ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:48ލީގުގައި ޓީސީގެ ފުރަތަމަ މެޗުގައި ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ބަލިވެފައި


މެޗުގައި ލަނޑު ޖެހުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | އެފްއެޗްއޭއެމް
ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓީސީ ސްޕޯޓްސް ކުލަބުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ގައްދޫގައި ކުޅުނު މެޗުގައި ޓީސީ އިން ވަނީ 4-2 އިން އެ ޓީމު ބަލިކޮށްފަ އެވެ.
މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ޓީސީ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މަހުމޫދު އަޝްރަފް މަހުމޫދު މުސްތަފާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން މަހުމޫދު ވަނީ ޓީސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ޓީސީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ މަގްސަން ޑުރާޑޯ އެވެ. މެޗުގައި ގައްދޫގެ ފުރަތަމަ ލަނޑު ޕެނަލްޓީ އަކުން އުރޯސް ޖެމޮވިޗް ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ 85 ވަނަ މިނެޓުގައި ގައްދޫގެ ބިދޭސީ ކުޅުންތެރިޔާ އެމަނުއަލް އޮލުބެންގާ މަކިންޑޭ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ މާޔިޒް ވަހީދު އެވެ.
ލީގުގައި ޓީސީގެ ފުރަތަމަ މެޗުގައި ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ބަލިވެފަ އެވެ. ގައްދޫގެ ފުރަތަމަ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ބަލިވެފަ އެވެ.










