"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:23ބައިނަލްއަގުވާމީ މައިދާނުގައި ހުޅަނގުގެ ގައުމުތަކުން ނުފޫޒު ފަތުރަން ކުރާ މަސައްކަތްތަކަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ބްރިކްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ހުޅަނގުން ގެންގުޅޭ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޣައިރު ގާނޫނީ ހުރަސްތަކާ ދެކޮޅަށް ރަޝިޔާގެ އިސްތިގުލާލު ދަމަހައްޓައި، އިތުބާރު ހުރި ބައިވެރިންނާއެކު ގުޅުން ބަދަހިކުރާނެ ކަމަށް


ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައްދަލުވުމެއްގެ ތެރެއިން ވާހަކަފުޅު ދައްކަވަނީ | އަނަދޮލޫ
ބައިނަލްއަގުވާމީ މައިދާނުގައި ބާރާއި ނުފޫޒު ގަދަކުރުމަށް "ކޮންމެ ފަދަ ކަމެއް" ކުރަން ވެސް ހުޅަނގުގެ ގައުމުތަކަށް ތައްޔާރަށް އޮތް ކަމަށާއި، އޭގެ ތެރޭގައި ނޭދެވޭ އަމަލުތައް ވެސް ހިމެނޭ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ބޭއްވި ބްރިކްސް ބިޒްނަސް ފޯރަމްގެ ޕެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ކުންފުނިތަކުން ހޯދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ "ވަރުގަދަ ވާދަވެރިކަމެއްގެ" ތެރެއިން ކުރާ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
"ވާދަވެރިކަމަކީ އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ މުގައްދަސް ކަމެއް ކަމަށް އަބަދުވެސް އަޅުގަނޑުމެން ގާތު ބުނަމުންދޭ. ނަމަވެސް ހިތާމައަކީ، ހުޅަނގުގެ ވާދަވެރިން މިހާރު މަސައްކަތް ކުރަމުންދަނީ 'ކޮންމެ ފަދަ ގޮތަކުން' ނަމަވެސް އެ މީހުންގެ ކުރީގެ ލީޑަޝިޕް އަލުން ހޯދުމަށް،" ޕުޓިން ވިދާޅުވި އެވެ.
ވާދަވެރިކަމުގެ ތެރެއިން ބައެއް ފަހަރު "ނޭދެވޭ" ކަންތައްތައް ފެންނަމުންދާ ކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ، މި ފަދަ ކަންކަން ދައުލަތުގެ ފެންވަރުގައި ވެސް ހިނގަމުންދާ ކަމަށެވެ. އަދި، ސިނާއީ އަދި ލޮޖިސްޓިކް ވަސީލަތްތަކަށާއި ހޮޅިލައިންތަކަށް ހަމަލާދިނުމާއި އެ ތަންތަން ހަލާކުކޮށްލުން ފަދަ ކަންކަން ވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތައް ބަންދުކުރުމަށާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދޭ،" ޕުޓިން ވިދާޅުވި އެވެ. އަދި، އެހެން ބައެއްގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް އިންކާރުކޮށް އަމިއްލަ މަސްލަހަތު ދިފާއުކުރާ ފަރާތްތަކާ ދެކޮޅަށް، ގާނޫނާ ހިލާފު ހުރަސްތައް ކުރިމަތިކޮށް ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބިރު ދައްކަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މި މޭރުމުން ވިދާޅުވެ، އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށެވެ.
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން 30،000 އަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ، މިއީ ދުނިޔޭގެ އެހެން ހުރިހާ ގައުމަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެއްކޮށްލުމުން ލިބޭ އަދަދަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ގައުމީ އިސްތިގުލާލު ވަރުގަދަކޮށް، އިތުބާރު ހުރި އަދި ލަފާކުރަން އެނގޭ ފަދަ ބައިވެރިންނާއެކު ގުޅުންތައް ތަރައްގީކޮށްފައި،" ޕުޓިން ވިދާޅުވި އެވެ. އަދި، ބްރިކްސް އޮތީ ހުރިހާ ބައިވެރިންނާއެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޕުޓިން އިންޑިއާއަށް ވަޑައިގަތީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގައި ހޮނިހިރު އަދި އާދީއްތަ ދުވަހު ކުރިއަށްދާ 18 ވަނަ ބްރިކްސް ސަމިޓުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











