އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ލިވަޕޫލް ސަލާމަތްވީ ކިރިޔާ
30 އޯގަސްޓު 2026 | އާދީއްތަ 02:09އައު ސީޒަންގެ ލީގުގައި ލިވަޕޫލް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނިއުކާސަލް ޔުނައިޓެޑާ ވެސް އެއްވަރުވެފައި . ލީގުގައި ދެން ލިވަޕޫލް އަށް އޮންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗު


އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގެ ދެ ވަނަ މެޗުގައި ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް އެއްވަރުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ނޮޓިންހަމް ފޮރެސްޓް އިން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ނަގައިފަ އެވެ. ނަމަވެސް، ލިވަޕޫލް އިން ދެ ފަހަރު ވެސް ވަނީ ނަތީޖާ ހަމަހަމަކޮށްފައި އެވެ.
މެޗު ފަށައިގެން 24 ވަނަ މިނެޓުގައި ނޮޓިންހަމް ފޮރެސްޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑަން އެންޑޯޔީ އެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
މެޗުގައި ލިވަޕޫލް އިން ނަތީޖާ ހަމަހަމަކޮށްފައި ވަނީ 60 ވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކް ޖެހި ލަނޑުންނެވެ. އެއީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ދިހަ މިނެޓު ފަހުން ނޮޓިންހަމް ފޮރެސްޓް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދިނީ މޯގަން ގިބްސް ވައިޓް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިކްޓާ މުނޯޒް އެވެ. އެއީ ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އައު ސީޒަންގެ ލީގުގައި ލިވަޕޫލް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނިއުކާސަލް ޔުނައިޓެޑާ ވެސް އެއްވަރުވެފައި އެވެ. ލީގުގައި ދެން ލިވަޕޫލް އަށް އޮންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ.










