ގައްދޫ ބަލިކޮށް އީގަލްސް އިން ދެ ވަނަ މޮޅު ހޯދައިފި
21 ސެޕްޓެމްބަރު 2026 | ހޯމަ 02:42މޮޅާ އެކު އީގަލްސް އިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފައި. އީގަލްސް އަތުން ވީ ބައްޔާއެކު، ލީގުގައި މިހާތަނަށް ގައްދޫ އިން ކުޅުނު ތިން މެޗުން ވެސް އެ ޓީމު މި ވަނީ ބަލިވެފައި


ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ގައްދޫ ބައްދަލު ކުރި މެޗުގެ ތެރެއިން | އެފްއޭއެމް
މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި ގދ.ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކުލަބު އީގަލްސް އިން ލީގުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ހަވީރު ގައްދޫ ދަނޑުގައި ކުޅުނު މެޗު އީގަލްސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އީގަލްސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގައްދޫ ކޮޅަށް ލަނޑު ޖަަހަން އީގަލްސް އިން މަސައްކަތް ކުރި ނަމަވެސް، ގައްދޫ އިން ވަނީ އީގަލްސް ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ 68 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ނަގައިދިނީ އިސްމާއީލް އީސަ (މެސީ) އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ މުޙައްމަދު ޖައިލަމް އެވެ.
މެޗުގައި ގައްދޫ އިން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ހޯދައިފަ އެވެ. ނަމަވެސް، އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.
މޮޅާ އެކު އީގަލްސް އިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އީގަލްސް އަތުން ވީ ބައްޔާއެކު، ލީގުގައި މިހާތަނަށް ގައްދޫ އިން ކުޅުނު ތިން މެޗުން ވެސް އެ ޓީމު މި ވަނީ ބަލިވެފަ އެވެ. ލީގުގައި ގައްދޫގެ ފުރަތަމަ ތިން މެޗު ވެސް ކުޅެފައި މި ވަނީ އަމިއްލަ ރަށުގަ އެވެ.










