އެސްޓަން ވިލާ ބަލިކޮށް، އާސެނަލް ފޯމުގައި
1 ސެޕްޓެމްބަރު 2026 | އަންގާރަ 04:01މެޗުން މޮޅުވެ އާސެނަލް އިން ވަނީ ދެ މެޗުން ހަ ޕޮއިންޓު ހޯދާފައި. ލީގުގައި އާސެނަލް އަށް ދެން އޮންނާނީ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު


މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާ ފާޅުކުރަނީ | ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، އާސެނަލް އިން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.
ހޯމަ ދުވަހުގެރޭ ދަންވަރު އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބުކޮށްފައި ވަނީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ހަަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ.
މެޗު ފަށައިގެން އާސެނަލް އިން ރަނގަޅަށް ކުޅެމުން ދިޔައިރު، އެ ޓީމުން ވަނީ ލަނޑު ޖަހަން ފުރުސަތު ހޯދައިފަ އެވެ. އެގޮތުން އެސްޓަން ވިލާގެ އޭރިޔާ ތެރެއިން އާސެނަލްގެ ކައި ހަވާޓްޒް ފޮނުވާލި ބޯޅަ، ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އަށް ލިބުނު ހިލޭ ޖެހުމެއްގައި މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ދެ ވަނަ ހާފުގެ 59 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެސްޓަން ވިލާގެ އޭރިޔާ ތެރެއިން ރިކާޑޯ ކަލަފިއޯރީ ހުރަސްކޮށްދިން ބޯޅަ ގޯލަށް ފޮނުވާލައިގެން އާސެނަލް އަށް އެ ލަނޑު ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އޭގެ ފަހުން އާސެނަލްގެ ލީޑު ފުޅާ ކުރަން ހަވާޓްޒް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އެސްޓަން ވިލާގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ.
މެޗުން މޮޅުވެ އާސެނަލް އިން ވަނީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިފަ އެވެ. ލީގުގައި އާސެނަލް އަށް ދެން އޮންނާނީ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.










