ރިޕޯޓް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވައިޓް ހައުސްއިން ހާމަކުރި އަދަދަށްވުރެ އިތުރު
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:40އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި މަރުވި ސިފައިންގެ އަދަދު ރަސްމީ ހިސާބުތަކަށްވުރެ އިތުރުކަމަށް ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފި. އެ ނޫހުން ބުނާގޮތުގައި މަދުވެގެން 22 ސިފައިން މަރުވެފައިވާއިރު، މީގެ ތެރޭގައި ހަމަލާތަކާ ގުޅުންހުރި މަރުތަކުގެ އިތުރުން ތިން ކޮންޓްރެކްޓަރުންވެސް ހިމެނޭ. މި ހަނގުރާމައިގައި 820 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާއިރު، މަރުގެ ހަގީގީ އަދަދުތައް ސިއްރުކުރާތީ ބައެއް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މާރިޗު 9، 2026 ގައި އެމެރިކާގެ ޑެލަވެއާގެ ޑޯވާ އެއާފޯސް ބޭސްއަށް ގެނައި ސާޖަންޓް ބެންޖަމިން އެން. ޕެނިންގްޓަންގެ ހަށިގަނޑު ލާފައިވާ ސަންދޯއް، އެމެރިކާގެ އަސްކަރިއްޔާގެ ކެރީ ޓީމަކުން އުފުލައިގެން ގެންދަނީ. | އޭޕީ
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، މަރުވި އެމެރިކާ ސިފައިންގެ އަދަދު، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯ އިން އާންމުކޮށްފައިވާ "ކެޝުއަލްޓީ ރެކޯޑްސް" ނުވަތަ މަރުވި މީހުންގެ ރަސްމީ ހިސާބުތަކަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓެއް ބުނެފި އެވެ.
ވޮޝިންގޓަން ޕޯސްޓުން މިދިޔަ ހުކުރު ދުވަހު މި ރިޕޯޓް ޝާއިއުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް ވޯގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ އެވެ.
އެ އިދާރާގެ އެތެރޭގެ ހިސާބުތަކުގެ މައުލޫމާތު އެނގޭ ހަ އޮފިޝަލަކު އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ހަނގުރާމައިގައި މަދުވެގެން އެމެރިކާގެ 22 ސިފައިން މަރުވެފައިވާ ކަމަށެވެ. މިއީ އެ އިދާރާގެ "ޑިފެންސް ކެޝުއަލްޓީ އެނަލިސިސް ސިސްޓަމް" އިން އާންމުކޮށްފައިވާ 18 މީހުންގެ މަރަށްވުރެ ހަތަރު މީހުން އިތުރު އަދަދެކެވެ.
ވޮޝިންގޓަން ޕޯސްޓަށް މައުލޫމާތު ދިން އެއް އޮފިޝަލަކު ބުނި ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ މަހު މި ހަނގުރާމަ ފެށި ފަހުން މަރުވި މީހުންގެ އަދަދު 23 އަށް އަރަ އެވެ. އޭނާ ބުނި ގޮތުގައި އާންމުކޮށްފައިވާ ހިސާބުތަކުގައި ނުހިމެނޭ ބައެއް މަރުތަކަކީ ސީދާ ހަމަލާތަކާ ގުޅުންހުރި މަރުތަކެއް ނޫން ނަމަވެސް، އެއީ ހަނގުރާމައިގެ ދުވަސްވަރު އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންނެވެ.
އެއްވެސް އުދުވާނަކާ ނުލައި އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ އެ ސަރަހައްދުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަމާޒުތަކަށް 100 އަށްވުރެ ގިނަ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އެ ނޫހަށް މައުލޫމާތު ދިން އޮފިޝަލް އިތުރަށް ބުނި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ އެމެރިކާގެ ތިން ކޮންޓްރެކްޓަރުން ވެސް ވަނީ މަރުވެފަ އެވެ.
ވައިޓް ހައުސްގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރު ފަހާ ހަމައަށް، އެމެރިކާގެ އުދުވާނަށް ދީފައިވާ ކޯޑް ނަމެއް ކަމަށްވާ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުން 14 މީހަކު މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. އަދި އިތުރު ހަތަރު މީހެއްގެ މަރު ރެކޯޑް ކޮށްފައިވަނީ "އޯވަސީސް އޮޕަރޭޝަންސް" ނުވަތަ ބޭރު ގައުމުތަކުގައި ހިންގާ އޮޕަރޭޝަންތަކުގެ ދަށުންނެވެ.
މީގެ އިތުރުން، ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ 820 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
މަރުވި މީހުންގެ އަދަދުތަކުގައި ހުރި މި ފަރަގުތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ވޯގެ ބައެއް އޮފިޝަލުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށާއި، އިތުރު މަރުތައް އާންމުކުރާ ހިސާބުތަކުގައި ނުހިމަނަނީ ކީއްވެގެންތޯ އެ ފަރާތްތަކުން ސުވާލު އުފައްދާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.











