ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް
13 ސެޕްޓެމްބަރު 2026 | އާދީއްތަ 03:24މެޗުގެ ފުރަތަަމަ ހާފުގައި އީގަލްސް އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި. ދެ ވަނަ ހާފުގައި ބިސް ބުރުން ވެސް ވަނީ ލަނޑެއް ޖަހާފައި


މެޗުގައި ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކުލަބު އީގަލްސް އިން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ބިސް ބުރާ ދެކޮޅަށް ކުޅުނު މެޗު އީގަލްސް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަަމަ ހާފުގައި އީގަލްސް އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ބިސް ބުރުން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އާމިރު ޝުއައިބް އަލް ސަޑެކް މުހައްމަދު އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި އީގަލްސްގެ ލީޑު ފުޅާކޮށްދިނީ ޒައިން ޒަފަރު އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބިސް ބުރުގެ މުހައްމަދު ޒިދާން އީސާ ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައި އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ އިސްމާއީލް އީސަ (މެސީ) އެވެ.
ލީގުގައި އީގަލްސްގެ ދެ ވަނަ މެޗުގައި ނުކުންނާނީ ގައްދޫއާ ދެކޮޅަށެވެ.










