އުނދަގޫ މޮޅާ އެކު، ސިޓީ އަށް ތިން ޕޮއިންޓުގެ ލީޑެއް
21 ސެޕްޓެމްބަރު 2026 | ހޯމަ 02:46މޮޅާ އެކު ސިޓީ އިން ވަނީ އެއް ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައި. އެއް ވަަނައިގައި ސިޓީ އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު


މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ އެންޒޯ ފެނާންޑޭޒް އުފާ ފާޅުކުރަނީ | ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި އުނދަގޫ މޮޅާ އެކު، މެންޗެސްޓަރ ސިޓީ އިން އެއް ވަނައިގައި ލީޑު ނަގައިފި އެވެ.
ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-3 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. އޭގެ ހަތަރު މިނެޓު ފަހުން ބްރިއަން ބްރޮބޭ ވަނީ ލަނޑު ޖަހައި ސަންޑަލެންޑް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ދެ ވަނަ ފަހަރަށް ސިޓީ އިން ލީޑު ނެގީ 29 ވަނަ މިނެޓުަގައި ރަޔަން ޗާކީ ޖެހި ލަނޑުންނެވެ. ނަމަވެސް، ސިޓީ އަށް ލީޑުގައި އޮވެވުނީ ހަތަރު މިނެޓެ އެވެ. ބްރޮބޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ސަންޑަލެންޑް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެންޓޮއިން ސެމެންޔޯ ވަނީ އަލުން ސިޓީ އަށް ލީޑު ނަގައިދީފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ސެމެންޔޯ ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ބްރޮބޭ ވަނީ ސަންޑަލެންޑުގެ ތިން ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. ސަންޑަލެންޑުން އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ސިޓީގެ ފަސް ވަނަ ލަނޑު ޖެހީ އާލިން ހާލަންޑު އެވެ.
މޮޅާ އެކު ސިޓީ އިން ވަނީ އެއް ވަަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއް ވަަނައިގައި ސިޓީ އޮތީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އަށް ފަސް މެޗުން ލިބެނީ 12 ޕޮއިންޓެވެ.










