އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 09:09ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ މެދުވެރިވެގެން ބާއްވާ ތިން ގައުމުގެ ގުޅިފައިވާ ބައްދަލުވުމަކަށް ރަޝިޔާ ތައްޔާރަށް އޮތްކަން ހާމަކޮށްފި. ރަޝިޔާގެ ރައީސް ޕުޓިންއާއި އެމެރިކާގެ ރައީސް ޓްރަމްޕް ބައްދަލުކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، މަޝްވަރާތަކުން ހައްލެއް ހޯދުމަށް ރަޝިޔާއިން އުންމީދުކުރޭ


ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް | އަނަދޮލޫ
ރަޝިޔާއިން ޔޫކްރެއިނާއެކު މަޝްވަރާކުރުމަށް އަދިވެސް ތައްޔާރަށް އޮތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމެރިކާއާއެކު ތިން ގައުމު ބައިވެރިވާ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެ އެވެ. ތިން ގައުމުން ގުޅިގެން ސުލްހައިގެ މަޝްވަރާތައް ފެށުމަށް ހުށަހަޅާފައި ވަނީ އެމެރިކާއިންނެވެ.
'އިޒްވެސްޓިއާ' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޕެސްކޮވް ވިދާޅުވީ، ރަޝިޔާ އަދިވެސް އޮތީ މަޝްވަރާތަކަށް ހުޅުވާލެވިފައި ކަމަށާއި، އެމެރިކާގެ މަންދޫބުންނާއެކު ދެކެވުނު ވާހަކަތަކާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ތިން ގައުމު އެކުވެގެން ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް، ޔޫކްރެއިނުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، މި ފަދަ ބައްދަލުވުމަކުން ނުކުމެދާނެ ނަތީޖާއަކާ މެދު އެއްޗެއް ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާއިން ޔޫކްރެއިނުގައި ކުރިއަށްގެންދާ "ޚާއްސަ އަސްކަރީ އޮޕަރޭޝަން' ނުވަތަ ހަނގުރާމަ ފެށުމަށް މެދުވެރިވި ސަބަބުތަކާއި، އެ ގައުމުން ހުށަހަޅާފައިވާ ޝަރުތުތަކަކީ އެންމެނަށް އެނގޭނެ ސާފު ކަންތައްތަކެއް ކަމަށާއި، އެ ކަންކަމަށް ހައްލެއް ހޯދަންޖެހޭނެ ކަމަށް ވެސް ޕެސްކޮވް ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގައި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ޕެސްކޮވް ވިދާޅުވި އެވެ. އަދި، މި ފަދަ ބައްދަލުވުމެއްގެ ކުރިން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ، ރައީސް ޓްރަމްޕަށް ނުފޫޒު ފޯރުއްވަން މަސައްކަތް ކުރެއްވި ނަމަވެސް، ޕުޓިންއާ އޮންނަ ގުޅުމާމެދު ޓްރަމްޕް ގެންގުޅުއްވާ އަމިއްލަ ތަސައްވުރު ބަދަލުކުރުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ރައީސް ޕުޓިން ބޭނުންފުޅު ވަނީ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ވަޑައިގަންނަވަން ކަމަށާއި، ޕުޓިންއާއި ޒެލެންސްކީއާއެކު ތިން ގައުމުގެ ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް ރައީސް ޓްރަމްޕް ބުދަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން، މިދިޔަ ހަފުތާގައި އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖެރަޑް ކުޝްނާ ވަނީ ރަޝިޔާ އަދި ޔޫކްރެއިނުގެ ވެރިރަށަށް ޒިޔާރަތްކުރައްވާ، ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











