ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް
16 ސެޕްޓެމްބަރު 2026 | ބުދަ 03:08އިސްރާއީލުގެ ދިފާއީ ވުޒާރާއާއި މާލީ ވުޒާރާއާ ދެމެދު ބަޖެޓާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ބޭނުންވާ މިސައިލް ގަތުމުގެ މަސައްކަތް ވަނީ ހުއްޓިފައި. އަސްކަރިއްޔާއިން ބަޖެޓަށް އިތުރުކުރަން އެދޭ 4.92 ބިލިއަން ޑޮލަރު ދިނުމަށް މާލީ ވުޒާރާއިން އިންކާރުކުރަމުންދާއިރު، މި މައްސަލައިގެ ސަބަބުން ހަނގުރާމައިގައި ބޭނުންކުރާ ސާމާނާއި ސްޕެއާ ޕާޓްސް ހޯދުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި

ލުބްނާންގެ ހިޒްބުﷲ މުޖާހިދުން އިސްރާއީލުގެ ރަށްތަކަށް ހަމަލާދިނުމަށް ފޮނުވާލި ރޮކެޓުތަކެއް ދިފާއުކުރަން އިސްރާއީލުގެ 'އަޔަން ޑޯމް' ދިފާއީ ނިޒާމު ބޭނުންކުރަނީ | އެކްސް
އިސްރާއީލްގެ ދިފާއީ ވުޒާރާއާއި މާލީ ވުޒާރާއާ ދެމެދު ބަޖެޓާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތަކެއްގެ ސަބަބުން، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ބޭނުންވާ އިންޓަސެޕްޓަރ މިސައިލް ގަތުން ހުއްޓިފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކޮށްފަ އެވެ. މިއީ، އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންދާ އަދި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
މި މައްސަލަ އުފެދިގެން އުޅެނީ އަސްކަރިއްޔާގެ ބަޖެޓަށް ޖަމާކުރަންޖެހޭ ކަމަށް އެ ފަރާތުން ބުނާ 4.92 ބިލިއަން ޑޮލަރާ ގުޅިގެން ކަމަށް އިސްރާއީލްގެ ޗެނަލް 13 އިން ރިޕޯޓުކުރެ އެވެ. ނަމަވެސް، އަސްކަރިއްޔާގެ މި ވާހަކަތައް މާލީ ވުޒާރާއިން ދޮގުކުރެ އެވެ. އެ ފައިސާއަކީ މިހާރު ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާއެއް ނޫން ކަމަށާއި، އެއީ ހުއްދަ ހޯދުމަކާ ނުލައި އަސްކަރިއްޔާއިން އުފައްދާފައިވާ ދަރަނިތަކެއް ދެއްކުމަށް އެދޭ ފައިސާ ކަމަށް އެ ވުޒާރާއިން ބުނެ އެވެ.
އިސްރާއީލްގެ އަސްކަރީ ބަޖެޓުގެ ގޮތުގައި 2026 ވަނަ އަހަރަށް ފުރަތަމަ ކަނޑައެޅީ 47 ބިލިއަން ޑޮލަރު ކަމަށް އިސްރާއީލް ޕަބްލިކް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ރިޕޯޓުކުރި އެވެ. ނަމަވެސް، އީރާނާއި ލުބުނާނަށް އިސްރާއީލުން ދޭން ފެށި އުދުވާނީ ހަމަލާތަކަށްފަހު، އެ ބަޖެޓު 60 ބިލިއަން ޑޮލަރަށް އިތުރުކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަމުރުކޮށްފަ އެވެ. މި ބަޖެޓުގެ ތެރެއިން މިދިޔަ އޮގަސްޓު މަހު ދައްކަންޖެހޭ ފުރަތަމަ ޕޭމަންޓް ކަމަށްވާ 15 ބިލިއަން ޝެކެލް، އަދިވެސް ޖަމާކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފައިސާގެ މި މައްސަލައިގެ ސަބަބުން ޣައްޒާއާއި، އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރި އަދި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ބުރޫއަރަން ފަށާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. މީގެ އިތުރުން، ހަނގުރާމައިގައި ބޭނުންކުރާ ސާމާނުގެ ސްޕެއާ ޕާޓް ލިބުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބަޖެޓުގެ މި ފަދަ ދެބަސްވުންތަކެއް ހުރިކަމަށް އޮގަސްޓު މަހުގެ ފަހުކޮޅު އެއްބަސްވެ، ފައިސާ ހޯދުމުގެ ކަންކަމުގައި އަސްކަރިއްޔާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔާލް ޒާމިރު ބުންޏެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











