ޔުރޭނިއަމް މުއްސަނދިކުރަން އުތުރު ކޮރެއާއިން އާ މަރުކަޒުތަކެއް ބިނާކޮށްފި
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:35އުތުރު ކޮރެއާގެ ނިއުކްލިއާ މަރުކަޒުތައް ފުޅާކޮށް، ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު އިތުރުކުރަމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެފައިވާ ކަމަށް އައިއޭއީއޭއިން ބުނޭ. މި ހަރަކާތްތަކަކީ އދ. ގެ ގަރާރުތަކާ ހިލާފު ކަންކަން ކަމަށް އެ އިދާރާއިން ބުނި ނަމަވެސް، އުތުރު ކޮރެއާއިން ބުނަނީ އެ ގައުމަކީ މިހާރު ނިއުކްލިއާ ބާރެއް ކަމަށާއި އެކަމާ ބެހުމުގެ ހައްގު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް


އުތުރު ކޮރެއާގެ ޔޮންގްބިއޮންގައި ހުންނަ ނިއުކްލިއާ މާއްދާތައް އުފައްދާ ކާރުޚާނާއެއް ސެޓެލައިޓް ފޮޓޯއަކުން ފެންނަ މަންޒަރު. | ރޮއިޓާސް
އުތުރު ކޮރެއާގެ މައި ނިއުކްލިއާ މަރުކަޒު ކަމަށްވާ ޔޮންގްބިއޮންގައި 28 ސެންޓްރިފިއުޖް ކެސްކޭޑް ބެހެއްޓޭވަރުގެ ޔުރޭނިއަމް މުއްސަނދިކުރާ އާ މަރުކަޒެއް ބިނާކޮށްފައިވާ ކަމަށާއި، ކަންގްސަންގައި ހުންނަ މި ފަދަ އެހެން މަރުކަޒެއް ބޮޑުކޮށް އެ ތަން އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއިން (އައިއޭއީއޭ) ހާމަކޮށްފި އެވެ. ވިއެނާގައި މަރުކަޒުވެފައިވާ އައިއޭއީއޭއިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، އުތުރު ކޮރެއާގެ އެކި ސަރަހައްދުތަކުގައި އެ ގައުމުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ހަލުވިކަމާއެކު ފުޅާކުރަމުންދާ ކަން މި ހޯދުންތަކުން ހާމަވެފައިވާ ކަމަށެވެ.
އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އާންމުކުރި މި ރިޕޯޓުގައި އައިއޭއީއޭއިން ބުނީ، ޕިއޮންގްޔަންގްގެ ނިއުކްލިއާ ހަރަކާތްތައް މޮނިޓަރުކުރުމަށް ބޭނުންކޮށްފައި ވަނީ ސެޓެލައިޓް ފޮޓޯތަކާއި އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތައް ފަދަ ވަސީލަތްތައް ކަމަށެވެ . އެ އޭޖެންސީގެ އެއްވެސް އިންސްޕެކްޓަރަކަށް އުތުރު ކޮރެއާއަށް ވަނުމުގެ ހުއްދަ 2009 ވަނަ އަހަރުން ފެށިގެން ދީފައެއް ނުވެ އެވެ.
ޔޮންގްބިއޮންގައި އަލަށް ބިނާކޮށްފައިވާ ދެ ބުރީގެ އިމާރާތަކީ އެ ސަރަހައްދުގައި ހުރި ޔުރޭނިއަމް މުއްސަނދިކުރާ ދެވަނަ މަރުކަޒުކަން ކަށަވަރުވީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޖޫން މަހު އެ ތަނަށް ކުރެއްވި ޒިޔާރަތުގެ ފޮޓޯތަކާއި، އެ އިމާރާތް ހަދަމުންދިޔަ ދުވަސްވަރު ނަގާފައިވާ ސެޓެލައިޓް ފޮޓޯތައް އަޅާކިޔުމަށްފަހު ކަމަށް އެ އޭޖެންސީން ފާހަގަކުރި އެވެ. އެ ޒިޔާރަތުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، މައި އިމާރާތުގެ މަތީ ބުރީގައާއި ތިރީ ބުރީގައި ގޭސް ސެންޓްރިފިއުޖް ކެސްކޭޑްތައް ވަނީ ހަރުކޮށްފައެވެ. އަދި، އެ ފޮޓޯތަކުން ފެންނަ ފަދަ 28 ކެސްކޭޑް އެ އިމާރާތުގައި ބެހެއްޓުމުގެ ގާބިލުކަން ހުރި ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ވެރިރަށް ޕިއޮންގްޔަންގް ކައިރީގައި އޮންނަ ކަންގްސަންގައި ހުންނަ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގައި 2024 ވަނަ އަހަރު އަލަށް އިތުރުކުރި ބައިގެ މަސައްކަތްތައް ޖެނުއަރީ މަހު ފަށާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވެސް ބުނެފައިވެ އެވެ. އައިއޭއީއޭއިން ބުނީ، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަށް މި ގެންނަ ކުރިއެރުންތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފު ކަންކަން ކަމަށެވެ.
"ކަންގްސަން އަދި ޔޮންގްބިއޮންގައި ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުތައް ހިންގަމުންދިއުމާއި، ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ފެންވަރުގެ ނިއުކްލިއާ މާއްދާތައް އުތުރު ކޮރެއާއިން އުފައްދާ މިންވަރު އިތުރުކުރަމުންދާ ކަމަށް ލިބޭ ރިޕޯޓްތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް،" އައިއޭއީއޭގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވިދާޅުވި އެވެ. އައިއޭއީއޭގެ ރިޕޯޓު އާންމުކޮށްފައި ވަނީ ގްރޮއްސީގެ ބަޔާނާ އެކުގަ އެވެ.
އައިއޭއީއޭގެ ބާރު އުތުރު ކޮރެއާއަށް ނުހިނގާނެ ކަމަށް ޕިއޮންގްޔަންގްއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި، އެ އިދާރާ ބަލައިގަތުމަށް ވެސް އުތުރު ކޮރެއާއިން އިންކާރުކުރެ އެވެ. ވިއެނާގައި ހުންނަ އުތުރު ކޮރެއާގެ މިޝަނުން މިދިޔަ ސެޕްޓެމްބަރު މަހު ބުނެފައި ވަނީ، އުތުރު ކޮރެއާއަކީ މިިހާރު ނިއުކްލިޔާ ބާރެއްކަމީ ދެން ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށެވެ. އަދި، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން (އެންޕީޓީ) އިން ބޭރުގައި އޮތް ނިއުކްލިއާ ބާރެއްގެ ދާޚިލީ ކަންކަމާ ބެހުމުގެ އެއްވެސް ގާނޫނީ ހައްގެއް އައިއޭއީއޭއަށް ލިބިގެންނުވާ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
މަސްދަރު: ސީއެންއެން










