ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް
9 ސެޕްޓެމްބަރު 2026 | ބުދަ 07:16ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕާއި ރަޝިއާގެ ރައީސް ޕުޓިން މަޝްވަރާކުރައްވައި، އިންސާނީ އެހީތެރިކަމުގެ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންނެވި. މި މަޝްވަރާތަކުގައި ހަނގުރާމަ އަވަހަށް ނިންމުމަށް ވޮޝިންގޓަނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވުނުއިރު، އެމެރިކާގެ މަންދޫބުން ދާދިފަހުން މޮސްކޯއާއި ކީވްއަށް ކުރެއްވި ދަތުރުފުޅުތަކަކީ ކާމިޔާބު މަސައްކަތްތަކެއްގެ ގޮތުގައި ދެ ލީޑަރުން ވެސް ފާހަގަކުރެއްވި


ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި ސަލާމްކުރައްވަނީ | އަނަދޮލޫ
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި ކަމަށް، ރަޝިއާގެ ރައީސްގެ މުޝީރު ޔޫރީ އުޝަކޮވް ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އުޝަކޮވް ވިދާޅުވީ، އެއް ގަޑިއިރަށް ދެމިގެންދިޔަ މި ފޯނު ކޯލަކީ ވަރަށް "ބިނާކުރަނިވި އަދި ފާޅުކަން ބޮޑު" ވާހަކަތަކެއް ދެކެވުނު ކޯލެއް ކަމަށާއި، މި މަޝްވަރާތަކަކީ "ސިއްރު" މަޝްވަރާތަކެއް ކަމަށެވެ.
އުޝަކޮވް މަޢުލޫމާތު ދެއްވި ގޮތުގައި، ޔޫކްރެއިންގެ ހަނގުރާމަ ވީހާވެސް އަވަހަށް ނިމުމަކަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ޓްރަމްޕް ބާރުއެޅުއްވި އެވެ. އަދި، އެ ކަމުގެ ސަބަބުން ރަޝިއާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް އަލުން ފުޅާދާއިރާއެއްގައި އިޢާދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ހަނގުރާމައިގެ މައިދާނުގައި ކަންކަން ހުރި ގޮތުގެ "ހަގީގީ ތަސްވީރެއް" ޕުޓިން ޓްރަމްޕަށް އަރުވާފައިވާ ކަމަށާއި، ހަނގުރާމަ އަވަހަށް ނިންމުމަށް ޓަކައި ވޮޝިންގޓަނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އުޝަކޮވް ވިދާޅުވި އެވެ. ހަމަމިއާއެކު، އަސީރުން ބަދަލުކުރުން ފަދަ އިންސާނީ އެހީތެރިކަމުގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ބޭފުޅުންގެ މެދުގައި މުވާސަލާތީ ގުޅުން ދެމެހެއްޓުމަށް ވެސް ޕުޓިންއާއި ޓްރަމްޕް ވަނީ އެއްބަސްވެވަޑައިގަންނަވާ އެވެ.
އުޝަކޮވް ވިދާޅުވީ، ރަޝިއާގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ބުނެ ވިލާތުގެ ޤައުމުތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ. އަދި، އެ ފަދަ ވާހަކަތަކަކީ ޔޫކްރެއިނަށް ދޭ އެހީތައް ދިފާޢުކުރުމަށާއި ވިލާތުގެ އަސްކަރީ ޚަރަދުތައް އިތުރުކުރުމަށް ބޭނުންކުރާ ބަހަނާތަކެއް ކަމަށް ޕުޓިން ވިދާޅުވި ކަމަށް ވެސް އުޝަކޮވް ވިދާޅުވި އެވެ.
ދާދިފަހުން އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖެރަޑް ކުޝްނާ މޮސްކޯއާއި ކީވްއަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅޭގޮތުން ދެ ރައީސުން ޚިޔާލު ބަދަލުކުރެއްވި ކަމަށާއި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ބޭފުޅުން ކުރެއްވި މަސައްކަތްތައް ދެ ރައީސުން ވެސް ބަލައިގަންނަވާފައިވާ ކަމަށް އުޝަކޮވް ފާހަގަކުރެއްވި އެވެ. އަދި، އެމެރިކާގެ މަންދޫބުން ކުރެއްވި މި ދަތުރުފުޅުތަކަކީ ޖުމްލަގޮތެއްގައި ކާމިޔާބު ދަތުރުފުޅުތަކެއްގެ ގޮތުގައި ދެ ޤައުމުން ވެސް ވަނީ ކަނޑައަޅާފަ އެވެ.
ވިޓްކޮފްއާއި ކުޝްނާ ހޮނިހިރު ދުވަހު މޮސްކޯގައި ޕުޓިންއާ ބައްދަލުކުރެއްވުމަށްފަހު، އާދީއްތަ ދުވަހު ވަނީ ކީވްއަށް ވަޑައިގަންނަވައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފަ އެވެ. ޕުޓިންއާއެކު ބޭއްވި ބައްދަލުވުމަކީ "ފުން، ބިނާކުރަނިވި އަދި ވަރަށް ބޭނުންތެރި" ބައްދަލުވުމެއްގެ ގޮތުގައި މޮސްކޯއިން ސިފަކުރި ނަމަވެސް، އެ ބައްދަލުވުމުން ވަކި ހާއްސަ ނަތީޖާއެއް ނުކުމެފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ










