ދިއްދޫ ކައިރިން ވިކްޓަރީ އަށް އުނދަގޫ މޮޅެއް
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:38ލީގުގައި ވިކްޓަރީ އިން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ، އެ ޓީމުން ވަނީ ހަ ޕޮއިންޓު ހޯދާފައި


ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން | އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ވިކްޓަރީ ސްޕޯޓްސް ކުލަބަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.
ލީގުގައި ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުން ވިކްޓަރީ މޮޅުވެފައި ވަނީ 4-3 އިންނެވެ. މެޗުގައި ވިކްޓަރީ އަށް ތިން ލަނޑު ޖަހާފައި ވަނިކޮށް، ދިއްދޫ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ފަހު ވަގުތު ވިކްޓަރީ ވަނީ މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލީޑު ނަގައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭގެ ދެ މިނެޓު ފަހުން ނާއިޒް ހަސަން (ދާދު) ވަނީ ވިކްޓަރީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީގެ ތިން ވަނަ ލަނޑު ޖެހީ ރިޒޭ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ދިއްދޫ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފުރަތަމަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޓެޓޭ ގިޑިއޯން އެވެ. އޭގެ އަށް މިނެޓު ފަހުން ހުސެއިން ޒިމްޔާން ވަނީ ދިއްދޫގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، ދިއްދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގިޑިއޯން އެވެ.
ހިތްވަރުކޮށް ދިއްދޫ އިން ނަތީޖާ ހަމަހަމަ ކުރި ފަހުން، މެޗުގެ 85 ވަނަ މިނެޓުގައި އެ ޓީމުގެ އާދަމް ނަސީމް އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު ވިކްޓަރީ ވަނީ މެޗުން މޮޅުވެފަ އެވެ.
ލީގުގައި ވިކްޓަރީ އިން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ، އެ ޓީމުން ވަނީ ހަ ޕޮއިންޓު ހޯދައިފަ އެވެ. ދިއްދޫގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ.










