ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި
މިއީ ދާދި ފަހުން ރާއްޖޭގެ ޤައުމީ ޓީމާ ހަވާލުވި އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ރާއްޖެ އިން މިފަހަރު ކުޅުނު ފުރަތަމަ މެޗު.


މެޗުގައި ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ސެންޓޭ އުފާ ފާޅު ކުރަނީ | އެފްއޭއެމް
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ދިވެހި ރާއްޖެ މޮޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ ޓިމޯ ލެސްޓޭ އިންނެވެ. ނަމަވެސް ރާއްޖެ އިން ވަނީ ފަހަތުން ވަނީ ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖަހާފައި ވަނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޓިމޯ ލެސްޓޭ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެ ލަނޑު ޓިމޯ ލެސްޓޭ އަށް ޖަހައިދިނީ އަލެސަންޑްރޯ ބަކީޓޯ ލެމޯސް އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގެ ތެރޭގައި ރާއްޖެ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރާއްޖެ އަށް ލިބުނު ކޯނަރެއްގައި އެ ލަނޑު ޖެހީ މުޙައްމަދު އިރުފާން (އިރޭ) އެވެ.
މެޗުން ރާއްޖެ މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ރާއްޖެ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެއީ ޓިމޯ ލެސްޓޭގެ އޭރިޔާ ތެރެއިން ރާއްޖޭގެ އަލީ އަޝްފާޤު (ދަގަނޑޭ) އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
މިއީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިން ކުޅުނު ފަހު މެޗެވެ. ކުރިން ކުޅުނު ފަސް މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިއީ ދާދި ފަހުން ރާއްޖޭގެ ޤައުމީ ޓީމާ ހަވާލުވި އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ރާއްޖެ އިން މިފަހަރު ކުޅުނު ފުރަތަމަ މެޗެވެ.





