮތަކަށް ބެލުމެއް ނެތި ހަމަލާދީ، އާންމުން ޝަހީދުކޮށް، މުދަލަށް ގެއްލުން ދިނުމުގެ ސަބަބުން، އެމެރިކާއިން ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް އެބަހުރި ކަމަށެވެ.
މަސްދަރު: ބީބީސީ











