"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:17ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ މަންދޫބުންނާއި ސީއައިއޭގެ ވެރިޔާ ރަޝިޔާއާއި ޔޫކްރެއިނާ އެކު މަޝްވަރާތަކެއް ކުރައްވާފައިވާއިރު، މިކަމުގައި ޕުޓިންއާއި ޒެލެންސްކީގެ މެދުގައި އޮތް ނަފްރަތުގެ ސަބަބުން ހުރަސްތަކެއް ހުރި ކަމަށް ޓްރަމްޕް ވިދާޅުވޭ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ޕުޓިންގެ އިޚްލާޞްތެރިކަމެއް ހުރިތޯ ބައިނަލްއަޤުވާމީ ޖާސޫސީ އިދާރާތަކުން އަދިވެސް ސުވާލު އުފައްދާ


ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، އެމެރިކާގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | ރޮއިޓާސް
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއެކު މި ހަފުތާގެ ކުރީކޮޅު "ވަރަށް ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށާއި، ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް "ޑީލެއް" ހެދުމަށް ޕުޓިން ހުށަހަޅުއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަނަށް ޓެކްސަސްގެ ޑެލެސްއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން ހުންނެވީ އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވެފައި ކަމަށާއި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ނަމަ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
އަންގާރަ ދުވަހު ޓްރަމްޕް ފޯނުން ގުޅުއްވާ ޕުޓިންއާ ވާހަކަދެއްކެވީ، އެމެރިކާގެ ހާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާ މޮސްކޯ އަދި ކީވްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. އެމެރިކާގެ ފަރާތުން ސުލްހައިގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ މި ދެ ބޭފުޅުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން، ރަޝިޔާއިން ޔޫކްރެއިންގެ އިތުރު ބިންތައް ހިފުމަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން، އެމެރިކާގެ ޖާސޫސީ އިދާރާގެ (ސީއައިއޭ) އިސްވެރިޔާ ޖޯން ރެޓްކްލިފް ވެސް ދާދިފަހުން މޮސްކޯއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
މި ފަދަ މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް އަދި ޓްރަމްޕް މި ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ނަމަވެސް، ހަތަރުވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ޕުޓިން އިޚްލާޞްތެރިކަމާއެކު ބޭނުންފުޅުވާ ކަމާމެދު އެމެރިކާ، ޔޫކްރެއިން އަދި ވިލާތުގެ ޤައުމުތަކުގެ ޖާސޫސީ އިދާރާތަކުން އަދިވެސް ޝައްކު އުފައްދަމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ޕުޓިންއާއި ޒެލެންސްކީއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، "މި ކަން މަޑުޖެހިފައި އޮތީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފްރަތުކުރާ ދެ މީހެއްގެ ސަބަބުން" ކަމަށެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭނާ ވަނީ އިސްވެ މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފަށްޓަވާފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ލޮޅުންއަރައި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެން ފަށާފަ އެވެ. މި ކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަމުން ދަނީ އެމެރިކާގެ ރައްޔިތުންނަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މަސްދަރު: ރޮއިޓަރސް










