މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު
ގދ. ގައްދޫގައި ކުރީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، މި ސަރުކާރުން ވީ ވައުދުތަކަށް އިހުމާލުވަމުންދާ ކަމަށް ކުރީގެ މެންބަރު އަމީތު ވިދާޅުވި. މީގެ ތެރޭގައި ހޮސްޕިޓަލާއި އިންޖީނުގެ އަދި މަގުހެދުމުގެ މަސައްކަތް ހިމެނޭއިރު، މިހާރު ފެންނަން އޮތީ ހަމައެކަނި ޑިންގީ ޖެޓީއެއްގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވި


ގދ. ގައްދޫ. މިސަރުކާރާއެކު ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި | ފޭސްބުކް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު ގދ.ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް ކަމަށާއި، އެހެން ހުރިހާ ތަރައްގީގެ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ގައްދޫގެ ތަރައްގީއަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ މި ސަރުކާރުން އެރަށުގެ ރައްޔިތުންނަށް އެވޯޑުކޮށްފައި އޮތީ ތަރައްގީގެ އެންމެ ދެ މަޝްރޫއު ކަމަށެވެ.
އެއީ އެއީ ޕޮލިސް ސްޓޭޝަނެއް އެޅުމަށާއި، ޒުވާނުންގެ މަރުކަޒެއް އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި ދެ މަޝްރޫއު ވެސް ކުރިއަށް ނުދާ ކަމަށް އަމީތު ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް މިންވަރަކީ އެތަނުގެ ކުޑަމިނުން ފެންސެއް ވެސް ޖަހާލެވިފައި ނެތް. ތަން ކޮނެފައި އޮތީ. އެއީ މަދިރި ފެންގަނޑެއް. ނުވަތަ ކުރުގޮތަކަށް ދަންނަވާނަމަ އެއީ މަދިރި އުފައްދާ ކާރުޚާނާއެއް. ދެން އޮތީ ޒުވާނުންގެ މަރުކަޒެއް އެޅުމަށް އެއީ މި ސަރުކާރުން އެވޯޑުކުރި މަޝްރޫއެއް. މި ތަނުގައި ފެންސެއް ޖަހާފައި ހަމައެކަނި ތަނބެއް ޖަހާލަން ފިޔަވައި އިނގޭތޯ. މި ސަރުކާރަށް މި ތިން އަހަރު ފުރިގެންދާއިރުގައި، މި މަޝްރޫއުތައް އެވޯޑުކުރި ތާނގައި ގާތްގަނޑަކަށް ހަ މަހެއްހާ ދުވަސް ފާއިތުވެގެން މިދިޔައީ. ހަ މަސްދުވަހުގެ ތެރޭގައި ހަމައެކަނި ކުރެވުނު މަސައްކަތަކީ، އެ ޒުވާނުންގެ މަރުކަޒެއް އެޅުމަށްޓަކައި ތަނބެއް ޖަހާލުން.ކުރީގެ މެންބަރު މުހައްމަދު އަމީތު
ގައްދޫގައި މަގުހެދުމުގެ މަޝްރޫއަަށް އަލިއަޅުއްވާލައްވައި އަމީތު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައި ކަމަށާއި، ސަރުކާރު ނިމިގެންދިޔައިރު ގާތްގަނޑަކަށް 95 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މިސަރުކާރުގައި ތާރު އަޅާފައިވަނީ އެންމެ 200 އެއްހާ ފޫޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަމީތު ވިދާޅުވީ ގައްދޫގެ ރައްޔިތުންގެ އުންމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއަކީ ހޮސްޕިޓަލުގެ މަޝްރޫއު ކަމަށެވެ. އަދި މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރީ ސަރުކާރުގައި ފައިނޭންސްގެ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް ހޮސްޕިޓަލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށް އަމީތު ވިދާޅުވި އެވެ.
އިންޖީނުގެ އިމާރާތަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި 95 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް އެ އިމާރާތް ވެސް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށެވެ.
ސަރުކާރު ބަދަލުވެގެން ދިޔައިރުގައި މަޝްރޫއުގެ އަމަލީ މަސައްކަތެއް ފެށިފައެއް ނެތް. މި ސަރުކާރު ވެރިކަމަށް އައުމަށް ރައީސް މުއިއްޒު މި ކުރެވޭ ކެމްޕެއިނުގެ ތެރޭގައި ގައްދޫއަށް ވީ ވަރަށް ބޮޑު ވައުދެއް. މި ހޮސްޕިޓަލުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށް. އެހެންނަމަވެސް، މިހާރު މި ސަރުކާރަށް 3 އަހަރު ފުރިގެންދާއިރުގައި، މި ސަރަހައްދުގައި، މި ތަނުގައި ހަމައެކަނި ކުރެވުނު މަސައްކަތަކަށް ފެންނަން އޮތީ ފެންސެއް ޖަހާލުން އެކަނި އެނގޭތޯ. މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މެޝިނަރީއެއް ނެތް. ބޭނުންވާ މީހުންނެއް ނެތް. ވަސީލަތްތަކެއް ނެތް ގާއިމުކުރެވިފައި. ދެން މި މަސައްކަތް މިހާރު ކުރިއަށްދާ ގޮތަކީ، ގައްދޫގެ ބަނދަރު ހެދުމަށްޓަކައި، ގައްދޫގެ ގޮސް ތިބި އެމްޓީސީސީގެ ދެތިން މުވައްޒަފަކު، ކޮންމެ ދުވަހެއްގެ ރޭގަނޑުގެ ވަގުތުތަކުގައި މެޝިނަރީއާ ނުލައި އެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކެއް އެތަނުގެ ތެރޭގައި ކުރޭ. އެހެންނަމަވެސް ހަގީގަތުގައި މަޝްރޫއު ކުރިއަށް ނުދޭ.ކުރީގެ މެންބަރު މުހައްމަދު އަމީތު
މިއަދާ ހަމައަށް އައިއިރު ނިންމާލެވުނު މަސައްކަތެއްގެ ގޮތުގައި ފެނިފައި މިވަނީ ގައްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކަމަށާއި، މި މަޝްރޫއަކީ ވެސް އެމްޑީޕީގެ ސަރުކާރުގައި އެވޯޑުކޮށްގެން ކުރިއަށް ގެންގޮސް ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ނިންމާފައިވާ މަޝްރޫއެއް ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައްދޫގެ ތަރައްގީ އަށް މިސަރުކާރުން މިހާތަނަށް ކޮށްދިން ކަމެއް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ ކަމަށާއި، ވައުދުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.








