މި އަހަރު ޔޫކްރެއިންގެ 5،300 އަކަކިލޯމީޓަރުގެ ސަރަހައްދެއް ހިފައިފިން: ރަޝިޔާ
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:32ޔޫކްރެއިންގެ ސޫމީއާއި ހަރްކިވް ބޯޑަރުގައި ރައްކާތެރިކަމުގެ ޒޯނެއް ހެދުމަށް ރަޝިޔާއިން ވަރުގަދަ އޮޕަރޭޝަންތަކެއް ފަށާފައިވާއިރު، ޒަޕޮރީޜިއާއާއި ޑޮނެޓްސްކްގެ އެކި ސަރަހައްދުތަކަށް އަތްގަދަކޮށް ކުރިއެރުންތައް ހޯދަމުންދާ ކަމަށް އެ ގައުމުން ބުނެފި. ހަނގުރާމައިގެ މައިދާނުގައި ކާމިޔާބީ ލިބޭކަމަށް ދެއްކުމަށް ކީވްއިން ދޮގު މައުލޫމާތު ފަތުރާކަމަށް ރަޝިޔާއިން ތުހުމަތުކުރާއިރު، މި ދައުވާތަކާ ގުޅޭގޮތުން ޔޫކްރެއިނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވޭ

ރަޝިޔާއިން ދިން ވައިގެ ހަމަލާތަކަކާ ގުޅިގެން ޔޫކްރެއިންގެ އޮދެއްސާގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ | އެކްސް
މި އަހަރުގެ މިހާތަނަށް ޔޫކްރެއިންގެ 5،300 އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކާއި 220 އަށްވުރެ ގިނަ އަވަށް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް، އެ ގައުމުން ހޮނިހިރު ދުވަހު ބުނެފި އެވެ. ހަމައެކަނި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް 670 އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކާއި 27 އަވަށް ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް، ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ ސޫމީ އަދި ހަރްކިވް ސަރަހައްދުގެ ބޯޑަރު ކައިރީގައި ރައްކާތެރިކަމުގެ ޒޯނެއް ގާއިމުކުރުމަށް ޓަކައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށް އެ ވުޒާރާއިން ހާމަކުރެ އެވެ. ހަރްކިވްގެ އިރުއުތުރުގައި ޔޫކްރެއިންގެ ކޮންޓްރޯލް އޮތް ސަރަހައްދުތަކުގެ ތެރެއިން 152 އަކަކިލޯމީޓަރުގެ ސަރަހައްދެއް ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ރަޝިޔާ ސިފައިން ހިފާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެ އެވެ. އަދި، މި މުއްދަތުގެ ތެރޭގައި ނުވަ އަވަށް ރަޝިޔާގެ ދަށަށް ގެނެސްފައިވާއިރު، ޔޫކްރެއިންގެ 700 އެއްހާ ސިފައިން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ވެސް ރަޝިޔާއިން ބުނެ އެވެ.
ޒަޕޮރީޜިއާ ސަރަހައްދުގައި ރަޝިޔާގެ ސިފައިން އިތުރު ބިންތައް ހިފައި، ކުރިއަރަމުންދާ ކަމަށް ދިފާއީ ވުޒާރާއިން ބުނެ އެވެ. ސެޕްޓެންބަރު މަސް ފެށުނީއްސުރެ އެ ސަރަހައްދުގެ ހަތަރު އަވަށް ހިފާފައިވާއިރު، އޮރިޚިވްގެ މެދުތެރޭ ސަރަހައްދުތަކުގައި އަދިވެސް ވަރުގަދަ ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ. މި ވަގުތު އެންމެ ވަރުގަދަ ހަމަލާތައް ކުރިއަށްދަނީ ކްރަމަތޮރްސްކް-ސްލޮވިއަންސްކް ސަރަހައްދާ ކައިރީގައި ކަމަށް ވެސް ވުޒާރާއިން ފާހަގަކުރެ އެވެ. މި ގޮތުން ސްލޮވިއަންސްކް، ކްރަމަތޮރްސްކް އަދި ޑްރުޒްކިވްކާ ކައިރީގައި ހުރި ޔޫކްރެއިންގެ ދިފާއީ މަރުކަޒުތަކަށް ރަޝިޔާ ސިފައިން ހަމަލާދެމުންދާއިރު، ޑޮބްރޮޕީލިއާގެ މެދުތެރޭގައި މަގުމަތީގެ ހަނގުރާމަ ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބަޔާންކުރި އެވެ.
ހުޅަނގުގެ މީޑިއާތަކާއި އަސްކަރީ މާހިރުންގެ އެހީތެރިކަމާއެކު، ހަނގުރާމައިގެ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާކަމަށް ދެއްކުމަށް ޓަކައި ކީވްއިން "މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއް" ހިންގަމުންދާ ކަމަށް ވެސް ރަޝިޔާއިން ތުހުމަތު ކުރެ އެވެ. ރަޝިޔާގެ މި ދައުވާތަކާ ގުޅިގެން ޔޫކްރެއިނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި، ހަނގުރާމަ ކުރިއަށްދާތީ، މި މައުލޫމާތުތަކުގެ ސައްހަކަން މިނިވަން މުއައްސަސާތަކުން ކަށަވަރު ކުރުމަށް ވަނީ ދަތިވެފަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











