ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 09:00އިންޑިއާގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި މެދުއިރުމައްޗާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ހުޅަނގުގެ ނުފޫޒުން އެއްކިބާވެފައިވާ މާލީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މެންބަރު ގައުމުތަކުން މަޝްވަރާ ކުރާނެ. މި ބައްދަލުވުމުގައި އެމެރިކާއިން ބްރިކްސްގެ ގައުމުތަކަށް ކުރިމަތިކުރާ ވިޔަފާރީގެ ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކުރާއިރު، މެންބަރު ގައުމުތަކުގެ މެދުގައި ހުރި ސިޔާސީ ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަކީ މި ސަމިޓުގެ މުހިންމު އަމާޒެއް


އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ބްރިކްސްގެ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް، އިންޑިއާގެ ބޮޑުވަޒީރު އަދި އީރާންގެ ރައީސް ބައިވެރިވެވަޑައިގަންނަވަނީ | އަލް ޖަޒީރާ
ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އިތުރުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން ބައިވެރިވެވަޑައިގަންނަވާ ބްރިކްސް ސަމިޓް އިންޑިއާގެ ނިއު ދެއްލީގައި ފަށައިފި އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މިއީ، ބްރިކްސް ސަމިޓެއް އިންޑިއާގައި ބާއްވާ ހަތަރު ވަނަ ފަހަރެވެ.
މި ފަހަރުގެ ސަމިޓުގެ ރިޔާސަތު އިންޑިއާއާ ހަވާލުވެފައި މި ވަނީ ދުނިޔޭގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން މެދުއިރުމައްޗާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ހަކަތައާއި މުދާ އުފުލުމުގެ ނިޒާމަށް ބުރޫއަރާފައިވާއިރު، އެމެރިކާގެ ފުށުން ބްރިކްސްގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ބޮޑެތި ޓެރިފް ނުވަތަ ފީތަކުގެ މައްސަލަތަކާއި މި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ މެދު މެންބަރު ގައުމުތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ. މީގެ އިތުރުން، ހުޅަނގުގެ ނުފޫޒުން އެއްކިބާވެފައިވާ، ބޯޑަރު ހުރަސްކޮށް ފައިސާ ދެއްކޭނެ ނިޒާމުތައް ފުޅާކުރުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ ވެސް މި ސަމިޓުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންކަމެވެ.
އޭޝިއާގެ ބާރުގަދަ ދެ ގައުމު ކަމަށްވާ އިންޑިއާއާއި ޗައިނާގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ރައީސް ޝީ ހޮނިހިރު ދުވަހުގެ ހެނދުނު ނިއު ދެއްލީއަށް ވަޑައިގަންނަވާފައި ވަނީ ހަތް އަހަރަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގަ އެވެ. އަދި، ހުކުރު ދުވަހު ބޮޑުވަޒީރު މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން، އީރާނުގެ ރައީސް ޕެޒެޝްކިޔާންއާއެކު ބޭއްވި ބައްދަލުވުމުގައި، ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި އުޅަނދުފަހަރުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ވެސް މޯދީ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މި ސަމިޓުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީއާއި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުގެ އިތުރުން، އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންތޯ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފަރާތުން އަބޫދާބީގެ ވަލީއަހުދު ބައިވެރިވެވަޑައިގަންނަވާއިރު، ބްރިކްސް އެފެއްދުމުގެ އިސް އެއް ބާނީ ކަމަށްވާ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދެ ސިލްވާގެ ބަދަލުގައި އެ ގައުމުން ބައިވެރިވެވަޑައިގަންނަވަނީ ޚާރިޖީ ވަޒީރު މައުރޯ ވިއޭރާ އެވެ. މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި(ޑަބްލިއުއެޗްއޯ)، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ (ޑަބްލިއުޓީއޯ) އިސްވެރިންގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވެސް މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ބްރިކްސްއަށް އޮތް ބޮޑެތި ޚިޔާލުތަފާތުވުންތައް ހައްލުކުރެވޭނެތަ؟
ބްރިކްސްގެ މެންބަރުން ކަމަށްވާ އީރާނާއި ޔޫއޭއީ ތިބީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދެ ފަރާތުގަ އެވެ. މިދިޔަ އަހަރު ބޭއްވި ސަމިޓުގައި، އީރާނުގެ އިސްވެރިންނާއި ނިއުކްލިއާ ޕްރޮގްރާމަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން 12 ދުވަސް ވަންދެން ދިން ޢުދުވާނީ ހަމަލާތައް ކުށްވެރިކޮށް ބްރިކްސްއިން ގުޅިފައިވާ ބަޔާނެއް ނެރުނެވެ. ނަމަވެސް، މި އަހަރުގެ މޭ މަހު ބޭއްވި ބްރިކްސްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިމިގެންދިޔައީ މި ހަމަލާތަކާ ގުޅޭގޮތުން ގުޅިފައިވާ ބަޔާނެއް ނުނެރެވި އެވެ.
ބްރިކްސްގެ މެންބަރު ގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުން ވަނީ، ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް އެމެރިކާއިން ކަނޑައަޅާފައިވާ ޓެރިފްތަކާއި އެ ނޫންވެސް ފިޔަވަޅުތަކާ މެދު ދެކޮޅުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި، އެ ބޭފުޅުން ވިދާޅުވީ، މި ފިޔަވަޅުތަކަކީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ (ޑަބްލިއުޓީއޯ) އުސޫލުތަކާ ޚިލާފު ކަންކަން ކަމަށެވެ. ބްރިކްސްގެ މެންބަރު ގައުމުތަކަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓްރަމްޕް އިސްވެ އެ ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެވެ. އަދި، ކުރިމަތިކޮށްފައިވާ ބޮޑެތި ޓެރިފްތަކެވެ.
އެމެރިކާއިން ވަނީ އެކި ބަހަނާތައް ދައްކައި ބްރިކްސްގެ ބައެއް މެންބަރު ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ ބޮޑުކޮށްފަ އެވެ. އަދި، ޓެރިފްތައް ކުޑަކޮށްދިނުމުގެ ބަދަލުގައި އެ ގައުމުތަކުން ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރަން ޓްރަމްޕް ގެންދަވަނީ ޝަރުތު ކުރައްވަމުންނެވެ. ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ބްރިކްސްއަކީ "އެމެރިކާއާ ދެކޮޅު" އިއްތިހާދެކެވެ. އަދި، މި އިއްތިހާދާ ގުޅޭ ހުރިހާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަން އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











