އެންޒޯ ފެނާންޑޭސް ސިޓީ އަށް ސޮއިކޮށްފި
2 ސެޕްޓެމްބަރު 2026 | ބުދަ 06:29ސިޓީ އަށް ބަދަލުވުމަށް ފަހު ފެނާންޑޭސް ބުނެފައި ވަނީ، އެ ކުލަބަށް ބަދަލުވެވުމުން އޭނާ ވަރަށް އުފާވާ ކަމަށް. އަދި އޭނާ ހުރީ ސިޓީ އަށް ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށާއި އޭނާގެ އަމާޒަކީ ސިޓީ އިން ބޭނުންވާ ފެންވަރުގެ ކުޅުމެއް ދެއްކުން ކަމަށް ވެސް ފެނާންޑޭސް ވަނީ ބުނެފައި


ޗެލްސީ ދޫކޮށް ސިޓީ އަށް ބަދަލުވި އެންޒޯ ފެނާންޑޭސް | ރޮއިޓާސް
ޗެލްސީ އަށް ކުޅެމުން އައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭސް، މެންޗެސްޓަރ ސިޓީ އަށް ސޮއިކޮށްފި އެވެ.
ފެނާންޑޭސްގެ ސޮޔާ އެކު މި ސީޒަންގައި ކުޅުންތެރިން ގަތުމަށް ސިޓީ އިން ހޭދަކުރި ޖުމްލަ އަދަދު ޕްރިމިއާ ލީގުގެ ރެކޯޑު އަދަދެއް ކަމަށްވާ 458 މިލިއަން ޕައުންޑަށް ވަނީ އަރައިފަ އެވެ. މިއީ ފާއިތުވި ސީޒަނުގައި ލިވަޕޫލް އިން ހޭދަކުރި 415 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެކެވެ.
އުމުރުން 25 އަހަރުގެ ކުޅުންތެރިޔާާ ސިޓީ އަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީ އާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް ހޯދުމަށް ސިޓީ އިން މަސައްކަތް ކުރިއިރު، އޭނާ ހުރީ ކުލަބު ދޫކޮށްލަން ވެސް ބޭނުންވެފަ އެވެ.
ސިޓީ އަށް ބަދަލުވުމަށް ފަހު ފެނާންޑޭސް ބުނެފައި ވަނީ، އެ ކުލަބަށް ބަދަލުވެވުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ ހުރީ ސިޓީ އަށް ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށާއި އޭނާގެ އަމާޒަކީ ސިޓީ އިން ބޭނުންވާ ފެންވަރުގެ ކުޅުމެއް ދެއްކުން ކަމަށް ވެސް ފެނާންޑޭސް ވަނީ ބުނެފަ އެވެ.
ސިޓީގެ ކޯޗަކަށް މިހާރު ހުރި އެންޒޯ މަރެސްކާ އަކީ މީގެ ކުރިން ޗެލްސީ އަށް އިރުޝާދު ދީފައިވާ ކޯޗަށްވާއިރު، ފެނާންޑޭސް ޗެލްސީގައި ހުރި ދުވަސްވަރު މަރެސްކާ ވަނީ އެ ޓީމަށް އިރުޝާދު ދީފަ އެވެ. އެހެންކަމުން، ސިޓީ އަށް ފެނާންޑޭސް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީ މަރެސްކާ ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.
ޗެލްސީ އާއެކީ ހޭދަކުރި ފަސް ސީޒަންގެ ތެރޭގައި ފެނާންޑޭސް ވަނީ އެ ކުލަބަށް ކުޅެދިން 170 މެޗުގައި 31 ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު އޭނާ ވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ އިތުރުން، ފީފާ ކުލަބު ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ފެނާންޑޭސް އަކީ އާޖެންޓީނާގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ.










